ރަހީނުކުރި އަންހެނަކު ސަލާމަތްކުރަން ފުލުހުން ހިންގި އޮޕަރޭޝަނުގައި ގޯހެއް ނެތް: މިނިސްޓަރު
މާލޭގައި ރަހީނުކޮށް އަނިޔާކޮށްގެން އަންހެނަކު ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެ އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ގޯހެއް ހަދާފައި ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އެ މައްސަލާގައި ތުހުމަތުވާ ފިރިހެން މީހާ ސީނުން ހައްޔަރުކުރުމުގެ ތެރޭގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދާއިރު ފުލުހުން ބާރުގެ ބޭނުން ކުރި ގޮތް ބަލަން އެތެރޭގެ ތަހުގީގެއް ހިންގާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އެ ހަބަރު ދޮގު ކުރައްވައި އިހުސާންގެ "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ އެތެރޭގެ ތަހުގީގެއް ހިންގަން އަންގާފައި ނުވާނޭ ކަމަށެވެ. އަދި އެ އޮޕަރޭޝަން ފުލުހުން ހިންގީ ރަނގަޅަށް ކަމަށް ވިދާޅުވެ، ފުލުހުންގެ ހިދުމަތަށް މިނިސްޓަރު ތައުރީފު ކުރެއްވި އެވެ.
"ފުލުހުން ކުރެއްވީ ހިތްވަރުގަދަ މަސައްކަތެއް، ފުލުހުންގެ މަސައްކަތުން ރަހީނުކޮށްފައިވާ އަންހެން ކުއްޖެއް ސަލާމަތް ކުރެވުނު، އެ ކަމަށް ޓަކައި ފުލުހުންނަށް ސާބަސް ދަންނަވަން، ފުލުހުން ބާރުގެ ބޭނުން ކުރި ގޮތް ތަހުގީގު ކުރަން އަންގާފައި ނުވާނެ،" މިނިސްޓަރު އިހުސާން ލިޔުއްވާފައިވެ އެވެ.
އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ މަގުމައްޗަށް ނެރެ ސައިކަލަށް އަރުވައިގެން ފިލަން މަސައްކަތް ކުރީ އަހުމަދު އަތުހަރުއެވެ. އޭނާއަކީ ށ. މިލަންދޫ މީހެކެވެ. މުގުރު ބުރިން އެ މީހާއަށް ހަމަލާދީ އަންހެން މީހާ ސަލާމަތްކޮށްފައިވަނީ އެ ސީންގައި ހަރަކާތްތެރިވި ހައި ވިސިބްލިޓީ ޔުނިޓްގެ ފުލުހެކެވެ.
އޭނާއަކީ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް، ރައީސަށް އަށް ލިބިދޭ ބާރުގެ ދަށުން 2022ވަނަ އަހަރު މާފުދީފައިވާ މީހެކެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިމައްސަލަ ހޫނުވީ އެ ދެ މީހުން ދިރިއުޅޭ ގޭގެ ކުލި ނުދެއްކިގެން ފެށުނު ޒުވާބެއްގެ ތެރެއިންނެވެ. އެ ދެމީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުން ކަަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓްކުރިއެވެ.
އެނގިފައިވާ ގޮތުގައި އަންހެން މީހާއަކީ ފުލުހެކެވެ. އެ ކަން ފުލުހުންގެ ހިދުމަތުން ވެސް ކަށަވަރުކޮށްދެ އެވެ. އެކަމަކު އެއީ ކޮން ޑިޕާޓްމަންޓުގެ ކޮން ރޭންކިންއެއްގެ ހުރި ފުލުހެއް ކަމެއް ނުބުނެ އެވެ.
ކިތަންމެ ރަނގަޅަކަށް ފުލުހުން ކަންކުރިޔަސް ނުރުހޭ ޕާޓީގެ މީހުން ކޮންމެވެސް މައްސަލައެއް އުފައްދާނެކަން މި ހާދިސާއިން އެނގިގެން މިދަނީ. މީ އެމެރިކާގައި ހިނގި ހާދިސާއެއްނަމަ ވަޅި ހިފައިގެން އިންމީހާގެ ބޮލަށް ޖެހީހީ ލައިވް ވަޒަން. މި ހާދިސާގައި ރަހީނުކުރި މީހާއަށް ލިބުނު އަނިޔާގެ ވާހަކަ ދައްކަނީ ހަމަހޭގައި ތިބި ބަޔަކުބާ.