ޑޯން 3 ގެ ޝޫޓިން އަނެއްކާވެސް ފަސްކޮށްފި
މަޝްހޫރު ކްރައިމް ތްރިލާ ފްރެންޗައިޒް "ޑޯން" ގެ ތިންވަނަ ސީކުއަލްގެ މަސައްކަތްތައް އަނެއްކާވެސް ފަސްކޮށްފި އެވެ.
މިފިލްމުގެ ޝޫޓިން އެންމެ ފުރަތަމަ ފަށަން ހަމަޖެހުނީ މިއަހަރުގެ ތެރޭގަ އެވެ. މިއަހަރު އަނެއްކާވެސް ފިލްމުގެ މަސައްކަތްތައް ފެށުން އަންނަ އަހަރުގެ ޖެނުއަރީ މަހަށް ފަސްކުރި އެވެ. މިހާރު ހަބަރުތައް ބުނާ ގޮތުގައި ތިންވަނަ ފަހަރަށް ޝޫޓިން ވަނީ ފަސްކޮށްފަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި "ޑޯން 3" ގެ ޑައިރެކްޓަރު ފަރްހާން އަކްތަރުގެ މަސައްކަތްތަކުގެ ސަބަބުން ދެން ފިލްމު ޝޫޓު ކުރާނީ އަންނަ އަހަރުގެ މެއި ނުވަތަ ޖޫން މަހު އެވެ. މިގޮތަށް ނިންމީ ފަރްހާން މިހާރު މަސައްކަތް ކުރަމުންދާ "120 ބަހާދުރް" ގެ މަސައްކަތްތައް ނުނިމޭތީ އެވެ. އޭނާ ބޭނުންވަނީ "ޑޯން 3" ގެ ޕްރޮޑަކްޝަން މަސައްކަތްތައް ފެށުމުގެ ކުރިން މިހާރު ކުރާ ހުރިހާ މަސައްކަތެއް ނިންމާށެވެ.
"ޑޯން 3" ގައި ފުރަތަމަ ކާސްޓު ކުރަން ހަމަޖެހުނީ ކުރިން ދެ ފިލްމުގައިވެސް ލީޑް ރޯލު ކުޅުނު ޝާހުރުކް ހާން އާއި ޕްރިޔަންކާ ޗޯޕްރާ އެވެ. އެހެންނަމަވެސް ފަހުން މި ދެތަރިންގެ ބަދަލުގައި ރަންވީރު ސިންގް އަދި ކިއާރާ އާދުވާނީ ހަމަޖެއްސި އެވެ. ބެލެވޭ ގޮތުގައި މިގޮތަށް ނިންމީ ޕްރިޔަންކާ އާއި ޝާހު އެކީގައި މަސައްކަތް ކުރަން އުޒުރުވެރިވާތީ އެވެ.
ޕްރިޔަންކާ އާއި ޝާހު "ޑޯން" އިން 2009 ވަނަ އަހަރު އަދި "ޑޯން 2" އިން 2011 ވަނަ އަހަރު ފެނުނެވެ. އޭގެ ފަހުން މި ދެތަރިން އެކީގައި މަސައްކަތެއް ނުކުރެ އެވެ. ދެތަރިންގެ ދެމެދުގައި އަމިއްލަ މައްސަލަތަކެއް އޮތްކަމަށް ވާހަކަ ދެކެވެ އެވެ.
"ޑޯން" ފްރެންޗައިޒް ފެށީ 1978 ވަނަ އަހަރު އަމީތާބު ބައްޗަން ލީޑް ރޯލުން ފެނުނު "ޑޯން" އަސްލަކަށް ބަލައިގެންނެވެ. މިފިލްމުގައި އަންހެން ލީޑް ރޯލުން ފެނުނީ ޒީނަތު އަމާން އެވެ.