އަންހެނަކު ރަހީނުކުރި އަތުހަރު ވެންޓިލޭޓަރަށް ލައިފި

އަންހެނަކު ރަހީނުކުރި މައްސަލާގައި ބަންދުގައި ބަހައްޓާފައިވާ ށ. މިލަންދޫ، އާދަމް އަތުހަރު، 32، އަމިއްލައަށް މަރުވާން އުޅުމުން ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އިތުރަށް ހާލު ގޯސްވުމުން ވެންޓިލޭޓަރަށް ލައިފި އެވެ.
މިއީ މި މައްސަލާގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދަން ޖެހުނު ތިންވަނަ ފަހަރެވެ.
އެންމެ ފުރަތަމަ ސީނުން ހައްޔަރުކުރުމުގެ ތެރޭގައި އަތުހަރު ނުކިޔަމަންތެރިކަން ދައްކައި ފުލުހުންނަށް ވެސް އަނިޔާ ދިނުމަށް މަސައްކަތް ކުރުމުން އޭނާއަށް ވެސް އަނިޔާ ލިބި އޭޑީކޭއަށް ގެންދިޔަ އެވެ. އެއީ ބުރާސްފަތި ދުވަހުގެ ރެ އެވެ.
އެއަށް ފަހުގައި ހުކުރު ދުވަހު އޭނާ ހޮޑުލާތީ އައިޖީއެމްއެޗަށް ގެންގޮސް އޮބްޒަވޭޝަނުގައި ބޭއްވުމަށް ފަހު ދޫކޮށްލި އެވެ. ފަރުވާ ދިނުމަށް ފަހު ހަމަ އިއްޔެ އޭނާ ގޮޅިއަށް ބަދަލުކުރި އެވެ. ދެން އޭނާ މިއަދު އަމިއްލައަށް މަރުވާން މަސައްކަތްކުރުމުން ހާލު ދެރަވެ، މިއަދު އަނެއްކާ ވެސް ހޮސްޕިޓަލަށް ގެންދިޔައީ އެވެ.
ފުލުހުން މިރޭ ބުނީ އޭނާގެ ހާލަތު ގޯސްވެގެން އައިޖީއެމްއެޗުގެ އައިސީޔޫއަށް ބަދަލުކޮށް ވެންޓިލޭޓަރަށް ލާފައިވާ ކަމަށެވެ. އަދި މައްސަލަ ހިނގި ގޮތް ބަލަން ދޫނިދޫ ކަސްޓޯޑިއަލްގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މިޑީއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރަހީނުކުރި އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ސައިކަލަށް އަރުވައިގެން އަތުހަރު ފިލަން މަސައްކަތް ކުރެ އެވެ.
އެ ސަރަހައްދަށް ފުލުހުން ދިޔުމުން އެ އަންހެން މީހާ ސަލާމަތްކުރަން އުޅެފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދިނެވެ. އަތުހަރުގެ ބޮލުގައި މުގުރުން ޖަހައި ފުލުހުން އެ އަންހެން މީހާ ސަލާމަތްކުރީ ފުރާނާ ސަލާމަތްކުރުމުގެ ބާރު ބޭނުންކޮށްގެންނެވެ.
އަތުހަރު ބޮލުގައި މުގުރުން ޖެހި ވަގުތު އަންހެން މީހާއަށްވެސް އަނިޔާވި އެވެ. އެ އަންހެން މީހާ އަކީ ފުލުހެއްކަމަށްވެ އެވެ. ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އެ އަންހެން މީހާ ވަނީ މިހާރު ދޫކޮށްލާފަ އެވެ.
އަތުހަރަކީ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ލިބިދޭ ބާރުގެ ދަށުން 2022 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފުދީ ޖަލުން މިނިވަން ކުރި މީހެކެވެ.
އެ ދެ މީހުންނަކީ އެއްކޮށް ދިރިއުޅޭ ދެ ލޯބިވެރިން ކަމަށް މައުލޫމާތު ލިބެ އެވެ.
އަންހެން މީހާ ކަރުގައި އަތުހަރު ވަޅި ޖައްސައިގެން އުޅުނީ އެއްވެސް މަސައްކަތެއް ނުކޮށް, ހުރިހާ ހަރަދެއް އަންހެން މީހާ ކުރަން ޖެހޭތީ ކަމަށް ބުނެ ދެ މީހުންގެ ދެމެދު ފެށުނު ޒުވާބެއްގެ ތެރެއިން ކަމަށްވެ އެވެ.
ރަހީނުކުރި މީހާ ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި ފުލުހުން އަމަލުކޮށްފައިވާ ގޮތަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ ފުލުހުންނަށް ތައުރީފްކޮށްފަ އެވެ.
އެއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބު ކަމާއި ޕްރޮފެޝަނަލް ކަމާއެކު "ތުރެޓް ނިއުޓްރަލައިޒް" ކޮށްފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.






ކޮމެންޓް