ޚަބަރު

"ހޯޕް އައިލެންޑު" ގެ ފައިނޭންސިން މޮޑެލް އިކޮނޮމިކް ކައުންސިލަށް ހުށަހަޅަނީ 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން

ކުށުގެ ވެއްޓަށް އަރައިގަންނަ 18 އަހަރު ނުފުރޭ ކުދިން ރިހިބިލިޓޭޓް ކުރުމަށް ހަދާ "ހޯޕް އައިލެންޑް" އަށް ފައިނޭންސް ކުރާނެ މޮޑެލް އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ސަރުކާރުން ހިންގާ "ސަރުކާރު" ނޫހުގައި ހޯމް މިނިސްޓްރީން ލިޔެފައިވާ ހަބަރެއްގައި ބުނީ، ހޯޕް އައިލެންޑްގެ ކުރެހުން މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި ފައިނޭންސިން މޮޑެލްއާ ގުޅޭ ކަރުދާސް އަންނަ ހަފްތާގައި އިކޮނޮމިކް ކައުންސިލަށް ހުށަހަޅަން ނިންމާފައިވާ ކަމަަށެވެ. އިކޮނޮމިކް ކައުންސިލަކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިސްވެ ހުންނަވައި މަސައްކަތްކުރަމުން އަންނަ ކައުންސިލެކެވެ.

"ހޯޕް އައިލެންޑު"ގެ ގޮތުގައި ދ. ވާނީ ހަމަޖައްސާފައިވާއިރު އެއްފަހަރާ 400 ކުދިން މިތަނުގައި ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ އެވެ.

ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު, ސަރުކާރުން ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ކަމަށް މިހާރު ކަނޑައަޅާފައިވާ 15 އަހަރުގެ ބަދަލުގައި 12 އަހަރަށް ދަށްކުރުމަށް ނިންމައިފަ އެވެ.

އިހްސާން މީގެ ކުރިން ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތުން ވެސް އުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ޖިނާއީ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ކަމަށެވެ.

އެހެންނަމަވެސް ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރަނީ 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ކުށްތަކަށް ވައްދާ ވަރު އިތުރުވެފައިވާތީ ކަމަށާއި އެ ކުދިން ވެސް ކުށުގެ މާހައުލަށް ހޭނިފައިވާ ކަމަށް އިހްސާން ވިދާޅުވި އެވެ.

އެ އައިލެންޑުގައި ކޮންމެ ދުވަހެއްގެ ފަތިސް ނަމާދުން ފެށިގެން ދީނުގައި މަޖުބޫރުކުރާ ހުރިހާ ކަމެއް އެ ކުދިން ލައްވައި ކުރުވައި ރަސްމީ ތައުލީމާއި ކަސްރަތު ކުރުން އަދި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް ނިންމާފައިވާ ކަން މީގެ ކުރިން ސަރުކާރުން އިއުލާންކުރެއްވި އެވެ. ހޯޕް އައިލެންޑްގައި އުޅޭ ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ އެވެ.

އެއަށްފަހު ފުލުހުން ނުވަތަ ސިފައިންގެ ހިދުމަތުގައި ވަކި މުއްދަތެއް ވަންދެން އެ ކުދިން ހިދުމަތް ކުރަންޖެހޭ ގޮތަށް ސަރުކާރުން ނިންމާފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!