ޚަބަރު

ބަނގުރޫޓްކޮށްލި ބައެއްގެ ލަފައެއް ހޯދައިދިފިނަމަ ވާނީ ނުލަފާ: އަބްދުއްރަހީމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މިދިޔަ ފަސް އަހަރު ވެރިކަންކުރި އެމްޑީޕީން ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ކޮށްލުމަށް ފަހު ވެއްޓުނު އަނދަވަޅުން ނަގަން މި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެ ޕާޓީން ގެއްލުންދެމުންދާ ކަމަށާއި އިގްތިސާދީ ކަންކަމުގައި އެ ޕާޓީގެ ލަފާ ހޯދައިފިނަމަ ވާނީ ނުލަފާ ކަމަށް ސަރުކާރު ހިންގަ މައި ޕާޓީ ޕްރޮގްރެެސް ކޮންގްރެސް ކޯލިޝަންގެ ޗެއާޕަސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ސަރުކާރާ ގުޅޭ ގޮތުން މީޑީއާގައި ދެކެވޭ ވާހަކަތަކުގެ ތަފްސީލު ހިއްސާކުރުމަށް ކޮންގްރެސް ޕާޓީގެ ލީޑާޝިޕުން މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މިދިޔަ ފަސް އަހަރުގައި އިދިކޮޅުގައި ތިއްބެވިއިރު ތަކުރާރު ކުރެއްވި ފަދައިން އިގްތިސާދީ ގޮތުން ރާއްޖެ އަނދަވަޅަކަށް ވައްޓާލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ވެރިންގެ ހިޔާނާތްތަކުގެ ސަބަބުން ކަމަށެވެ.

އޭރު އިދިކޮޅުގައި ތިބިއިރު މަޖިލީހުގައި އާއި ޕްރެސްކޮންފަރެންސް ތަކުގައިވެސް އިގްތިސާދީ ގޮތުން ރާއްޖެ އަނދަަވަޅަކަށް ވެއްޓޭނެ ކަމަށް ތަކުރާރު ބުނަމުން ދިޔަ ކަމަށާއި އެކަމަކު ސަރުކާރުން އެ ވާހަކަތަކަށް ދިނީ ބީރުކަންފަތެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ފައިސާ ޗާޕްކުރީމަ ވާނީ މިހެންނޭ. ވަކި ރޭޓަކަށްވުރެ މަތިން މާ ގިނަ ލޯނުތަކެއް ނަގަންޏާ މިކަން ވާނީ މިހެންނޭ" އަބްދުއްރަހީމް ވިދާޅުވީ މިއަދު ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ އެކަންތައްތައް ހައްލުކުރުމުގެ މަސައްކަތް ކަމަށެވެ.

މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުގެ ވަޒީރުންނާ ވެރިންގެ ހިޔާނާތުގެ މައްސަލަތައް އެއްވެސް ވަރަކަށް މި ސަރުކާރުން ހަނދާނެއް ނުނެތެ އެވެ.

އެކަމަކު ސޯލިހު ސަރުކާރުގެ ވެރިންގެ މައްސަލަ ބާލާނީ ގާނޫނު އިމުގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ. ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑު ދެރަވޭ އެ ބޭފުޅުން (އެމްޑީޕީގެ އިސް ފަރާތްތައް) އަރާ މިހާލަތަށް ގައުމު ވައްޓާލާފައި، އަނެއްކާ އަޅުގަނޑުމެން އައިސް އެ ހާލަތުން ގައުމު ސަލާމަތްކުރަން ދިމާކުރި ވަގުތުން އަނެއްކާ އިތުރަށް މި ގައުމަށް ގެއްލުންދޭން މަސައްކަތްކުރައްވާތީ" އަބްދުއްރަހީމް ވިދާޅުވީ ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ވެރިކަންކުރި އެމްޑީޕީގެ ވެރިކަން ނިމޭ ކޮންމެ ފަހަރަކު ގައުމު އަލުން ކޮޅަށް ޖަހަން ޖެހެނީ ދެން ވެރިކަމާއި ހަވާލުވާ ބަޔަކު ކަމަށެވެ.

ސަރުކާރަށް އަދި އެއްވެސް ކަމެއް ކޮށްދެވިފައިނުވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިވީ 9 މަސް ތެރޭގައި އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވާފައިވާ ކަމަށެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ މި ރާއްޖޭގެ ތާރިހުގެ އެއްވެސް ވެރިއަކު ވެރިކަމަށް ވަޑައިގެން 9 މަސް ދުވަހު އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން ވީ ހުރިހާ ވައުދެއް ފުއްދިވެރިއަކު ހުރިހެން" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ގައުމެއް ބަނގުރޫޓްކޮށްލާފައި ދިޔަ ބަޔަކު ދެން އަޅުގަނޑުމެން ގައުމެއް ބިނާކުރަން އުޅޭ ބަޔަކު ކީއްކުރަންތޯ އެމީހުންގެ ލަފާ ހޯދަންވީ. އެ މީހުންގެ ލަފާ ހޯދާފިއްޔާ ނުލަފާ ނޫންތޯ ވާނީ " މާލީ ކަންކަމުގައި އިދިކޮޅު ފަރާތްތަކުގެ މަޝްވަރާ ސަރުކާރުން ނުހޯދާ ކަމަށް އެމްޑީޕީން ބުނަމުންދާ ބުނުމާއި ގުޅުވައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބު ގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުގެ ވަޒީރުންނަކީ އެއަށްވުރެ މާ ގާބިލު ބޭފުޅުން ކަމަށާއި އެހެން ބައެއްގެ ލަފާއާ ނުލައިވެސް ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!