ޚަބަރު

ޕޯސްޓެއް އެތެރެ ކުރަން އުޅުނު އެއް މިލިޔަން ރުފިޔާގެ ޑްރަގު އަތުލައިގެންފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

Ads by Hajj Corporation

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

މިތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ 4 ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައެވެ.

އެގޮތުން ބަލާފާސްކުރެވުނު ޕެކޭޖްތަކުގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯންއަށް ވަނީ ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ. މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 0.666 ކިލޯގުރާމްހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ ޖުމްލަ އެއްމިލިއަން ދިވެހި ރުފިޔާކަމަށް ލަފާކުރެވޭކަމަށް ކަސްޓަމްސްއިން ވިދާޅުވެއެެވެ.

މި މައްސަލަތައް އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، މައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކުރެވިފައިކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!