Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ރިޕޯޓް

އޮތީ އިހްލާސްތެރިކަން، ވައުދު ނުފުއްދޭންވީ ސަބަބެއް ނުފެނޭ: މުސްތަފާ

އޮތީ އިހްލާސްތެރިކަން، ވައުދު ނުފުއްދޭންވީ ސަބަބެއް ނުފެނޭ: މުސްތަފާ
މިހަފްތާގެ ތެރޭގައި އިދިކޮޅުން ސަރުކާރަށް ކުރިމަތި ކުރުވި ޕްރެޝަރުތަކާއި ގުޅިގެން ސަރުކާރު ދިފާއު ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ ހުރިހާ މެމްބަރުންނާއި، ވަޒީރުންގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ޓީވީތަކަށް އަރައި އިންޓަވިއު ދިނުމަށް މުލިއާގެއިން އެންގިކަމުގެ އަޑުތަކެއް ފެތުރުނެވެ.
"ނޫން ނޫން. ހަމަ އެއްވެސް ފަރާތަކުން އަންގައިގެންނެއް ނޫން. ހަމަ މިކޮޅުން ގުޅާލީމަ މިއައީ" މި ސުވާލުގެ ޖަވާބުގައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ މިހެންނެވެ.
ދެން އޮންލައިންގެ ޕޮޑްކާސްޓު "ހަވާސާއިން ބޭރުން" ގައި ބައިވެރިވެވަޑައިގެން ރާއްޖޭގެ ސިޔާސީ މަސްރަހާއި ސަރުކާރުގެ ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން މުސްތަފާ ވާހަކަ ދެއްކެވި އެވެ. https://www.youtube.com/watch?v=Wi_zWo6mPsQ  

ދަރަނި ނުދެއްކިއްޖެނަމަ އަޅުވެތި ވެދާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހަގީގީ މާނައިގައި މިނިވަންކަން ލިބޭނީ ގައުމެއްގެ އިގްތިސޯދީ ސިޔާދަތު ކަށަވަރު ކުރެވިގެން ކަމަށެވެ. ރައީސްގެ މި ވާހަކަފުޅު މުސްތަފާ އިތުރަށް ތަފްސީލުކޮށްދެއްވި އެވެ.
"ބައިވަރު ދަރަނިތަކެއް ނަގާ ދަރަނި ބޮޑުވެ އެ ދަރަނި ނުދެއްކޭ ހިސާބަށް ދިޔައިމަ ދެން މި ޖެހެނީ އެހެން ކޮންމެވެސް ބަޔަކަށް ބަރޯސާ ވާން"
ސިންގަޕޫރުގެ މިސާލު ނަންގަވަމުން މެމްބަރު ވިދާޅުވީ އިގްތިސޯދީ ގޮތުން ގައުމެއް ވަރުގަދަ ވެއްޖެނަމަ އެގައުމެއް މިނިވަންކަމާއިއެކު ދެމިއޮންނާނެ ކަމަށެވެ. އަޅުވެތިކުރަން ބޭނުންވާނަމަ ގައުމުގެ އިގްތިސޯދު ފުނޑުފުނޑު ކޮށްލާކަމަށާއި އެހާހިސާބުން މިނިވަންކަންވެސް ގެއްލިގެން ދާކަމަށް މުސްތަފާ ވިދާޅުވި އެވެ.   [caption id="attachment_235341" align="alignnone" width="690"] މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ[/caption]  

މަޖިލިސް މެޖޯރިޓީ ލިބުމަކީ ކުރިއަރަން ލިބުނު ފުރުސަތެއް

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ހިނގަމުން ދިޔައި 19 ވަނަ ރައްޔިތުންގެ މަޖިލީހެވެ. އެ މަޖިލީހުގައި އޮތީ އެމްޑީޕީގެ މެޖޯރިޓީ އެވެ. އެހެންވެ މިހިނގާ 2024 ވަނަ އަހަރުގެ ބަޖެޓު ފާސްކުރުން ފަދަ ކަންކަމުގައި ގޮންޖެހުންތަކެއް ހުއްޓެވެ. މިމައުޟޫއަށް މުސްތަފާ އަލިއަޅުއްވައިލެއްވި އެވެ.
"ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ވަރަށް މުހިންމު ބިލެއް އެއީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލަކީ... އެ ބިލަށް ރައްޔިތުންގެ މަޖިލިސްގައި ކިހިނެއްތޯ ހެދީ އޭރުގަ. އެ ބިލު އެއްލައިލީ. ބޭކާރުކޮށްލީ. ބަލައި ނުގަތީ"
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލުގެ މުހިންމުކަމަށް އަލިއަޅުއްވައިލައްވަމުން މުސްތަފާ ވިދާޅުވީ އެފަދަ ގާނޫނެއް އައިސްގެން ނޫނީ ދަރަނިން މިންޖުވާން ނެތްކަމަށެވެ. ކޮންގްރެސް ޕާޓީގެ މެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުން އެ ބިލު ބަލައިގަނެ ކޮމިޓީ މަރުހަލާގައި އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.  އެ ބިލުގެ އިތުރުން އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ތިން ބިލެއްގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ދާކަމަށް ވިދާޅުވި އެވެ. އެއީ ދައުލަތުގެ ދަރަންޏާ ބެހޭ ބިލު، ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ އިތުރުން ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.  

އިގްތިސޯދީ ބާރުވެރިކަން ލިބޭނީ އިންވެސްޓަރުން އައިސްގެން

ރާއްޖެއަށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތްތަކެއްވެސް މި ސަރުކާރުން ވަނީ ފަށައިފަ އެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ގާނޫނީ މަސައްކަތްތަކެއް ރައްޔިތުންގެ މަޖިލީހުން ކުރަމުން ގެންދާއިރު އެކަމާއި ގުޅޭގޮތުންވެސް މުސްތަފާ ވާހަކަ ދެއްކެވި އެވެ.
"ފައިސާ ހުރި ފަރާތްތަކުން އައިސް މިތާ އިންވެސްޓު ކޮށްގެން ހަގީގީ އިގްތިސޯދީ ބާރުވެރިކަމެއް އަޅުގަނޑުމެންނަށް ލިބިގެން ދާނީ"
އެހެންނަމަވެސް އިންވެސްޓަރުން ގެނެވޭނީ އިގްތިސޯދީ ގޮތުން ގައުމު ބާރުވެރި ކުރުވިގެންކަމަށް މުސްތަފާ ދެކެވަޑައިގަންނަވަ އެވެ. "ބޮކި ޖަހާފައި އަޑިއަށް ދާ ތަނަކަށް" އެއްވެސް މީހަކު އިންވެސްޓު ނުކުރާނެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި އިތުރުވި ދަރަނި ފާހަގަކުރައްވައި މުސްތަފާ ވިދާޅުވީ ރާއްޖެއަށް ދިމާވެގެން މިއުޅެނީ މާލީ ހާލަތު ދަށަށް ދިޔުމުގެ މައްސަލަ ކަމަށެވެ. އަދަދުތައް ހާމަކުރައްވަމުން އޭނާ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ދަރަނި ދެގުނަވެ 124 ބިލިއަނަށް އަރައިގެން ގޮސްފައިވާ ކަމަށެވެ. ކުރީ ސަރުކާރުން ކޮށްފައިވާ ބައެއް ކަންކަން މުސްތަފާ ފާހަގަކުރެއްވި އެވެ. އެ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕު ކުރި އެވެ. އަމިއްލަ ވިޔަފާރިތަކަށް ދައުލަތުން ފައިސާ ދައްކަން ޖެހިފައި އޮތެވެ. ބޭރުގެ ދަރަންޏާ، އެތެރޭގެ ދަރަނީގެ އިތުރުން އެތައް ފައިސާއެއް ޗާޕު ކުރިއިރު ބޭރުގެ ފަރާތްތަކުން އިންވެސްޓު ކުރަން ޖެހިލުންވާނެ ކަމަށް މެމްބަރު ވިދާޅުވި އެވެ. ކުރީ ސަރުކާރުގެ ދުވަސްވަރު އައިއެމްފް ފަދަ ތަންތަނުން ރާއްޖޭގެ ގާނޫނުތަކަށް ބަދަލު ގެނައުމަށާއި ހިންގުމުގެ އުސޫލުތަކަށް ބަދަލު ގެންނަން ތަކުރާރުކޮށް އެދެމުން ދިޔަކަން މުސްތަފާ ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް އެކަންކަމަށް ފުރަގަސްދެމުން ދިޔުމުގެ ނަތީޖާއަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލިގެން ދިޔުންކަމަށް ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ ކޮބައިތޯ؟ އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ އެއްކަލަ އިންވެސްޓަރުން ނުވަތަ ފައިސާ ދޭ އެކިއެކި އޮތޯރިޓީތަކުގެ އިތުބާރު ހޯދޭނެ މަގަކަށް އަޅުގަނޑުމެންގެ މިސްރާބު ބަދަލު ކުރުން"
މިއަދުގެ ސަރުކާރުން ކުރަމުން ދަނީ މި މަސައްކަތެވެ. އައިއެމްއެފްއިންވެސް މިކަން ގަބޫލުކޮށްފި އެވެ. މުސްތަފާ ވިދާޅުވި ގޮތުގައި އެންމެ ފަހުގެ ރިޕޯޓުގައި އައިއެމްއެފްއިން ބުނީ މިއަހަރު ނިމޭއިރު ރާއްޖޭގެ ހާލަތު މިހާރަށްވުރެއް ބޮޑުތަނުން ރަނގަޅުވާނެ ކަމަށެވެ. ރައީސް މުއިއްޒުގެ އިގްތިސޯދީ ސިޔާސަތު އައިއެމްއެފްއަށްވެސް ގަބޫލު ކުރެވެ އެވެ. ރައްޔިތުންގެ މަޖިލީހުގައި މިހާރު މަސައްކަތްތައް ކުރިއަށްދާ ބިލުތަކުގެ ތަފްސީލަށް މުސްތަފާ ވަޑައިގެންނެވި އެވެ. އަދި އެއިން ކޮންމެ ބިލެއްގެ ސަބަބުން އިގްތިސޯދަށް ކުރާނެ އަސަރުތަކާއި އޭގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވި އެވެ.   [caption id="attachment_235345" align="alignnone" width="690"] މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ[/caption]  

އިދިކޮޅުގެ މަގްސަދަކީ އޮޅުވައިލުން

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު އޮތީ ކޮވިޑް-19 ގެ ކުރިން އޮތް ހާލަތަށްވުރެއް ރަނގަޅަށެވެ. މާލީ ގޮތުން ރާއްޖެއަށް ދަތިތަކެއް ދިމާވެގެން މިއުޅެނީ މި ސަރުކާރަށް އެކަން މެނޭޖުކުރަން ނޭނގިގެންނެވެ. މިވާހަކަތަކަށް މުސްތަފާ ރައްދު ދެއްވި އެވެ.
"ހަމަ ރަނގަޅަށް ކަމެއް ކުރެވޭ އިރުގައިވެސް އެކަން ބަދަލުކޮށް، ގޯސްކޮށް، ރައްޔިތުންގެ ހިތުގައި ނަފްރަތު، ގައުމުގެ ތެރޭގަ ފަސާދަ އުފެދޭ ކަހަލަ ވާހަކަތަކަކާ ވިސްނުންތަކެއް ގެނައުމަށްޓަކާ ދައްކާ ވާހަކަތަކެއް މިހާރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ"
މިކަން ކާމިޔާބެއް ނުވެ އެވެ. ހެއްކެއްގެ ގޮތުގައި މުސްތަފާ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ އެވެ. އިދިކޮޅުން ކުރާ މަސައްކަތްތަކަށް ފަރުވާލެއް ނެތި ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ މެނިފެސްޓޯގައި ހުރި ކަންކަން ހާސިލް ކުރުމަށްކަމަށް މުސްތަފާ ވިދާޅުވި އެވެ. މާލީ ކަންކަން މެނޭޖު ކުރަން ސަރުކާރަށް ނޭނގޭކަމަށް އަމީރު ވިދާޅުވި ނަމަވެސް މިހާރު މަޖިލީހުގައި އޮތް ބިލުތައް ފާސްކޮށް ގާނޫނަކަށް ވުމުން ރާއްޖޭގެ އިގްތިސޯދު ގޯސްވާނެކަމަށް ވިދާޅުވާން ނުކެރޭނެކަމަށް މުސްތަފާ ވަނީ ވިދާޅުވެފަ އެވެ. މިހާތަނަށްވެސް ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވާތަން ނުފެންނަ ކަމަށާއި އިދިކޮޅުން ކުރާ މަސައްކަތަކީ ޖައްވުގެ ތެރޭގައި ދައުރު ކުރުވަން ހަމައެކަނި ވާހަކަތަކެއް ދެއްކުން ކަމަށް ވިދާޅުވި އެވެ.   [caption id="attachment_235347" align="alignnone" width="690"] މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ[/caption]  

އެންމެ ބޮޑު ޔަގީންކަމެއް ބޯހިޔާވަހިކަމުގެ ވައުދަށް

ރައީސް މުއިއްޒުގެ ސަރުކާރަށް މާލީ ކަންކަން މެނޭޖުކުރަން ނޭނގޭކަމަށް އިދިކޮޅުން ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނަކީ އިގްތިސޯދީ މާހިރަކަށް ނުވާތީކަމަށް ބުނެ އެވެ. ބޯހިޔާވަހިކަމުގެ ވައުދަކީ އެމަނިކުފާނުގެ އެންމެ މުހިންމު އެއް ވައުދުކަމަށް ވާއިރު މި ވައުދު ފުއްދޭނެކަމުގެ ފުރިހަމަ ޔަގީންކަން މުސްތަފާގެ އެބަ އޮންނެވި އެވެ. އެއީ އެމަނިކުފާނަކީ ބޯހިޔާވަހިކަމާއި ގުޅުންހުރި ކަންކަމުގައި އެންމެ ތަޖުރިބާ ހުންނެވި އެއް ބޭފުޅާއަށް ވާތީ އެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒަކީ ތަޖުރިބާ އާއި އިލްމުގެ ގޮތުން މިގައުމުގަ މިވަގުތު މިކަން ކުރެވޭނެކަމަށް (ބޯހިޔާވަހިކަމުގެ ވައުދު ފުއްދޭނެކަމަށް) އަޅުގަނޑުމެން ގަބޫލުކުރާ ހަމައެކަނި ބޭފުޅަކީ އެއީ"
މިހާތަނަށް ރާއްޖޭގައި ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކުރިއަށް ގެންދިޔައީ ރައީސް އަބްދުﷲ ޔާމީން ރައީސްކަން ކުރެއްވި ޕީޕީއެމްގެ ވެރިކަމުގަ އެވެ. އެއީ ހުޅުމާލޭ ފަޅުން ބިމެއް ހިއްކައި، އެތަނުގައި މަގުތައް ހަދައި ރައްޔިތުން ދިރިއުޅެން އުސް ޓަވަރުތަކެއް ހަދައިގެންނެވެ. އޭރު ޑރ. މުއިއްޒު ހުންނެވީ ހައުސިންގް މިނިސްޓަރުގެ މަގާމުގަ އެވެ. މުސްތަފާ ވިދާޅުވީ އޭގެ ފަހުން އައި ސަރުކާރުގައި އިހްލާސްތެރިކަމެއް ނެތުމުން ވެރިކަމުގެ ފަހު ދުވަސްތަކުގައި ހިއްކާފައި ނެތް ފަޅުތަކުން ގޯތި ދޫކުރިތަން ފެނުނު ކަމަށެވެ. ރައީސް ޞާލިހުގެ 5 އަހަރު ނިމުނުއިރު އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރު ކުރެވިފައި ނުވާކަމަށް ވިދާޅުވި އެވެ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ މަޝްރޫއަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ފުރިހަމަ ހައްލުކަމަށް މުސްތަފާ ދެކެވަޑައިގަންނަވަ އެވެ. ރަސްމާލެ ތަރައްގީކޮށް ނިމުމުން ގްރޭޓާ މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަން ނުލިބޭނެ އެއްވެސް ރައްޔިތަކު ނުހުންނާނެކަމަށް އޭނާ ވިދާޅުވި އެވެ. މުސްތަފާ ވިދާޅުވީ އެންމެ މުހިންމު ކަމަކީ އިހްލާސްތެރިކަން ކަމަށެވެ. ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ފުރިހަމަ އިހްލާސްތެރިކަމާއިއެކު ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މި ދައުރު ނިމޭއިރު ވައުދުތައް ނުފުއްދޭންވީ އެއްވެސް ސަބަބެއް ނުފެންނަކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
"މިއަދު އެންމެ އަގުބޮޑު ބިމަކީ ހުޅުމާލެ. ރަސްމާލެ ނިމިގެން ދާއިރު ހުޅުމާލެ ބިމަށްވުރެއް އަގުބޮޑު ބިމަކަށް ވެގެންދާނެ ރަސްމާލެ"

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް