ޚަބަރު

ޓެކުހަށް މަކަރުހަދާ ކަމުގެ ތުހުމަތުގައި މައި ކެމިސްޓްގެ ވެރިޔާއަށް ދައުވާ ކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޑޮކްޓަރީ ބޭސް އިމްޕޯޓްކޮށް، ވިއްކާ "މައި ކެމިސްޓް" ގެ ވެރިޔާ ހުސައިން އިރުފާން، ގަސްދުގައި ޓެކުހަށް މަކަރު ހަދާ ކަމަށް ތުހުމަތުކޮށް، އޭނާއަށް ދައުވާކޮށްދިނުން އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް މޯލްޑިވްސް އިންލޭންޑް އޮތޯރިޓީ (މީރާ) އަށް ފޮނުވައިފި އެވެ.

Ads by Sosun Fihaara

މީރާއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އިރުފާން ޓެކުހަށް މަކަރު ހެދި ކަމުގެ ތުހުމަތު ކުރެވޭތީ ތަހުގީގުކޮށްފައި ވަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. މިއީ ޓެކްސް ދައްކާ ފަރާތުން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ހުށަހަޅާފައިވާ ބީޕީޓީ ބަޔާންތަކާއި ޓެކްސް އަހަރު 2020 އަށް ހުށަހަޅާފައިވާ އިންކަމް ޓެކްސް ބަޔާނުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އެކަން ތަހުގީގުކޮށްފައި ވަނީ ގަސްދުގައި ޓެކްސް ފައިސާ ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކޮށްފައިވާ ކަމަށް ބެލެވޭތީ ކަމަށް މީރާއިން ބުނެ އެވެ.

އިރުފާނަކީ ޑަކްޓަރީ ބޭސް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކާ ފަރާތެކެވެ. އޭނާގެ ހޯލްސޭލް ވިޔަފާރި ކަމަށްވާ "މައި ކެމިސްޓް ގޯޑައުން" އާ ގުޅޭ އާމްދަނީ އެއްވެސް ވަރަކަށް 2018، 2019 އަދި 2020 ވަނަ އަހަރަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައި ހިމަނާފައި ނުވާ ކަމަށް މީރާއިން ބުނެ އެވެ.

"މިގޮތުން ޓެކްސް ދައްކާ ފަރާތުން އެވަރެޖުކޮށް އަހަރަކު 53 މިލިއަން ރުފިޔާގެ އާމްދަނީ މީރާއަށް ރިޕޯޓުކޮށްފައިނުވާއިރު، މި ތަހުގީގާ ގުޅިގެން މީރާއިން ކުރިއަށް ގެންދިޔަ އޮޑިޓުތަކުގައި ޖުމުލަ 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރަށް ދައްކަން ޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި ޓެކްސް މީރާއަށް ދައްކަން އެ ފަރާތަށް އަންގައިފައިވެ އެވެ،"

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ދައްކަން ޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އެފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަން ޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!