ބޮކި ޖަހާފަ އަޑިއަށްދާ ގައުމަކަށް އިންވެސްޓަރުން ނާންނާނެ، މިއުޅެނީ އިންވެސްޓަރުންގެ އިތުބާރު ހޯދަން: މުސްތޮ
މި ސަރުކާރުން ކުރަމުން އަންނަ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް މަސައްކަތަކީ ދިވެހިރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު ހޯދުމުގެ މަސައްކަތް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް (އިމްނާ މުސްތޮ) ވިދާޅުވެއްޖެ އެވެ.
މުސްތޮ މިހެން ވިދާޅުވީ "ދެން" އިން ސިލްސިލާކޮށް ގެނެސްދޭ ޕޮޑްކާސްޓް, "ހަވާސާއިން ބޭރުން" ޕްރޮގްރާމްގަ އެވެ.
މުސްތޮގެ ވާހަކާގައި ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކި އެވެ. އަދި ކުރީ ސަރުކާރުން އިގްތިސާދު މެނޭޖްކުރަން ގެންގުޅެމުން އައި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.
މުސްތޮ ވިދާޅުވީ, މިނިވަންކަން ބިނާވެފައި މި އޮންނަނީ އަމިއްލަ ފައި މައްޗަށް ތެދުވެފައި އޮންނަ މިންވަރަކަށް ކަމަށެވެ. އަދި ގައުމެއް އަޅުވެތި ކުރުމަށްޓަކައި, މިކުރާ ކަމަކީ އިގްތިސާދު ފުޑުފުޑުކޮށްލުން ކަމަށާއި, މިދިޔަ ސަރުކާރުން އެކަންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އިތުރު ތަފްސީލުދެމުން ވިދާޅުވީ މިދިޔަ ސަރުކާރު ހަވާލުވުއިރު ރާއްޖެ އޮތީ 64 ބިލިޔަން ޑޮލަރުން ދަރާފައިވާ ކަމަށާއި ސަރުކާރު ނިމުނުއިރު ގައުމު 124 ބިލިޔަން ޑޮލަރުން ދަރުވާލި ކަމަށެވެ. އަދި މިދިޔަ ފަސް އަހަރުގެ ތެރޭގައި 8 ބިލިޔަން ޑޮލަރު ޗާޕްކޮށް, އެތެރޭގެ އެކިއެކި ކުންފުންޏަށް ދައްކަން ޖެހޭ ދަރަނި 9 ބިލިޔަނަށް ވަނީ އަރާފައިވާކަން ފާހަގަކުރި އެވެ.
މިދިޔަ ސަރުކާރު ނިމި, މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު, މުސްތޮ ފާހަގަ ކުރެއްވީ, ގައުމު އޮތީ ބޮކި ޖަހާފައި އަޑިއަށް ދާން ކަމަށެވެ. އަދި އެފަދަ ގައުމަކަށް އިންވެސްޓަރުން އިތުބާރު ނުކުރާނެ ކަމަށާއި, ސަރުކާރާ ހަވާލުވެ, އެންމެ މުހިންމު ކަމެއް ދިނީ, އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ކަމަށް ވިދާޅުވި އެވެ.
"މިދިޔަ ސަރުކާރުގެ 5 އަހަރުގެ ފަހުކޮޅުގައި, މާލީ ބޭރުގެ އިދާރާތަކުން ސަރުކާރަށް ރިކުއެސްޓް ކުރަން ގެންދިޔައީ މާލީ ސިޔާސަތަށް ބަދަލު ކުރަން, އޭރު ބަސް ނާހާ, ބޭނުންހާ ވަރަކަށް ފައިސާ ޗާޕުކޮށް, ލޯނުނަގާ ކަންތައް ކުރުމުގެ ނަތީޖާ މި ފެންނަންނީ" މުސްތޮ ވިދާޅުވީ އިންވެސްޓަރުންގެ އިތުބާރު ގެއްލިގެން ދިޔައީ ކުރީ ސަރުކާރުން ކަންތައް ކުރި ގޮތުން ކަމަށާއި އެ އިތުބާރު މި ސަރުކާރުން ހޯދާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ މި އިތުބާރު ހޯދުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުން ގެންދާތަން. އޭގެ ނަތީޖާއެއް ކަންނޭނގެ އިހަކަށް ދުވަހު އައިއެމްއެފް އިން ނެރުއްވާފައި އޮތް ރިޕޯޓް. އައިއެމްއެފް ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖެ މިދާ މިސްރާބުން ގޮސްފިނަމަ މި އަހަރު ނިމޭއިރު, މި ގައުމުގެ އިގްތިސާދު ބޮޑުތަނުން ރަނގަޅުވާނެ"
އޭގެ އިތުރުން މަޖިލިސް ތެރެއިން ގަނޫނުތައް ހަދައިގެން ވެސް އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މުސްތޮ ވިދާޅުވި އެވެ.