ގަލޮޅު ސިޓީ ޕާކު އާންމުންނަށް ހުޅުވާލަނީ

ގަލޮޅު ސިޓީ ޕާކު އާންމުންނަށް ހުޅުވާލަން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލްއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދުވަސް ތަކެއް ވަންދެން ބަންދުކޮއްފަވާ ގަލޮޅު ސިޓީ ޕާކް އާއްމުންނަށް ވަދެވޭ ގޮތަށް ހުޅުވާލުމަށް ޓަކައި ޕާކު ސާފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ގަލޮޅު ސިޓީ ޕާކުގައި ކެފޭއަކާއި ކުޅިވަރު ކުޅޭނެ ތަންތަން ހަދަން ބަޔަކާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު އެވެ.
އެހެން ނަމަވެސް ދޮޅު އަހަރެއްހާ ދުވަސްވީ އިރުވެސް އެ މަސައްކަތް ކުރިއަށް ނުދިޔަ ކަަމަށާއި އެހެންވެ ކޮންޓްރެކްޓް ބާތިލުކުރީ ކަމަށް ވެސް މާލޭގެ މޭޔަރު އާދަމް އާޒިމް މިރޭ "ދެން"އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އެތަން އޮތީ ބޮޑު ގޮނޑެއްހެން ކަމަށެވެ.
އެހެންވެ ކުނިތައް ސާފުކޮށް ނިމުމުން އެތަން އާންމުންނަށް ވަރަށް އަވަށް ހުޅުވާލާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ/
އެހެން ނަމަވެސް އެތަން ހުޅުވާލާނެ ސީދާ ތާރީހެއް މޭޔަރު ވިދާޅެއް ނުވެއެވެ.