ޖައިޝަންކަރު އައްޑޫ އަށް ވަޑައިގެންފި
ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އައްޑޫ ސީޓީ އަށް މިއަދު ވަޑައިގެންފި އެވެ.
އައްޑޫ ގަމުން ޖައިޝަންކަރަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އާއި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އެވެ. އެ ދެބޭފުޅުން އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާންވެސް ޖައިޝަންކަރަށް މަރުހަބާ ކިޔަން ވަޑައިގެންނެވި އެވެ. ޖައިޝަންކަރުގެ އަރިހުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާރުވެސް ބައިވެރިވަޑައިގެންނެވި އެވެ.
ފޮރިން މިނިސްޓްރީން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޖައިޝަންކަރު އައްޑޫ އަށް ކުރާ ދަތުރުގައި އިންޑިއާގެ އެގްޒިމް ބޭންކް އޮފް އިންޑިޔާގެ އެލްއޯސީ ފެސިލިޓީގެ ދަށުން އިންޑިއާގައި ހިންގާ ދެ މަޝްރޫއުއެއް އިފްތިތާހު ކޮށްދެއްވާނެ ކަމަށެވެ.
ހުކުރު ދުވަހު ރާއްޖެ ވަޑައިގެންނެވި ޖައިޝަންކަރު އިއްޔެ ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާ ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރަން ހިންގި މަޝްރޫއުތައް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވާފަ އެވެ.
އަދި އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ އިންޑިއާ-ރާއްޖެ ގުޅުން ބަދަހިކުރުމަށް ޖައިޝަންކަރު ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ. ރޭގެ ވަގުތެއްގައި ޖައިޝަންކަރު ވަނީ ކުރީގެ ފޮރިން މިނިސްޓަރު އަދި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވާފަ އެވެ.