ޚަބަރު

ގާބިލު މީހުންނަށް ސޮވެރިން ގެރެންޓީ ދޭން ޖެހޭ: އެމްޑީއޭ

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ރާއްޖޭގެ ފަތުރުވެރިކަމަށް އިންވެސްޓް ކުރާ އިންވެސްޓަރުންގެ ތެރެއިން ގާބިލު ފަރާތްތަކަށް ދައުލަތުން ސޮވެރިން ގެރެންޓީ ދޭން ޖެހޭ ކަމަށް މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލައިންސް (އެމްޑީއޭ) އިން މިއަދު ބުނެފި އެވެ.

Ads by MWSC

އެމްޑީއޭގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު، އާ ރިސޯޓެއް ތަރައްގީ ކުރުމަށް 165 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީއަށް އެދުނު ނަމަވެސް ނުދޭން ސަރުކާރުން ނިންމާފައި ވަނިކޮށް މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ 8 ވަނަ އިސްލާހުގައި އެމްޑީއޭއަށް ނިސްބަތްވެ ވަޑައިގަންނަވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ނުސީދާކޮށް އެކަމާ ގުޅޭ ގޮތުން ވާހަަކަ ދައްކަވާފަ އެވެ.

ބިލުގެ ބަހުސްގައި އައްބާސް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަތުރުވެރިކަަމުގެ ސިނާއަތުގައި މަސައްކަތްކުރާ ޒުވާނުންގެ ހައްގުތައް ކަށަވަރު ކުރާނެ ކަމަށެވެ. އެއަށް ފަހު އައްބާސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންނަށް ފުރިހަމަ ހިމާޔަތާ ރައްކާތެރިކަން ދޭން ވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީއެއް ދޭން ޖެހެންޏާ އެއި އެ ކެޕޭސިޓީ ހުރި އެ ބޭފުޅަކަށް ސޮވެރިން ގެރެންޓީވެސް ދޭން ޖެހޭނެ" ސިޔާމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައްބާސް ވިދާޅުވި އެވެ.

ސިޔާމް، ސަރުކާރުން ސޮވެރިން ގެރެންޓީ ހޯދަން އެދި ރައީސް މުއިއްޒަށް ސިޓީއެއް ފޮނުއްވާފައިވަނީ މިދިޔަ އޭޕްރީލު މަހު އެވެ. ސިޔާމުގެ ލޯނަށް ގެރެންޓީ ނުދޭން ނިންމީ ކެބިނެޓުން އެ ގޮތަށް ނިންމާފައިވަނީ ރާއްޖޭގެ މާލީ ހާލަތު އޮތްގޮތުން އެއްވެސް އަމިއްލަ ފަރާތަކަށް މިވަގުތު ސޮވަރިން ގެރެންޓީ ނުދިނުމަށެވެ.

ސޮވެރިން ގެރެންޓީ ހޯދަން ސިޔާމް އެދިފައި ވަނީ މާލެ އަތޮޅުގައި ހިންގާ އެމަރަލްޑް ލޭގޫންގައި ރިސޯޓެއް ތަރައްގީ ކުރާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!