ސްޕޯޓްސް ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ހުޅުމާލޭގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒުވާނަކު މަރުވެފައިވާއިރު އެކްސިޑެންޓުވި ސްޕޯޓްސް ކާރު ދުއްވަން އިން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ރޭ ދަންވަރު ދިޔަ ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އެ ކާރު ދުއްވަން އިނީ އައްޑޫ ސިޓީ ހިތަދޫ ވައިލެޓްފެހި، އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމް ސިއްދީގެވެ.
ފުލުހުން ބުނީ އޭނާގެ މައްސަލައާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ރޭ ހިނގި އެކްސިޑެންޓްގައި ނިޔާވީ ލ. އިސްދޫއަށް ނިސްބަތްވާ ކަރެކްޝަންސްގެ އޮފިސަރު އުމުރުން 23 އަހަރުގެ ހަސަން ސަމާހު އެވެ.
އެކްސިޑެންޓުގައި ސަމާހަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އެގޮތުން އޭނާގެ ބޮލަށާއި މޫނަށް އަނިޔާވިއިރު، ގިނަ އަދަދަކަށް ލޭ ވެސް ހަށިގަނޑުން ބޭރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މި އެކްސިޑެންޓް ހިނގުމާ އެކު ސަމާހަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ މަރުވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
ހީނުވޭމައްސަލަ ނިމެންދެން ހައްޔަރު ކުރެވޭނެހެންހައިކޯޓުން ބުނާނެ އިޖުރާއަތު ފުރިހަމަނުވެޔޯ