ޚަބަރު

ރަސްމީ ދަތުރެއްގައި މަޖިލީހުގެ ރައީސް ޗައިނާއަށް

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުالله/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރަސްމީ ދަތުރެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ރޭ ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

Ads by STELCO

މަޖިލީހުގެ އިދާރާއިން ބުނީ، މަޖިލީހުގެ ރައީސް ޗައިނާއަށް ވަޑައިގަންނަވަނީ 2024 އިންޓާ ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑެވެލޮޕިން ކަންޓްރީސް ގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު "ދެން އޮންލައިން" އަށް ވިދާޅުވީ މަޖިލީހުގެ ރައީސްގެ އެ ދަތުރަކީ މި މަހުގެ 18 އިން 23 އަށް ކުރައްވާ ދަތުރެއް ކަމަށެވެ.

އެ ދަތުރުގައި ރައީސްގެ އަރިހުގައި ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއު އާއި ހުޅުދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު ޝާހިދާ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު އިސްމާއިލް ބައިވެރިވެވަޑައިގަންނަވަ އެވެ.

އެ ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އަމީން އާންމު ފާތިމަތު ނިޔުޝާވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މަޖިލީހުގެ ރައީސް ޗައިނާއަށް ފުރާވަޑައިގެންފައިވާއިރު މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވެސް ރަސްމީ ދަތުރެއްގައި ޗައިނާއަށް ވަޑައިގެންނެވި އެވެ.

ޗައިނާ-ދެކުނު އޭޝިއާ ކޯޕަރޭޝަން ފޯރަމަށް ނާޒިމާއެކު މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު، މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުއްގާދިރު، އައްޑޫ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އަދި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އެ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!