ރިޕޯޓް ސިޔާސީ

ތުރުތުރު އެޅިޔަސް އެހުރީ ރައީސް ޔާމީން އެކަހެރިކޮށްފައި: ފައިސަލް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

"އަނެއްހެން ވަރަށް ސިމްޕަލްކޮށް ބުނާ ކަމަށް ވަންޏާ, ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރާތަން ބަލަން ހިތަށް ކެތް ނުވެގެން ރައީސް ޔާމީން އެ އުޅެނީ"

Ads by Sosun Fihaara

ވަރަށް މަޑުމައިތިރި ރާގެއްގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވި އެވެ.

ދެން އޮންލައިންގެ ޕޮޑްކާސްޓު "ހަވާސާއިން ބޭރުން" ގެ މިހަފްތާގެ އެޕިސޯޑުގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ވަޒީރު ފައިސަލް އެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ދިގުދެމިގެން ދިޔަ އެ ޝޯގައި ވަރަށް ގިނަ މައުލޫމާތުތަކެއް މިނިސްޓަރު ހިއްސާ ކުރެއްވި އެވެ. އެހެންނަމަވެސް ޝޯގައި އެންމެ ފަހުން ކުރިމަތިކުރުވި ސުވާލަށް ތަންކޮޅެއް ދިގު ޖަވާބެއް ފައިސަލް ދެއްވި އެވެ. މި ވާހަކަތަކުގެ ތަފްސީލަށް ޖެހިލާނަމެވެ.

މި ހާލަތު ބަލަން ރައީސް ޔާމީނަކަށް ކެތެއް ނުވާނެ

ސަރުކާރާ އިދިކޮޅުގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ އެމްޑީޕީ އެވެ. އެޕާޓީގެ ސިޔާސީ ހަރަކާތްތައް މަދެވެ. ޕާޓީގެ އަޑުވެސް މަޑެވެ. އެހެން ނަމަވެސް އިދިކޮޅު ވާހަކަތަކާއިގެން މިވަގުތު އަޑުގަދަ ކުރަމުން ދަނީ އުމުރުން އެންމެ ހަގު ސިޔާސީ ޕާޓީ, ޕީޕަލްސް ނެޝަނަލް ފްރަންޓް, ޕީއެންއެފް އެވެ. އެ ޕާޓީއަކީ ކުރިން ޕީޕީއެމްގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ ހުންނަވައި އުފެއްދި ސިޔާސީ ޕާޓީ އެކެވެ.

ކޮންމެ ހަފްތާއަކު ދެތިން ޖަލްސާ އެޕާޓީގެ ފްރަންޓު އޮފީހުގައި ބާއްވައި, ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެވެ. ހާއްސަކޮށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ވަކިވަކި ބޭފުޅުންނަށް އަމާޒުކޮށް ފާޑުކިޔުންތައް އަމާޒު ކުރެ އެވެ. އެންމެ ފަހުން ބޭއްވި ޖަލްސާގައި އާންމު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުالله ގެ އާއިލާއާއި ގުޅުންހުރި ވާހަކަތަކެކެވެ. އޭގެ ތެރޭގައި އަބްދުއްރަހީމް އާއި އެމަނިކުފާނުގެ ދަރިކަލުން ފައިސަލްގެ ތައުލީމެއް ނެތްކަމުގެ ވާހަކަތަކެއްވެސް ދެއްކި އެވެ.

ފައިސަލް ގަބޫލު ކުރައްވާ ގޮތުގައި ޔާމީން ކުރިން ހުންނެވި ފިކުރުގެ ތެރެއިން އެމަނިކުފާނު ނޫން ބޭފުޅަކު ވެރިކަން ކުރައްވާތަން ބެއްލެވުމަކީ ޔާމީންގެ ހިތްޕުޅަށް ކެތްވާނެ ކަމެއް ނޫނެވެ. އަދި މިހާރު ސިޔާސީ މަސައްކަތް ކުރައްވަން ނިކުމެވަޑައިގެން ހުންނެވީ, ކުރިން ޕީޕީއެމްގެ މެމްބަރުން ދަންނަ ޔާމީން ނޫންކަމަށް ފައިސަލް ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވީ ޔާމީންގެ ފިކުރަށާއި ވާހަކަފުޅުތަކަށް އައިސްފައި ހުރި ބަދަލުތަކެވެ.

ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހިމް ފައިސަލް ދެން އޮންލައިންގެ ޕޮޓްކާސްޓުގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ޔާމީނަކީ އިހުސާންތެރިކަމެއް ނެތް ބޭފުޅެއް

ޔާމީން އެންމެ ފުރަތަމަ ސިޔާސީ މަސައްކަތަށް ނިކުމެވަޑައިގެންނެވީ ޕީޕަލްސް އެސޯސިއޭޝަން ކިޔާ ޖަމިއްޔާއެއް އުފައްދަވައިގެންނެވެ. އޭގެ ފަހުން ޕީޕަލްސް އެލަޔަންސް ކިޔާ ސިޔާސީ ޕާޓީއަކަށް ޖަމިއްޔާ ބަދަލުކުރި އެވެ. އޭރު ފައިސަލްގެ އުމުރަކީ ވިއްސަކަށް އަހަރެވެ. ޕީއޭގައި ޒުވާނެއްގެ ގޮތުގައި ފައިސަލް ސިޔާސީ މަސައްކަތް ކުރެއްވި އެވެ. މިވާހަކަތައް ހަނދާނަށް ގެންނަވަމުން ފައިސަލް ވިދާޅުވީ އޭރު ޔާމީނަކީ  ރައްޔިތުން އެންމެ ސަޕޯޓު ނުކުރާ އެއް ސިޔާސީ ލީޑަރު ކަމަށެވެ.

ޔާމީނާއިއެކު އެންމެ ފުރަތަމަ ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު), ޒާހިރު އާދަމް (ގައްދޫ ޒާހިރު), އަބްދުއްالله ޖާބިރު (ލޮލީ ޖާބިރު), އަހުމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް), ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް, ފޮރިން މިނިސްޓަރު މޫސާ ޒަމީރު, ހިޔަލީ މުހައްމަދު ރަޝީދު ހިމެނިވަޑައިގަންނަވަ އެވެ. ފައިސަލް ވިދާޅުވީ މިއިން އެއްވެސް ބޭފުޅަކު މިއަދު ޔާމީންގެ އަރިހުގައި ނެތް ކަމަށެވެ. އެންމެ ފަހާއި ޖެހެންދެން ހުންނެވީ މިހާރުގެ މަޖިލިސް ރައީސް އަބްދުއްރަހީމް އެވެ. އެބޭފުޅާވެސް މިހާރު އެވަނީ ޔާމީންގެ އަރިހުން ދުރަށް ވަޑައިގަންނަވައިފަ އެވެ.

“އޭގެން އެ ދޭހަކޮށްދެނީ އެމަނިކުފާނަކީ (ރައީސް ޔާމީނަކީ) މީހުންނާ ދޭތެރޭގަ އެއްވެސް ވަރެއްގެ އިހުސާންތެރިކަމެއް ހުންނަ ބޭފުޅެއް ނޫންކަން”

ފައިސަލް ނިސްބަތްވެވަޑައިގަންނަވަނީ ލާމު އަތޮޅަށެވެ. އެންމެ ފުރަތަމަ ޕީއޭ އުފެދިގެން އައި ދުވަސްވަރު ލާމު އަތޮޅަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ޑީއާރުޕީއަށް ތާއީދު އޮތް އަތޮޅެވެ. އެ އަތޮޅަށް ނިސްބަތްވާ ގިނަ ރައްޔިތުން މައުމޫނަށް ތާއީދު ކުރެ އެވެ. އެހެންނަމަވެސް ޔާމީނާއެކު ސިޔާސީ މަސައްކަތަށް ނިކުމެވަޑައިގެން ބައްޕާފުޅު އަބްދުއްރަހީމް އާއި ފައިސަލް ކުރެއްވީ ޕީއޭ އުފައްދަން ބޭނުންވާ 3,000 މެމްބަރުން ހަމަކުރުމަށް ތާއީދު ހޯދުމުގެ މަސައްކަތެވެ. މިއާއެކުވެސް ޔާމީން ބޭނުންފުޅުވީ 'އަޅު' މަސައްކަތް ކުރެއްވުމަށްފަހު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ ފުރުސަތު އަބްދުއްރަހީމް އަށާއި އާއިލާއަށް ލިބުމުގައި ހުރަސްތަކެއް ކުރިމަތި ކުރުވަންކަމަށް ފައިސަލް ވިދާޅުވި އެވެ.

2013 އިންތިހާބު ކާމިޔާބުވީ ރައީސް މައުމޫނާއި އާއިލާ ކުރި މަސައްކަތުން

ޔާމީން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ 2013 ވަނަ އަހަރުގެ އާދަޔާ ހިލާފު އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. އެ އަހަރަކީ ފުލު ފުލުގައި ރިޔާސީ އެތައް އިންތިހާބުތަކެއް ބާއްވައިގެން ރައީސަކު އިންތިހާބުކުރި އަހަރެކެވެ. ސުޕްރީމް ކޯޓުގެ އަމުރާއިއެކު އިންތިހާބު ބާތިލް ކުރުންފަދަ, ރާއްޖެ އޭގެ ކުރިން ނުދެކޭ ކަންކަން 2013 ގައި ހިނގި އެވެ. މިކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވުނީ ކިރިޔާ ކަމަށެވެ.

ފަހުން ޕީޕީއެމް އުފައްދަވައި މައުމޫނާއިއެކު މަސައްކަތް ކުރައްވަން ޔާމީން ވަޑައިގެންނެވި ހިސާބުން ކޮންމެވެސް ވަރަކަށް ތާއީދު އިތުރުވިކަމަށާއި އޭގެ މައިގަނޑު ސަބަބަކީ މައުމޫނާއި އާއިލާގެ އެހެން ބޭފުޅުން ކަމަށް ފައިސަލް ވިދާޅުވި އެވެ. މައުމޫނުގެ ބޭފުޅުން ނިކުމެވަޑައިގެން ސްޓޭޖުމަތީގައި ޔާމީނާ އެކު "އަތް ހިއްލުން" ވެގެން ދިޔައީ ރައްޔިތުން ޔާމީނަށް ވޯޓު ދޭން މެދުވެރިވި ސަބަބުކަމަށް ފައިސަލް ދެކެވަޑައިގަންނަވަ އެވެ.

"ދިވެހި ރައްޔިތުން ތެރޭގަ އެބުނާހާ މަގުބޫލު ބޭފުޅެއް ނޫނޭ ރައީސް ޔާމީނަކީ"

ފައިސަލް ވިދާޅުވީ ޔާމީނުގެ އެބުނާހާ ބޮޑު ތާއީދެއް އޮތްކަމުގައި ވަނީނަމަ އެމަނިކުފާނު މިހާރު އުފައްދަވައިގެން އުޅުއްވާ ސިޔާސީ ޕާޓީއަށް 30,000 ނުވަތަ އެއަށްވުރެއް ގިނައިން މެމްބަރުން ހަމަކުރައްވާނެ ކަމަށެވެ. މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންއެފްގެ ތާއީދާއިއެކު 43 ކެނޑިޑޭޓުން ވާދަކުރި ކަމަށާއި އެހެން ނަމަވެސް އެންމެ ގޮނޑިއެއްވެސް އެޕާޓީއަށް ނުލިބުނުކަން ފައިސަލް ފާހަގަކުރެއްވި އެވެ.

ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހިމް ފައިސަލް ދެން އޮންލައިންގެ ޕޮޓްކާސްޓުގައި ވާހަކަފުޅު ދައްކަވަނީ

އެންމެ ގާތް މީހުންވެސް ބޭއްވީ ޖަލުގައި

ޔާމީންގެ "ތުއްދޮންބެ"، މައުމޫނަކީ އޭރު ސިޔާސީ ގޮތުން އެންމެ ތާއީދު ބޮޑު އެއް ލީޑަރެވެ. އެހެންވުމުން ޔާމީން ވެރިކަމަށް ގެންނެވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މައުމޫނު ކުރެއްވި އެވެ. އެހެންނަމަވެސް އާހިރު ނަތީޖާއަކަށްވީ މައުމޫނު އުމުރުން 70 އަހަރުން މައްޗަށް ވަޑައިގެންފައި ވަނިކޮށް ޖަލުގެ ތޭރިތަކުގެ ފަހަތަށް ގެންދެވުމެވެ. ޔާމީން އެކަން ކުރެއްވިކަން ފައިސަލް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މިހެން ނިކުމެ ރައީސް ޔާމީނާ ބެހޭގޮތުން ވާހަކަ ދައްކަން ވެއްޖެއްޔާ ދައްކާނެ ވަރަށް ގިނަ ވާހަކަ ހުންނާނެ"

ޔާމީންގެ ރަހުމެއް ނެތްކަމުގެ ވާހަކައާއިގެން ފައިސަލް އިތުރަށް ކުރިއަށް ވަޑައިގެންނެވި އެވެ. އެގޮތުން ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު ރައީސް މުހައްމަދު ނަޝީދާއި, ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން ސިޔާދު ގާސިމް ޖަލަށް ލި ވާހަކަތައް ތިލަކުރެއްވި އެވެ.

ވަޒީރު ދެކެވަޑައިގަންނަވާ ގޮތުގައި ޔާމީން މިހާރު ގެންދަވަނީ ޒާތީ ގޮތުން މަލާމާތާއި ފުރައްސާރަ ކުރައްވަމުންނެވެ. 

"ރައީސް ޔާމީނަކީ އަޅުގަނޑުމެން ކަހަލަ އާދައިގެ މީހުންނަށް, ރަށްރަށުން އަންނަ މީހުންނަށް ފުރުސަތު ދޭން ބޭނުން ނުވާ މީހެއް"

ފައިސަލް ސިފަކުރައްވާ ގޮތުގައި ޔާމީނަކީ ވަރަށް ކިބުރުވެރި, ބޮޑާ އަދި ޒާތްކޮޅު ބޮޑު މީހެކެވެ. ކުރިން އެކި ކެމްޕެއިން ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެން މީހުންނާއި ސަލާން ކުރެއްވުމަށްފަހު އަތުގައި ދާ ހޭކިގެން އެޝަކުވާ ޔާމީން ކުރައްވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ޔާމީންގެ ކިބައިގައި ހުންނެވި ނޭދެވޭ ސިފަތަކާއިއެކުވެސް އެމަނިކުފާނުގެ އިގްތިސޯދީ މަސައްކަތްތަކަށް ފައިސަލް ތާއީދު ކުރައްވަ އެވެ. ފައިސަލް ވިދާޅުވާ ގޮތުގައި ކިތަންމެ ގިނަ ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރިކަމުގައިވިޔަސް ރަނގަޅު ކަމެއް ހުރިނަމަ އެކަމަށް ތާއީދު ކުރައްވާނެ އެވެ.

20 އަހަރު ހިދުމަތް ކުރެއްވި މީހާގެ އާއިލާއަށް އެއްވެސް އިހުތިރާމެއް ނެތް

އަބްދުއްރަހީމް އަކީ މިއަދު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ އެވެ. އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރެއްވީ ޔާމީނަށް ހިދުމަތް ކޮށްދޭށެވެ. މިވާހަކަތަކުގެ ތަފްސީލަށް ފައިސަލް ވަޑައިގެންނެވި އެވެ.

ޕީޕީއެމް އުފެއްދުމަށްފަހު ޕާޓީގެ ކޮންގްރެސް މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވީ އަބްދުއްރަހީމް އެވެ. އެހެންނަމަވެސް ކޮންގްރެސްގައި ޕާޓީގެ ނައިބު ރައީސްގެ މަގާމަށް އަބްދުއްރަހީމް ވާދަކުރެއްވުމުން ޔާމީން އަޑީގައި ހުންނަވައިގެން އިންތިހާބުން "ކަޓުވައިލި" ކަމަށް ފައިސަލް ވިދާޅުވި އެވެ. އޭރު އެކަމާއި ހިތްހަމަޖެހިވަޑައިނުގެން ފައިސަލް ޓުވީޓުވެސް ކުރެއްވި އެވެ. އެހެން ނަމަވެސް އޮންނެވި ހިތްހަމަނުޖެހުމާއިއެކުވެސް އަބްދުއްރަހީމްވެސް އަދި ފައިސަލްވެސް ހުންނެވީ ޕީޕީއެމްގަ އެވެ.

ޕާޓީއަށް އަހަރެއްވެސް ނުވަނީސް 2013 ވަނަ އަހަރުގެ އިންތިހާބާއި ބައްދަލުކޮށްފި އެވެ. ޕާޓީގެ ޕްރައިމަރީއަށް ތައްޔާރުވާން ފަށައިފި އެވެ. ޔާމީން ވާދަކުރައްވަން ޖެހިވަޑައިގެންނެވީ އުމަރު ނަސީރާ އެވެ. ޕްރައިމަރީގެ ކެމްޕެއިން ކުރިއަށް ދިޔައިރު އަބްދުއްރަހީމް ހުންނެވީ އަނބިކަނބަލުންގެ ބޭސް ފަރުވާއަށް މުޅި އާއިލާ އާއިއެކު މެލޭޝިޔާގަ އެވެ. 

"ޕީޕީއެމްގެ ޕްރައިމަރީގަ ރައީސް ޔާމީން ވާދަކުރަން ނިންމައިގެން ރައީސް ޔާމީނަށް އެނގިއްޖެ އެއްކަލަ ނުކިޔަވާ ހުރި އަބްދުއްރަހީމްއާ ނުލާ ޕްރައިމަރީ ތިމަންނާއަށް ކާމިޔާބު ނުކުރެވޭނެކަން"

ފައިސަލް މެލޭޝިޔާގައި ހުންނަވަނިކޮށް ސީދާ ޔާމީން ގުޅުއްވައި ޕްރައިމަރީ އެމަނިކުފާނަށް ކާމިޔާބު ކުރެއްވޭނީ އަބްދުއްރަހީމް ވަޑައިގެން ކެމްޕެއިން ކޮށްދީގެންކަމަށް ދެންނެވި ކަމަށާއި އެހެންވެ ބައްޕާފުޅު ރާއްޖެ ވަޑައިގެންނެވުމަށް ދެންނެވީ އޭނާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އޭރު މައުމޫނާއި ރައީސް ދެމެދުވެސް ގުޅުން ރަނގަޅު ނޫން ކަމަށާއި ޕްރައިމަރީ ކާމިޔާބު ކުރެވުނީ ސީދާ އަބްދުއްރަހީމްގެ އެހީތެރިކަމާއިއެކު ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހިމް ފައިސަލް ދެން އޮންލައިންގެ ޕޮޓްކާސްޓުގައި ވާހަކަފުޅު ދައްކަވަނީ

ޔާމީންގެ ރަހުމެއް ނެތްކަމުގެ ވާހަކަތައް އަދިވެސް ނުނިމެ އެވެ. 2014 ވަނަ އަހަރު ފޮނަދޫ ދާއިރާގެ މަޖިލިސް ގޮނޑި އަބްދުއްރަހީމް ކާމިޔާބު ކުރެއްވި އެވެ. މައުމޫނު ބޭނުންފުޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އަދި ނައިބު ރައީސްކަމަށް އަބްދުއްރަހީމް ގެންނަވާށެވެ. ޕާޓީގެ ތެރެއިން އެގޮތަށް ފާސްނުވުމުން ޔާމީންގެ ފަރާތްޕުޅުން އޭރު ޕާޓީގެ ނައިބު ރައީސް އަހުމަދު އަދީބު ފޮނުއްވައި ރައީސްކަމަށް ކުރީގެ މަޖިލިސް ރައީސް މަސީހު އަދި ނައިބު ރައީސްކަމަށް އަބްދުއްރަހީމްގެ ނަން ހުށަހެޅުއްވި އެވެ. އެގޮތަށް ޕާޓީން ފާސްކޮށް މަޖިލީހަށް ފޮނުވި އެވެ. އެހެންނަމަވެސް ނައިބު ރައީސްކަމަށް ގެންނަން މަޖިލީހުން ފާސްކުރީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ރީކޯ މޫސާ މަނިކުގެ ނަންފުޅެވެ. ފައިސަލް ވިދާޅުވީ އެކަން ކުރެއްވީ ސީދާ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށެވެ. މޫސާ މަނިކު ފަހުން ވަނީ ޕީޕީއެމްއަށް ސޮއިކުރައްވައި ޔާމީނަށް ބައިއަތު ހިއްޕަވައިފަ އެވެ. މިހުރިހާ ކަމެއް ހިނގައި ދިޔުމަށްފަހުވެސް އަބްދުއްރަހީމް އާއި އާއިލާ ތިއްބެވީ ޔާމީނަށް އިހުލާސްތެރިވެގެން ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ލަދެއް ހަޔާތެއް ހުރިނަމަ އަޅުގަނޑުމެންގެ އާއިލާ ސްކްރީނަށް އަޅުވައިގެން މިބޭފުޅުންގެ ތައުލިމީ ފެންވަރޭ ވިދާޅުވެ ވާހަކަ ނުދައްކަވާން"

ޔާމީންގެ އަރިހުގައި އަބްދުއްރަހީމް މެދުކެނޑުމެއް ނެތި 20 އަހަރު މަސައްކަތް ކުރެއްވިއިރު ތައުލީމު މުހިންމު ނުވިކަމަށް ފައިސަލް ވިދާޅުވި އެވެ. އެހެންނަމަވެސް ފައިސަލަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ ބެޗުލާސް ޑިގްރީ ސެޓްފިކެޓެއް އޮންނެވި ބޭފުޅެކެވެ. އެހެންކަމުން ތައުލީމޭ ވިދާޅުވެ ޔާމީން ވާހަކަފުޅު ދައްކަވަނީ ޒާތީ ވުމުގެ ގޮތުންކަމަށް ފައިސަލް ވިދާޅުވި އެވެ.

ހިނި އަޔަސް ރުޅި އަޔަސް އެހުރީ ސިޔާސީ މައިދާނުން އެކަހެރި ކޮށްފަ

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ޔާމީންގެ މާ ބޮޑު އެއްބާރުލެއްވުމެއް ޕާޓީއަކަށް ނެތެވެ. ކެމްޕެއިން ދުވަސްވަރު އެމަނިކުފާނު ހުންނެވީވެސް ޖަލުގަ އެވެ. އިންތިހާބު ނިމުމަށްފަހު މާ ގިނަ ދުވަހެއް ނުވަނީސް ރައީސް މުއިއްޒުއާ ސީދާ ދެކޮޅަށް ޔާމީން ފާޅުގައި ނިކުމެވަޑައިގެންނެވި އެވެ. އެމަނިކުފާނާއިއެކު ޕީޕީއެމްގެ އާންމު މެމްބަރުންގެ ތެރެއިން މާ ގިނަ ބަޔަކު ސަރުކާރާ ދެކޮޅެއް ނުވި އެވެ.

"ރައީސް ޔާމީން ހިނި އަޔަސް, ރުޅި އަޔަސް, ތުރުތުރު އެޅިޔަސް މިއަދު ރައީސް ޔާމީން އެހުރީ ސިޔާސީ މައިދާނުން އެކަހެރިކޮށްފަ"

ފައިސަލް ވިދާޅުވާ ގޮތުން ޔާމީނަށް ދެން ދުވަހަކުވެސް ވެރިކަމަށް ވަޑައިނުގެންނެވޭނެ އެވެ. ނަޝީދު އެމްޑީޕީ ދޫކުރައްވާ ވަޑައިގެން, އާ ސިޔާސީ ޕާޓީއެއް އުފެދެވުމުން ތާއީދު މުޅިން ފަނޑުވެ ސިޔާސީ މައިދާނުން އެކަހެރިވެގެން ދިޔަ ހާދިސާއިން މިސާލު ނަންގަވައި ފައިސަލް ވިދާޅުވީ ނަޝީދަކީ ރާއްޖެ ދުށް އެންމެ ވަރުގަދަ ސިޔާސީ އެއް ލީޑަރު ކަމަށެވެ. އެހެންކަމުން ޔާމީނަށް ޖެހިވަޑައިގަންނަވާނީ އެއަށްވުރެއް ދެރަ ހާލެއްކަމަށް ފައިސަލް ވިދާޅުވި އެވެ.

ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހިމް ފައިސަލް ދެން އޮންލައިންގެ ޕޮޓްކާސްޓުގައި ވާހަކަފުޅު ދައްކަވަނީ

މިހާރު ޕީއެންއެފްގެ އެންމެ ބޮޑު ބޭނުމަކީ ރައީސް މުއިއްޒުއާއި އަބްދުއްރަހީމް އާއި ދެމެދު ދެކޮޅުވެރިކަމެއް އުފެއްދުންކަމަށް ފައިސަލް ދެކެވަޑައިގަންނަވަ އެވެ. ފައިސަލް ވިދާޅުވީ އެކަން ދުވަހަކުވެސް ނުވާނެ ކަމަށެވެ. ހުދު ފައިސަލް އިސްވެ އެއެކަން ވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާނެ އެވެ.

2028 ވަނަ އަހަރު ރައީސަކު ދެވަނަ ދައުރަކަށް ވާދަކުރައްވައި އިންތިހާބެއް ކާމިޔާބު ކުރައްވާކަމުގައި ވަނީނަމަ އެކަން ކުރައްވާނީ ރައީސް މުއިއްޒު ކަމަށް ފައިސަލް ދެކެވަޑައިގަންނަވަ އެވެ. އެއީ ދިވެހިންނަށްޓަކައި ދިވެހިންގެ ވެރިކަމެއް ކޮށްދެއްވާ ރައީސަކީ އެމަނިކުފާނަށް ވާތީ އެވެ. ރައީސް ޔާމީން މި ރާއްޖެއަށް ގެނަސްދެއްވި ތަރައްގީގެ ދެގުނަ ތަރައްގީ ރައީސް މުއިއްޒު ގެންނަވާނެކަމަށް ފައިސަލް ވިދާޅުވި އެވެ.

Ads by HDC
  1. މުތީނު

    ތިަަ ދެބަފައް ކަންތަކާހެިވެސ މުއީޒަށްް ވެރިް ނުކުެ

  2. ގައްޑާ

    މަރުކޮހާ ފުޅަނގަށް ވި ގޮތް ވާން ތިއުޅެނީ… ޔާމިން އާއި އެއްފެންވަރަކަށަ ނާދެވޭނޭ… ލައިނެއް ޖަހާލައިގެން އިނީމަ އިލޫޝަންގަ ތިހިރީ ޔާމިންގެ ލީޑާރޝިޕްގަ ތިކަހަލަ ގޮފަޅަތައަކަށް ނުދޭނެ ވަޒީފާއެއް

    • ޢަޒްރާ

      ޔާމީން ގެ މިހިރަ ބޮޑާކަމާ ކިބުރުވެރިކަމާ ޔާﷲ ޔާމީނަށް ހެޔޮވިސްނުން ދެއްވާނދޭވެ.