ޚަބަރު

ބޯކޮށާ 4 ތަނެއް ބަންދުކޮށް 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް! 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ބޯކޮށާ ތަންތަނަށް ހާއްސަކޮށް އިމިގްރޭޝަނުން ހިންގި ރެއިޑެއްގެ ތެރެއިން/ ފޮޓޯ: އިމިގްރޭޝަން
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަންއާ ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަންގައި ހުޅުމާލޭގައި ހިންގާ ބޯކޮށާ 4 ތަނެއް ބަންދުކޮށް އެ ތަނުގައި މަސައްކަތްކުރަމުން ދިޔަ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ ހެނދުނު ކުރި ރެއިޑްގައި ބޯކޮށާ 6 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންނަކީ ލިޔެކިޔުމެއް ނެތި ރާއްޖޭގައި އުޅެމުންދާ މީހުންނެވެ. އެ މީހުންގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ.

Ads by Hajj Corporation

ބޯކޮށާ ތަނަކުން ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ހުޅުމާލޭގައި ބިދޭސީން ހިންގަމުންދާ ކޮފީއާއި ޓޭކްއަވޭ ފިހާރަތަކަށް ހާއްސަކޮށް މިދިޔަ އަންގާރަ ދުވަހު ވަނީ ރެއިޑެއް ހިންގާފަ އެވެ. އެ ރެއިޑުގައި 7 ތަނެއް ބަލާ ފާސްކޮށް ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުން ދިޔަ 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ހަމަ އެ ދުވަހު ވީރާނާވެފައިވާ ގެއެއްގައި ކާތަަކެތި ތައްޔާރުކުރަމުން ދިޔަ 3 ބިދޭސީއަކު ވެސް އިމިގްރޭޝަރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ދިރިނޫޅެވޭ ވަރަށް ބާވެ, ވީރާނާވެފައިވާ ގެއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ މައްސަލައަކާ ބެހޭ ގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެންނެވެ.

އިމިގްރޭޝަނުން ބުނީ އެ ރެއިޑުގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާތީ އެކަންކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ތެލުލި ފަތާއި ޖަބުލާނީއާއި ކުދި ގުޅަ އަދި އަތު ޖެހި ފަދަ ތަކެތި އެތަނުގައި ހުއްޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!