ޚަބަރު

އިންޑިއާ ސިފައިންގެ ބޯޓުގެ ފޮޓޯ ނަގައިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެެމްއެންޑީއެފް) އާއި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް މިއަދު ހދ. ހަނިމާދޫ އަށް ޖެއްސި އިންޑިއާ ސިފައިންގެ ދެ ބޯޓުގެ ފޮޓޯ ނަގައިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާނެ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިއަދު ހެނދުނު 10:25 ގައި ހަނިމާދޫ އަށް ޖެއްސި އެ ދެ ބޯޓުގެ ފޮޓޯއާއި ވީޑިއޯ ގިނަ ފަރާތްތަކަކުން މީސްމީޑިއާ ގައި ހިއްސާ ކޮށްފައިވާއިރު، އެ ބޯޓުތަކުގެ ފޮޓޯއާއި ވީޑިއޯ ހިއްސާ ކުރިކަމަށް ތުހުމަތުކޮށް ހަނިމާދޫ ގެ ދެ ރައްޔިތަކު ފުލުހުން ހައްޔަރު ކުރި ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ އެ ބޯޓުތަކުގެ ފޮޓޯ އާއި ވީޑިއާ ހިއްސާ ކުރިކަމަށް ތުހުމަތުކޮށް ހަނިމާދޫ ދެ ރައްޔިތަކު ހައްޔަރުކޮށް ފޮޓޯ އާއި ވީޑިއޯ ހުރިކަމަށް ބުނެ ޑިލީޓް ކުރަން އެދިފައިވާ ކަމަށެވެ. އެކަން މެންބަރު ޝިޔާމް ސިފަ ކޮށްފައިވަނީ އަޅުވެތިކަމެއްގެ ގޮތުގައެވެ.

މިތުހުމަތު ތަކަށް ރައްދު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހަނިމާދު އަށް މިއަދު ޖެއްސި އިންޑިއާގެ އަސްކަރިއްޔާގެ ދެ ބޯޓުގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރި ކަމަށް ތުހުމަތުކޮށް ބަޔަކު ހައްޔަރުކޮށް ފޮޓޯއާއި ވީޑިއޯ ޑިލީޓްކުރި ކަމަށް ބައެއް ފަރާތްތަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯރޓް ކޮށްފައިވާތީ އެފަދަ މައްސަލައަކާއި ގުޅިގެން އެއްވެސް ފަރާތަކާއި ފުލުހުން އެއްވެސް ކަހަލަ މުޢާމަލާތެއް ކޮށްފައި ނުވާ ކަމަށާއި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ވެސް ނުވާކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!