ޚަބަރު

ލޭނެއް މަދުކަމަށް ބުނެ ބްރިޖް ހުޅުވުން ކެންސަލް ކުރަން ވެސް ޔާމީން އުޅުނު: ރައީސް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވި ދުވަހު ރައީސް މުއިއްޒުއާ އެކު/ ފޮޓޯ: ދެން

ސިނަމާލެ ބްރިޖުގެ ލޭނެއް މަދު ކަމަށް ވިދާޅުވުމަށް ފަހު ބްރިޖު ހުޅުވުން ކެންސަލް ކުރަން ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރެއްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

މާލެއާއި ހުޅުމާލެ ދެމެދު އަޅާފައިވާ ބްރިޖުގެ ލޭނެއް މަދުވެގެން ކަމަށް ވިދާޅުވެ، ޔާމީން އޭރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވި ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ހުތުރުކޮށް ވާހަކަ ދެއްކެވި ކަމަށް ފުރަތަމަ ވިދާޅުވީ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ.

މިރޭ "ސަންގުޓީވީ" އަށް ރައީސް މުއިއްޒު ދެއްވާ އިންޓަވިއުގައި އެ ކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ކަން ހިނގައިދިޔަ ގޮތް ތަފްސީލްކޮށް ވިދާޅުވެދެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ލޭނެއް މަދުވެގެން ޔާމީން ޝަކުވާ ކުރެއްވީ ބްރިޖުގެ މަސައްކަތުގެ ބޮޑު ބައެއް ހިނގައިދިޔަ ފަހުން ކަމަށެވެ. އޭރު ވެސް ބުރިޖަށް އިތުރު ލޭނެއް ގެންނަން ދަތިވާނެ ކަން ޔާމީނަށް ކިޔައިދެއްވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"[ބްރިޖު ހުޅުވަން] މަހަކާ ގާތް ވެފައި ވަނިކޮށް، ބްރިޖު ކޮމިޓީއެއް ހަދާފައި ވާނެ. ކޮމިޓީ ގެންގޮސް ޔާމީން އެންގެވީ ސައިކަލަށް ވަކި ލޭނެއް އޮންނަން ވާނޭ،" ރައީސް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީއަށް މަޝްރޫއު ހަވާލުކުރި ފަހުން ބްރިޖުގެ ޑިޒައިނަށް ގެނައި ބަދަލުތަކުގައި ލޭނު މަދުކުރުން ނުހިމެނޭ ކަމުގެ ޔަގީންކަން ރައީސް އެރުވި އެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ލޭނު ހިމެނޭ ވަރަށް ބުރިޖުގެ މަސައްކަތް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޕްރީ-ފީޒިބިލިޓީ ސްޓޭޖާއި ފީޒިބިލިޓީ ސްޓޭޖާ ހަމައަށް ކޮންސެޕްޓް ޑިޒައިނިން އަދި ޑީޓެއިލް ޑިޒައިންނާ ހަމައަށް އަޅުގަނޑު ބައިވެރިވިން. އެއްވެސް ހިސާބަކުން ލޭނެއް މަދެއް ނުކުރަން. ފުރަތަމަ ވެސް އޮތީ ހަމަ ކޮޅަށް ދެ ލޭނު،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ އިރުޝާދުތަކާ އެއް ގޮތަށް މަސައްކަތް ނިންމުމަށް އޭރު ހުރިހާ ވަޒީރުން މަސައްކަތް ކުރައްވާ ކަމަށާއި ސަރުކާރުން އެކުލަވާލާފައިވާ "ބްރިޖް ކޮމިޓީ" ގެ އެހެން ބޭފުޅުންނާ އެކީ ލޭނެއް އިތުރު ކުރަން ވަރަށް މަސައްކަތް ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

"ޗައިނާ ސަރުކާރާ އެކީ ވެސް އަޅުގަނޑު ސީދާ ވާހަކަ ދައްކަމުން ދިޔައީ، އެކި ގޮތް ގޮތަށް ބްރިޖު ކޮމިޓީން ބަލަމުން ދިޔައީ، ހިނގަން ބައިސްކަލަށް އޮތް ލޭނަށް ސައިކަލެއް އަރުވައިގެން ދުއްވޭތޯ ވެސް ބެލިން، އެ ލޭނު ސައިކަލަށް ހަމަޖައްސަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ދެން ރައީސް ޔާމީން ބޭނުންފުޅުވީ ބްރިޖު ހުޅުވުން ކެންސަލް ކުރަން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު އޭރު ބްރިޖު ހުޅުވުމުގެ ތާރީހު ކަނޑައެޅުމުގެ އިތުރަށް ޗައިނާ ސަރުކާރުގެ ފަރާތުން ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާނެ މަންދޫބު ވެސް ކަނޑައެޅިފައިވާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"ދެ ގައުމުގެ ގުޅުމަށް އަސަރު ކުރާނެ ކަން ވިސްނޭތީ ވަރަށް ބޮޑަށް [ޔާމީނަށް] ވިސްނަވައިދެވޭތޯ އަޅުގަނޑު މަސައްކަތް ކުރިން. ދެން ވަރަށް މަސައްކަތުން ރައީސް ޔާމީން އެއްބަސްވެވަޑައިގަތް. ސްޕީޑް ބްރޭކާސް ލައިފައި ކުރިއަށް ގެންދަން ދެން އިރުޝާދު ދެއްވީ،" ރައީސް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!