ކިތަންމެ ވަރަކަށް ނަޓު އެޅުވިޔަސް ނެތް އެއްޗެއް ނުދެއްކޭނެ: ގާސިމް
ކިތަންމެ ވަރަކަށް "ނަޓު އެޅުވިޔަސް" ނެތް އެއްޗެއް ދައުލަތަށް ނުދެއްކޭނެ ކަމަށް ވިދާޅުވެ މަޝްހޫރު ވިޔަފާވެރިވެރިޔާ އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މިއަދު ބައްދަލުވުމުގައި އޮތީ ވަޒީފާ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމުގެ މަސައްކަތެވެ.
ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވީ ރާއްޖެއަށް ގެނެސްފައިވާ ބިދޭސީންގެ އަދަދަށް ބަލަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ރަޖިސްޓްރީ ކުރެވިގެން ފީތައް ގަވައިދުން ދައްކަމުންދާ މީހުންނާއި ނުދައްކާ މީހުން ތިބޭ ކަމަށެވެ. ނުދައްކާ ތިބޭ މީހުންގެ މައްސަލަ އެއްވެސް ސަރުކާރަކަށް ހަމައަކަށް އެޅުވިފައި ނުވާ ކަމަށެވެ. މި ސަރުކާރަށް ވެސް އެކަން އަދި ހަމަމަގަށް ނޭޅުވޭ ކަމަށެވެ.
"އެ ހުރިހާ މީހުންގެ ލާރި ލިބުނީމާ އެކަން ހަމަޖެހޭ ވަރަށް ނުނެގޭތޯ. އޭރުން މި ލިބޭ އެއްޗެއްގެ ޑަބަލް އެއަށް ވެސް އެބަ ލިބޭ. އޭގެ އިތުރަށް ސެކިއުރިޓީ ޑިޕޮސިޓެއް އެބަ ބަހައްޓަން ޖެހޭ. އެ އަދަދު ވެސް ސަރުކާރުން ކަނޑައަޅަންވީ. އަޅުގަނޑުމެންގެ އެނގުމަކާ ނުލާ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ވަޒީފާތަކަށް ދިވެހިން ލިބޭނަމަ ބިދޭސީން ގެންނަން އޭނާ ވެސް ބޭނުން ނުވާ ކަމަށެވެ. އެހެންވެ ގިނަ ސިނާއަތްތައް ހިންގަނީ ބިދޭސީންގެ ބައިވެރިވުމާ އެކު ކަމަށް ވިދާޅުވި އެވެ. އެގޮތުން ކޮންސްޓްރަކްޝަން ސިނާއަތުގައި އެ މީހުންގެ ދައުރު ބޮޑުއިރު، މަސްވެރިކަމާ ހަމައަށް މިހާރު އެކަން ފުޅާވެއްޖެ ކަމަށެވެ. އަދި މިހާރު ގޭގައި ދަރިން ބަލަހައްޓާ މީހުންނަށް ވެސް ތިބީ ބޭރު މީހުން ކަމަށެވެ.
"މުޅި ދައުލަތުން މި ބާވަތުގެ ގާނޫނެއް ފާސްކޮށްގެން މުޅި ސަރުކާރާ ދިމާލަށް ނަފުރަތު ނަޒަރިއްޔާތުން އިނގިލި ދިއްކުރުމަށް ވުރެ، ކަންކަން ހަމަޔަކަށް އަޅުވައިގެން ރީތިކޮށް ކުރެވޭނެ އުސޫލެއް ދަށުން މި ކަންތައް ގެންދިއުމުގެ މުހިންމުކަން ބޮޑުވާތީ މި ވާހަކަ އަޅުގަނޑު މި ދަންނަވާލީ،"
ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެން މިކަން ކުރަން ބޭނުންވާ ނަމަ އޭނާ ވެސް އެކަމާ އެއްބަސްވާ ކަމަށެވެ. އެހެންނަމަވެސް މިކަން އެކަނި ކޮށްގެން ކަންކަން ނުހުއްޓުވޭނެ ކަމަށެވެ. ހުރިހާ ދިމާލަކުން ނަގާ ޓެކްސްތައް ބޮޑުކުރީމާ ރައްޔިތުންގެ މެދުގައި ހިނގާފާނެ ހަމަ ނުޖެހުމަކަށް ބަލަން ޖެހޭނެ ކަމަށެވެ.
ވިދާޅުވީ ހިނގަމުންދާ ޕްރޮޖެކްޓްތަކަށް ކުރާ ހަރަދުތަކަށް ބަލަން ޖެހޭ ކަމުގަ އެވެ. އެކަމުގެ ސަބަބުން އިންފްލޭޝަނަށް އަންނަ ބަދަލުތަކަށް ބަލަން ޖެހޭ ކަމުގަ އެވެ. ކޮންމެ ކަމަކަށް އާދެ ކިޔާފައި ނިންމާލުމުގެ ބަދަލުގައި ހެޔޮލަފާ ވާހަކަ ދައްކަން ޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ނުވަތަ އެހެން ދާއިރާތަކުގައި އިންވެސްޓްކުރަން އަންނަ މީހުންގެ އަދަދު މަދުވެފައިވާ ކަމަށެވެ. އެކަމަށް ކުރި އިއުލާނުތަކާ ގުޅިގެން އިޖާބަ ދިނީ ކިތައް ފަރާތުންތޯ ބަލަން ޖެހޭ ކަމަށެވެ. އެކަން މެދުވެރިވަނީ ޓެކްސްތައް ބޮޑުވުމުގެ ސަބަބުން ކަމަށެވެ. އޭގެ އިތުރުން އަވަސް އަވަހަށް ގާނޫނުތަކަށާއި ޓެކްސްތަކަށް ބަދަލު ގެނެސް، "ކުޅޭކުޅޭ އެއްޗެއް ފަދައިން ކަންކަން ކުރަން" ފެށުމުން އިގުތިސޯދީ ދާއިރާއަށް ހީނަރުކަން އައުމާ ގުޅިގެން ކަމަށެވެ.
"ވަކިވަރަކަށް ވުރެ ބޮޑުވެގެން ދިޔައީމާ، އަދި ކަނޑައެޅިޔަކަސް، ދައުލަތުން އަދި ގާނޫނު ހެދިޔަކަސް އަދި ގަވާއިދު ހެދިޔަކަސް އެ ނުދެއްކޭ ހިސާބަށް ދިޔައީމާ މީހުންނަކަށް ނުދެއްކޭނެ. ނުދެއްކުނީމާ ދެން ކިތަންމެ ވަރަކަށް ނަޓު އެޅުވިޔަސް ނުދެއްކޭނެ،" ގާސިމް ވިދާޅުވި އެވެ.
އެ ހިސާބަށް ދިއުމުގެ ކުރިން ސަލާމަތްކަމާ އަމާންކަމާ ދައުލަތުން ހަރަދު ކުޑަކުރަން ޖެހޭ ދާއިރާތަކަށް ވިސްނަައި ފިޔަވަޅުތައް އަޅަން ޖެހޭކަން ފާހަގަކުރެއްވި އެވެ. ދޮޅު އަހަރު ދުވަހަށް "ހިފަހައްޓާލަން ޖެހޭ ކަންކަމުގައި ކަމަރުތައް ބާރުކޮށްގެން، އެގޮތަށް އެކަން ކުރަން" ކަމަށެވެ.
އެކަމަކު ރައްޔިތުން ރުޅިއަރުވާލައިގެން ނެގެޓިވް އިފެކްޓް އަންނާނެ ގޮތަށް ގާނޫނުތައް ހެދީމާ އަންނާނެ ނިކަމެތި ކަމާ މެދު ވިސްނަން ޖެހޭ ކަމަށެވެ.
ގާސިމަކީ އޭނާގެ ވިޔާފާރީގެ މަސްލަހަތަށް މަޖިލީހުގަ އިންނަ މީހެއް. މިޔަކީ ރައްޔިތަކަށް ހެވެއްއެދިގެންއުޅޭ މީހެއްނޫން. ވިޔާފރިވެރިން މަޖިލީހުން ބޭރުކުރަން ޖެހެނީިހެންވެ.