ޚަބަރު ރައްޔިތުންގެ މަޖިލިސް

ކުއްލި ކުއްލިއަށް ބަޖެޓަށް ބަދަލު ނުގެނެވޭ ގޮތް ހަދަން ޖެހޭ: ނާޒިމް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް/ ފޮޓޯ: މަޖިލީސް

ކުއްލި ކުއްލިއަށް ދައުލަތުގެ ބަޖެޓަށް ބަދަލު ނުގެނެވޭ ގޮތަށް ކަންކަން ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައިގަ އެވެ.

ނާޒިމް ވިދާޅުވީ މަޖިލިހުން ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދު ކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ބަޖެޓުގައި ނެތް ހަރަދުތައް ކުރުން ނޫން ކަމަށެވެ.

ބައެއް ހަރަދުތަކަކީ ކޮންމެހެންވެސް ކުރަން ޖެހޭ ހަރަދުތަކެއްކަން ފާހަގަކުރައްވަމުން މިސާލެއް ނަންގަވައި، ނާޒިމް ވިދާޅުވީ ގައުމީ ސަލާމަތަށް ބޭނުންވާ ކަންކަމަށް އޮންނަނީ ކޮންޓިންޖެންސީ ބަޖެޓުން ހަރަދު ކުރެވޭ ގޮތަށް ކަމަށެވެ.

"މިސާލަކަށް ޑްރޯން ވެސް ގަތިން ނޫންތޯ، ގައުމީ ސަލާމަތަށް ކުރަން ޖެހޭ ހަރަދެއް ވެއްޖެއްޔާ ކުރެވޭނެ،" މި ސަރުކާރުން ތުރުކީން ޑްރޯން ގަތުމަށް އިޝާރާތް ކުރައްވާ ނާޒިމް ވިދާޅުވި އެވެ.

"ކުއްލި ކުއްލިއަށް ބަޖެޓުގައި ނެތް ކަންތައް ފަށާއިރުގައި އަޅުގަނޑުމެން އެހެން ނުފެށޭނެ ގޮތަކަށް ބަޖެޓު އެބަ ޖެހޭ ބައްޓަން ވާން. އަޅުގަނޑުމެން އަސްލު ބޭނުން ވަނީ ނަމަކަށް ބަޖެޓުގައި ޖަހަންދާ ދިޔުން، އެކަން ކަމަށް ނިމުމެއް އަންނަން،" ނާޒިމް ވިދާޅުވި އެވެ.

އެހެންވެ ނާޒިމް ހުށަހެޅުއްވީ އެގޮތަށް ކަންކަން ނުވާނެ ގޮތަށް އަމަލު ކުރަން ކޮމިޓީން ފިނޭންސް މިނިސްޓްރީއަށް ރެކޮމެންޑޭޝަންތައް ދިނުމަށެވެ.

މަޝްރޫއުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ބަޖެޓަށް ބަދަލުތައް ގެނައުމަކީ ކުރަމުން އަންނަ ކަމެކެވެ. މި އަހަރުގެ ބަޖެޓަކީ ނިމިދިޔަ މަޖިލިހުން ފާސްކޮށްފައިވާ ބަޖެޓެއް ކަމުން މި ސަރުކާރުން ކުރަން ނިންމާފައިވާ ބައެއް ކަންކަން ކުރިއަށް ގެންދިއުމުގައި ބަޖެޓުގެ ތާށިކަން ހުރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް ވިދާޅުވެފައި ވަނީ އަންނަ އަހަރުން ފެށިގެން މަޝްރޫއުތަކަށް އިސްކަންދީގެން ބަޖެޓު ފާސްކޮށް، ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެންމެ އިސްކަންދެއްވާނެ އެއް ކަމަކީ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯދުން ކަމަށް ވިދާޅުވި އެވެ. އެގޮތުން މަޝްރޫއުތައް ހިންގުމަށް ހާއްސަކުރާ އަދަދުގެ 50 އިންސައްތަ ހާއްސަ ކުރާނީ ގެދޮރު އެޅުމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!