ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި
ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލުން އަނބުރާ ގެންގޮސް ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޖޫން 13 ގަ އެވެ.
ރައީސް އޮފީހުން ބުނީ އެ ނިންމުން ބަދަލުކުރަން ރައީސް ނިންމފައިވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން'ގެ ހުށަހެޅި ކަންކަމަށް ބެލުމަށް ފަހު ކަމަށެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ އެ ނިންމެވުމާ ގުޅިގެން ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަނާއި ކަމާއި ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަޑުއަހައިގެން ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ހައްލު ހޯދައިދެވޭނެގޮތަށް ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި ހެޔޮ ބަދަލުތައް ގައުމަށް ގެނެސްދިނުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކަނޑުގެ ވެށީގެ ދިރުންތަކަށް ގެއްލުން ކުޑަ, ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ލޭނު އަޅައިގެން މަސްވެރިކަންކުރުމަށް މަގުފަހިކޮށްދިނުމަށް ލޭނު މަސްވެރިކަން ރާއްޖޭގައި އަލުން ހުޅުވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމާ, އެކުލަވާލި ގަވާއިދަށް ހިޔާލު ހުށަހަޅަން ހުޅުވާލުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު, އެމްޑީޕީގެ މެންބަރުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ, ކުއްލި މައްސަލައެއް ހުށަހެޅުއްވި ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން އެ މައްސަލަ ބޭރުކޮށްލި އެވެ.