އޮކްޓޫބަރުން ފެށިގެން އާސަންދަ ދޭނީ އެހެން އިންޝުއަރެންސްތަކުން ކަނޑާފައި: ހީނާ
ވެލްފެއާ ނިޒާމު ހަރުދަނާ ކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން އޮކްޓޫބަރު މަހުން ފެށިގެން އާސަންދަ ލިބޭނީ އެހެން އިންޝުއަރެންސް ޕޮލިސީތަކުގައި ބައިވެރިވެފައިވާ މީހުންނަށް އެ އިންޝުއަރެންސްތަކަށް ކެނޑުމަށްފަހު ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީން މިއަދު ވަނީ އެންސްޕާ އާއި އާސަންދަ ކުންފުނީގެ ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ކޮމިޓީގެ ނައިބު މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު މުހައްމަދު މުސްތޮފާ އިބްރާހީމް ވަނީ އެހެނިހެން އިންޝުއަރެންސް ސްކީމްތަކުގައި ބައިވެރިވެފައި ތިބޭ މީހުންނަށް އާސަންދަ ސްކީމްގެ ތެރެއިން ހިދުމަތް ލިބޭ މައްސަލަ ފާހަގަކުރައްވާފަ އެވެ.
އެކަމާ ގުޅިގެން ހީނާ ވިދާޅުވީ ޑަބަލް އިންޝުއަރެންސް ލިބުމުގެ މައްސަލައަށް ތަންފީޒުކުރަން ފަށާ ސިޔާސަތުގައި ބަލާފައިވާނެ ކަމަށެވެ.
"އަންނަ ރިފޯމްގެ ތެރެއިން 1 އޮކްޓޫބަރުން ފެށިގެން އަޅުގަނޑުމެން އިމްޕްލިމެންޓް ކުރަން ފަށާ ބައެއް ޕޮލިސީސްތައް އެބަހުރި. އޭގެ ތެރޭގައި އެހެން އިންޝުއަރެންސްއެއް ހުރި ބޭފުޅެއް ކަމުގައިވާ ނަމަ، މިސާލަކަށް ބިލް ކްލިއާ ކުރާއިރުގައި އެންމެ ފުރަތަަމަ އެ ބޭފުޅެއްގެ އިތުރު އިންޝުއަރެންސްއަކުން ކްލިއަކުރުމަށް ފަހު ދެން އާސަންދަ، އެންސްޕާގެ ތެރެއިން އެބައި ކްލިއާ ކުރާ ކަހަަލަ ގޮތަކަށް،" ހީނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ވެލްފެއާ އަދި އާސަންދަ ޕޮލިސީއަށް ބައެއް ކަހަލަ ބަދަލުތައް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ޑްރާފްޓްތަކެއް އެކުލަވާލެވިފައިވާ ކަމަށާއި ވަރަށް އަވަހަށް ކެބިނެޓަށް ކަރުދާސް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާސަންދައިގެ އިތުރުން ފުލުހުންނަށް ހާއްސަ "ނޫސަންދަ" ސްކީމާއި ސަރުކާރު ކުންފުނިތަކާއި ބައެއް އިދާރާތަކުންނާއި އަމިއްލަ ބައެއް ކުންފުނިތަކުން ނަގާފައި ހުންނަ އެފަދަ ޕޮލިސީތަކަށް ވެސް ދައުލަތުގެ ބަޖެޓުން ހަރަދު ކުރެ އެވެ.
"މި ރިފޯމްތަކުގެ ތެރެއިން، ޒަކާތު ފަންޑް ކަަމަށް ވިޔަސް އަދި އެހެން ގޮތަކުން ރައްޔިތުންނަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭ ކަމަށް ވާ ނަމަ، ދެން މި އަންނަ ރިފޯމްގެ ތެރެއިން ހަގީގަތުގައި އެ ހުރިހާ އެހީތެރިކަމެއް ވެސް ފޯރުކޮށްދެވިގެން ދާނީ އެންސްޕާގެ ތެރެއިން،" ހީނާ ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ސޯޝަލް ރަޖިސްޓާއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ރަޖިސްޓާގެ ތެރެއިން އެހީއަށް އެދޭ ފަރާތުގެ ގޭބީސީތަކުގެ މައުލޫމާތާއި ދިރިއުޅުމުގެ ފެންވަރާ އަދި ކަމަށް ބޭނުންވާ އެހެން ވެސް އެފަދަ ގިނަ މައުލޫމާތުތަކެއް އެެއް ކުރެވޭނެ ކަމަށެވެ.
އެހީއަށް އެދޭ ފަރާތަކީ ނުވަތަ އެހީދޭ ފަރާތަކީ ކޮން ފަރާތްތަކެއްކަން ސޯޝަލް ރަޖިސްޓާގެ ތެރެއިން ވަރަށް ބޮޑަށް އައިޑެންޓިފައި ކުރެވިގެން ދާނެ އެވެ. ކުރިއަށް އޮތްތަނުގައި އެކަމަށް ކަނޑައެޅޭ އުސޫލުތަކާއި ގަވާއިދުތައް ހަދާނެ އެވެ. އެހީތައް ލިބުމާއި ދިނުމުގައި ޝަރުތު ހަމަވޭތޯ ކަނޑައަޅާނީ ސޯޝަލް ރަޖިސްޓާއަށް ބެލުމަށް ފަހުގަ އެވެ.