އާބަން ޑިވޮލޮޕްމަންޓް ބިލަކީ ޑިމްކޮރަސީ އަށް ދެވޭ އެންމެ ނުރައްކާތެރި ހަމަލާ: ފައްޔާޒު
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވަލޮޕްމަންޓް ބިލަކީ ޑިމޮކްރަސީ އަށް މި ސަރުކާރުން ދޭ އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރޭ ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ފައްޔާޒު ވިދާޅުވީ، ރަނގަޅު ކުރުމަށް ކަމަށް ބުނެ މި ސަރުކާރުގެ ހުރީ މުޅި ލާމަރުކަޒީ ނިޒާމު އެއްކޮށް ފުނޑުފުނޑު ކޮށްލުމުގެ ވިސްނުން ކަމަށެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި މުޅިންހެން ފެންނަނީ ދޮގާ އޮޅުވާލުންތަކުގެ ތެރެއިން އެހެން ނަތިއްޖާއެއް ހާސިލުކުރަން ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ތަން ކަމަށާއި ފެންނަނީ އަތް އުރާލައިގެން ބަލަން ތިބެވޭ ފަދަ މަންޒަރުތަކެއް ނޫން ކަމަށެވެ.
"މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ބިލަކީ ހަގީގަތުން މުޅި ލާމަރުކަޒީ ނިޒާމު މަރާލަނެ ބިލެއް. އާބަން ޑިވޮލޮޕްމަންޓުގެ ނަމުގައި ހުށަހަޅައިގެން އުޅޭ ބިލަކީ"
ފައްޔާޒު ވިދާޅުވީ އެ ބިލުގައި ހިމަނާފައިވާ އެއް މާއްދާ އަކީ ކައުންސިލަރުންނަށް ލިބޭ ހަގީގި މިނިވަން ބާރުވެރިކަން އެއްކޮށް ކަހަލަ ގޮތަކަށް ސަރުކާރަށް ނަގާނެ ކަމެއް ކަމަށެވެ. އެހެންވެ އެގޮތަށް ބަދަލު ނުގެނެވޭ ގޮތަށް ކަންތައްކުރަން ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"ލާމަރުކަޒީ ނިޒާމާ ކައުންސިލަރުންގެ ރޯލް މުހިއްމު މިއީ ލާމަރުކަޒީ ނިޒާމަށް ދެވޭ ހަމަލާއެއް ނޫން. މުޅި ޑިމޮކްރަސީ އަށް މި ސަރުކާރުން ދޭ ހަމަލާގެ ތެރެއިން އެންމެ ނުރައްކާ ހަމަލާ" ކަންބޮޑުވުން ފާޅުކުރައްމުން ފައްޔާޒު ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ކޮލަމާފުށީ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ ހުށަހަޅުއްވާފައިވާ އާބަން ބިލުގައި އެމްޑީޕީން އެންމެ ކަންބޮޑުވާ ކަމަކަށް އޮތީ ބިލުގެ މާއްދާއެއްގައި އާބަން ސެންޓަރުގެ ގޮތުގައި ކަނޑައެޅޭ ބައެއް ސަރަހައްދުތަކުގެ ކަންކަން ސަރުކާރަށް ނިންމޭ ގޮތަށް އޮތުމެވެ.
އެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން މަޖިލީހުން ވަނީ ހުޅުވާލާފަ އެވެ. ބިލާ ގުޅޭ ގޮތުން ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް އަދި ހައުސިން ލޭންޑް އެންޑް އާބަން ޑިވޮލޮޕްމަންޓްގެ ވެރިންނާ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީން މިއަދު ބައްދަލުކުރަން ވަނީ ހަމަޖެހިފަ އެވެ.