ޚަބަރު

ޒުވާނުންގެ ކަންކަމުގައި ރައީސަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލައިފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދެއްވާނެ "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ"/ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދެއްވާނެ "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ" މިއަދު އެކުލަވާލައި އިފްތިތާހުކޮށްދެއްވައިފި އެވެ.

Ads by STELCO

އެ ކޮމިޓީ އިފްތިތާހުކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެރަސްމިއްޔާތުގައި އެ ކޮމިޓީގެ މެންބަރުންނަށް ރައީސް ވަނީ ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ މެންބަރުންނަށް ބެޖު ހަވާލުކޮށްދެއްވާފަ އެވެ.

ރައީސް އޮފީހުން ބުނީ އެ ކޮމިޓީގެ މަގުސަދަކީ ސަރުކާރުގެ މެނިފެސްޓޯއާއި މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި ޒުވާނުންގެ ހިޔާލާ މަޝްވަރާ ހޯދައި އެފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާ ގުޅޭގޮތުން ރައީސްއަށް ލަފާ އެރުވުމަށް ކަމަށެވެ.

އޭގެ އިތުރުން ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ގައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި ހައްލު ހޯދުމަށް މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ރައީސް އަށް ލަފާ އެރުވުން ހިމެނެ އެވެ.

ރައީސް އޮފީހުން ބުނީ ޒުވާނުންނާ ގުޅޭ ކަންކަމުގައި ޒުވާނުން ގޮތް ނިންމާ ޒުވާނުންނަށް އަދާއި މާދަމާވެސް ޤައުމުގެ އިސް ސަފުގައި މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދޭނެ ކަމަށެވެ.

ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ހަރުދަނާ ޒުވާނުންގެ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނި ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

"ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް" ބޯޑު އެކުލަވާލަލައްވާފައިވަނީ މި އަހަރުގެ ޖެނުއަރީ 18 ގަ އެވެ. އެ ބޯޑުގައި 15 މެންބަރުން ހިމެނޭއިރު ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ރިޔާސީ ދައުރެއްގައި 2 ފަހަރު ބޯޑު އެކުލަވާލުމަށް ނިންމާފައިވެ އެވެ.

އެ ބޯޑަކީ ރައީސްއަށް ލަފާދިނުމަށް އެކުލަވާލާ ބޯޑަކަށްވުމުން އެ ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!