އަލީ ހަމީދުގެ ކުންފުންޏަށް 44 މިލިޔަން ދިން މައްސަލާގައި ޖަވާބުދާރީވާން ފުރުސަތު ދީފި
ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް 44 މިލިޔަން ރުފިޔާގެ އެޑްވާންސެއް ދިނުމަށްފަހު, އެއްވެސް މަސައްކަތެއް ނުކުރި މައްްސަލަ މާލިއްޔަތު ކޮމިޓީން ބަލަން ނިންމައިފި އެވެ.
މި މައްސަލައަކީ އާސަންދައިން ހޮސްޕިޓަލެއް އެޅުމަށް އެކުންފުންޏާއެކު ހެދި އެއްބަސްވުމުގެ އެޑްވާސް ފައިސާ ނެގުމަށްފަހު މަސައްކަތްކޮށްފައިނުވާތީ ބަލަމުންދާ މައްސަލައެކެވެ. އެ މައްސަލައިގެ މައުލޫމާތު ސާފުކުރަން އާސަންދައިގައި އެ ކޮމިޓީން އެދުމުން, އާސަންދައިން ފޮނުވި ސިޓީ މިއަދުގެ ކޮމިޓީގައި ވަނީ އިއްވާފަ އެވެ.
އެ ސިޓީގައި ބުނެފައިވަނީ މަޝްރޫއުގެ މަސައްކަތް މަޑުޖެހިފައި އޮންނާތީ ނޯތު ކޯސްޓާއެކު އެތައް ފަހަރެއްގެ މަތިން ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ކުރިޔަށް ނުދާ ކަމަށް ބުނެފައިވެ އެވެ. އަދި މައްސަލައިގެ އަޕްޑޭޓް ކޮންމެ މަހަކު އެއްފަހަރު ދޭން އަންގާފައިވާ ކަމަށާއި ނަމަވެސް އެކަންކޮށްފައިނުވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން މިމަޝްރޫއުގެ އައު ޓައިމްލައިނެއް މިދިޔަ ޖުލައި މަހު އެކުންފުނިން ފޮނުވި ކަމަށާއި ނަމަވެސް އެ ޓައިމްލައިނާ އެއްގޮތަށް ވެސް މައްސަލަ ކުރިޔަށް ނުދާ ކަމަށް ވެސް ބުނެފައިވެ އެވެ.
މި މަސައްކަތް ކުރިއަށްނުދާ ސަބަބުން ލިޔުމުން ބަޔާންކޮށްދިނުމަށް ނޯތު ކޯސްޓު ކުންފުންޏަށް އެނގުމަށް މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފައިވެ އެވެ.
އާސަންދައިގެ ހޮސްޕިޓަލެއް އެޅުމަށް ފުރަތަމަ ފަހަރަށް 2016 ވަނަ އަހަރު އަލީ ހަމީދުގެ ނޯތު ކޯސްޓް ކޮންސްޓްރަކްޝަނާއެކު އާސައިންދައިން ވަނީ އެއްބަސްވުމެއް ހަދާފަ އެވެ. ހަ ބުރީގެ އެ ހޮސްޕިޓަލު އެޅުމަށް ދެ ކުންފުނީގެ މެދުގައި އެއްބަސްވީ 61 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް 2017 ވަނަ އަހަރު ޖޫން މަހު އާސަންދައަށް ކުރިމަތިވި މަލީ ދަތިތަކުގެ ސަބަބުން އެ މަޝްރޫއު މަޑުޖައްސައިލުމަށް އެ ކުންފުނިން ނިންމި އެވެ.
މި މައްސަލައިގައި މިދިޔަ ސަރުކާރުގައި ބަދަލުދިނުމަށް އެކުލަވައިލި ކޮމިޓީއަށް ނޯތު ކޯސްޓް ކޮންސްޓްރަކްޝަނުން ވަނީ ހުށަހަޅާފަ އެވެ. މައްސަލަ ކާމިޔާބުކޮށް ދެވަނަ ފަހަރަށް އެ ހޮސްޕިޓަލު އަޅަން 147 މިލިޔަނަށް އެ ކުންފުންޏާ ހަވާލުކުރި އެވެ. އަދި އެ މަޝްރޫއުގެ އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 2023 ވަނަ އަހަރު ދެ ފަހަރެއްގެ މަތިން 44 މިލިއަން ރުފިޔާ އާސަންދައިން ނޯތު ކޯސްޓަށް ދީފައިވެ އެވެ.