ޚަބަރު ރިޕޯޓް

މީހަކު ނުވެގެން ގޯލަށް އެރި ޒައިދާން ، މިއަދު ރާއްޖޭގެ އެންމެ އުހުގައި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ރާއްޖެއިން ބޭރުގައި ކުޅުނު މުބާރާތުގައި ޒައިދާން

ފުޓުބޯޅައާއި ފުޓުސަލްއަށް ކިތަންމެ ފޯރިއެއް އޮތަސް، ރައްޓެހިންނާއި އާއިލާއާ އެކީ ކުޅެން ގޮސް ތިބޭ ވަގުތު ކީޕަރަށް އަރާނެ މީހަކު ހަމަ ނުވެއެވެ. ކުޑައިރުއްސުރެން ޒައިދާން އަހުމަދު (އަސޫ) ކުޅެން ގޮސް އުޅެމުން ކުރަން ޖެހުނީ ހަމަ އެ ތަޖުރިބާއެވެ. ކީޕަރަކަށް އަރާނެ މީހެއް ނެތިގެން ކީޕަރަކަށް އޭނާ އަރަން ފެށީއެވެ. އޭރު އަރަން ފެށި ގޮތަށް ނުފޭބިއެވެ. މިހާރު އެއީ އެންމެ ކުރިއަރަމުން އަންނަ އެއް ކީޕަރެވެ.

Ads by MWSC

ގދ. ވާދޫ ފުޓުސަލް ޓީމުގެ ކެޕްޓަން އަޔާޒު އަހުމަދު (އަޔާ) އެންމެން ވެސް ދަންނާނެއެވެ. ޒައިދާނަކީ އަޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. ފުޓުބޯޅައިގެ ތެރެއަށް ޒައިދާން ވަދެވުނު ސަބަބަކީ އެއީއެވެ. އޭނާގެ ބޭބެއާއި މުޅި އާއިލާއެވެ. ފުޓުބޯޅަ އާއިލާއަކަށް ނިސްބަތް ވުމެވެ. އޭގެ ތެރޭގައި އެންމެ ޅައިރުން ފެށިގެން ވަދެވި ވަރަށް ޒުވާން އުމުރުފުރާގައި ވިދަން ފެށި، އަޔާއެކޭ އެއް ފަދައިން ހަމަ އާއިލާއަށް ލިބުނު ފަހުރެކެވެ.

ފުޓްސަލް ތެރެއަށް ޒައިދާނަށް ވަދެވުނީ 2016ވަނަ އަހަރު އއ. ތޮއްޑޫގައި އީދުގައި ބޭއްވި ފުޓްސަލް މުބާރަތަކުންނެވެ. އޭރު 17 އަހަރުގެ ޒައިދާން އެ މުބާރާތުން ގަދަ ފަހެއްގެ ހިމެނުނެވެ. ދެއްކި ކުޅުން މީހުންނަށް ކަމުގޮސް ފުޓްސަލްގައި ނަގާ ކިޔާ ނަމަކަށް ޒައިދާންގެ ނަން ވިއެވެ.

"ވަކި މީހެއް ކުޅޭތަން ފެނިގެންނެއް ނޫން. ކުޑައިރު ކުޅެން ގޮސް ކީޕަރަކަށް އަރާނެ މީހެއް ނެތިގެން އަރަން ފެށީ އޭރު ކީޕަރަކަށް، ދެން އެހެންް ގޮސްފައި އަސްލު ބޮޑަށް ކީޕަރަކަށް ކުޅެން ޝައުގުވެރިވީ" ދެންއޮންލައިން އަށް ޒައިދާން ކިޔައިދިނެވެ.

ރޯލް މޮޑެލްގެ ގޮތުގައި ޒައިދާން ދެކެމުން އައި ކުޅުންތެރިން ވެސް އެބަ ތިއްބެވެ. ކީޕަރުގެ ކުޅުމަށް އޭނާގެ އެންމެ ބޮޑު ރޯލް މޮޑެލަކީ ރާއްޖެ ދުށް އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދެވެ.

ދެން އޭރު އިމްރާނަށް ވަރަށް ސަޕޯޓް ކުރަން، މިހާރު ވެސް ކުރަން،" ޒައިދާން ބުންޏެވެ.

އިމްރާނު ކުޅޭ ކޮންމެ މެޗެއް ކަހަލަ ގޮތަށް ޒައިދާން ބަލައެވެ. ފުޓްސެލްއިން ޒައިދާންގެ ފެވަރިޓަކީ އިސްމާއީލް ފާތިހް (ތާޑޭ)އެވެ.

ފާހަގަކޮށްލެވޭ ކާމިޔާބީ

ޒައިދާންއަށް އެންމެ ކާމިޔާބު އެއް އަހަރަކީ 2019ވަނަ އަހަރެވެ. އެ އަހަރު ކްލަބް މޯލްޑިވްސް ކަޕް (ސީއެމްސީ)ގައި ފެނަކަ ޓީމަށް ކުޅެ އެ ޓީމަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި ޒައިދާން މުހިންމު ދައުރެއް އަދާކުރިއެވެ.

އެ މުބާރާތުގެ ފައިނަލްގައި ޒައިދާން ކުޅެން ޖެހުނީ ރާއްޖޭގެ އެންމެ ގަދަ ފުޓްސަލް ކުޅުންތެރިން ހިމެނޭ އެމްޕީއެލްއާ ދެކޮޅަށެވެ.

އެމްޕީއެލްގެ ކުޅުންތެރިންގެ ގޮތުގައި ތިބީ ރާއްޖޭގެ ފުޓްސަލްގައި ނަން ވިދާލާ ކުޅުންތެރިން ކަމުގައިވާ މުހައްމަދު ސާދު ނިޒާރު (ސާދު)، އަލީ ޝަމާލް (ޝަންމު)، އިބްރާހީމް އަތީގް (އިއްބެ) އަދި އަލީ ހައިސަމް (ޗުންޕު) އެވެ.

 

އެ ކުޅުންތެެރިންނާ ދެކޮޅަށް ފެނަކައިން ހޯދި ކާމިޔާބީއާ ދޭތެރޭގައި ކީޕަރު ޒައިދާން މިހާރު ވެސް ފަހުރުވެރި ވެއެވެ. އަދި އެ އަހަރަކީ އަތޮޅުތެރޭގެ ގިނަ މުބާރާތްތަކުގައި ޒައިދާން ކުޅުނު އަހަރެއްކަމަށްވީއިރު އެ މުބާރާތްތަކުގައި ޓީމަށް ޗެމްޕިއަންކަން ހޯދައިދީފައި ވެއެވެ.

ޒައިދާންގެ އެންމެ ބޮޑު ސަޕޯޓަކީ މަންމަ!

ފުޓްސަލްގައި ނަން ވިދާ ފަދަ ކުޅުންތެރިއަކަށްވުމަށް ގިނަ މީހުންގެ ސަޕޯޓް ލިބިފައި ވާކަމަށް އޭނާ ފާހަގަކުރި އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ސަޕޯޓަކީ މަންމަކަމަށް ވެސް ޒައިދާން ބުންޏެވެ.

އަދި އާއިލާގެ އިތުރުން ދެން އެންމެ ބޮޑު ސަޕޯޓެއް ލިބެނީ ރާއްޖޭގެ ކުޅިވަރު ވިޔަފާރީ ހިންގާ އޮބިއަންއިން ކަމަށް ވެސް ޒައިދާން ބުންޏެވެ.

ކެރިއަރުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުން

ގާތްގަނޑަކަށް 8 ވުރެ ގިނަ ދުވަސްވަންދެން ކުޅުމުގައި އުޅުނު ޒައިދާން ފާހަގަކުރީ ރާއްޖޭގައި ކުޅުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ ފުޓްސަލް އިންޑޯ ދަނޑެއް ނެތުން ކަމަށެވެ.

"ބޭރު ގައުމުތަކަށް ގޮސް ކުޅެން މި ޖެހެނީ އިންޑޯ ޕިޗްއެއްގައި. މިކޮޅުގައި ޕްރެކްޓިސް ކުރަނީ ޓާފް އެއްގައި ވީމަ ވަރަށް އުދަނގޫވޭ،" ޒައިދާން ބުންޏެވެ.

އަނިޔާއަށް ފަހު އަނެއްކާ ވެސް ކުޅުމަށް

ގިނަ މުބާރާތްތަކެއް ކުޅެމުން އަންނަ ޒައިދާން ވަނީ ކުޅުމުގެ ތެރެއިން ކޮނޑަށް ލިބުނު އަނިޔާގެ ސަބަބުން 2 މަސް ދުވަސް ކުޅުމާ ދުރުގައި ހޭދަކޮށްފައެވެ.

"ގޯލްޑަން ފުޓްސަލްގައި ކޮނޑަށް ލިބުނު އަނިޔާ ރިކަވާ ނުވެގެން 2 މަސް ވަންދެން ކުޅުމާ ދުރުގައި ހުރިން. ދެން އެންމެ އަވަހަށް ފެނިގެންދާނީ މާލޭގައި ސެޕްޓެންބަރު މަހުގައި އޮންނަ ކްލަބް މޯލްޑިވްސް (ސީއެމްސީ) އިން،" ޒައިދާން ބުންޏެވެ.

ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޒައިދާންގެ މެސެޖް

ޒައިދާން ގަބޫލުކުރާ ގޮތުގައި ކުޅިވަރުގައި ވެސް އެންމެ މުހިންމު އެއްޗަކީ ޑިސިޕްލިންއެވެ. އަދި ކުޅުމުގައި ބޮޑަށް ސަމާލުކަން ދޭންޖެހޭނީ ކޯޗުންގެ އިރުޝާދަށް ކަމަށް ވެސް ޒައިދާން ބުންޏެވެ.

"ފުޓްސަލްގައި ކުރިއަށްދާން ބޭނުންވާ ކުދިންނަށް އެ ފުރުސަތު އަތޮޅުތަކުގެ ކޮންމެ ހިސާބެއްގައި ވެސް ވަރަށް ބޮޑަށް ފަހިވެގެން ގޮސްފައި އެބަވޭ. ދެން އޮންނާނީ އެކުއްޖެއްގެ ހިތްވަރާއި މަސައްކަތް." ޒައިދާން ފާހަގަކުރި އެވެ.

ޓާގެޓް ހުރީ ފުޓްސެލްގެ އެންމެ ބޮޑު މުބާރާތުގެ ތަށްޓަށް

ޒައިދާންގެ ކެރިއަރުގައި އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އުފަން ރަށް ވާދޫއަށް ގޯލްޑެން ފުޓްސެލް މުބާރާތުގެ ތަށި ލިބޭ ދުވަހެވެ.

2015ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަ ކުވެސް ހުޅުމާލެ ރެހެންދި ޓާފް ދަނޑުގައި ބާއްވަމުންދާ ގޯލްޑެން ފުޓްސަލް މުބާރާތުގައި ވާދޫ ޓީމުން ވަނީ 2023ވަނަ އަހަރުގެ ރަނަރަޕްކަން ހާސިލްކޮށްފައެވެ.

އަދި 2022ވަނަ އަހަރުގައި ގދ.އަތޮޅު ޒޯނުގެ ތަށި ހޯދައި، ތަށި ވަނީ 2023 އަދި މިއަހަރުގައި ވެސް ދިފާއު ކޮށްފައެވެ.

އިންޓަވިއު ނިންމައިލަމުން ޒައިދާން ބުނީ ކެރިއަރުގައި ކޯޗުންގެ ސަޕޯޓް ވަރަށް ބޮޑަށް ލިބޭ ކަމަށެވެ. ކުރިއެރުން ހޯދުމަށާއި ކުޅުމުގެ ވައްޓަފާޅި ރަނގަޅު ކުރަން، ތަޖުރިބާކާރުންގެ ފިލާވަޅުތައް ލިބެމުންދާތީއެވެ.

އިބްރާހީމް ވިސާލް (އަންދު)، އަހްމަދު އަހްސަން (ބަރޯ) އަދި އަބްދުލްﷲ ނަސީރު (އަބޯ) ކޯޗުގެ ނަން އޭނާ ފާހަގަ ކުރިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!