ކުދި ޖަޒީރާ ގައުމުތަކުގެ ޖޮއިންޓް ސްޓޭޓްމަންޓެއް ރާއްޖޭން އދ. ގައި އިއްވަނީ
މާދަމާ ފަށާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 57 ވަނަ ސެޝަނުގައި ހިމެނޭ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ބާއްވާ ޑައިލޮގްގައި ކުދި ޖަޒީރާ ގައުމުތަކުގެ މައްޗަށް އެކުލެވޭ ގްރޫޕުގެ ފަރާތުން ރާއްޖޭން ޖޮއިންޓް ސްޓޭޓްމަންޓެއް ދިނުމަށް ހަމަޖެހިއްޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ސްވިޒަލޭންޑްގެ ޖެނވާގައި ކުރިއަށްދާ އެ ބައްދަލުވުމުގައި ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެޖެންޑާގެ ގިނަ އައިޓަމްތަކެއްގެ ދަށުން ރާއްޖޭގެ ވަފުދުން ތަގުރީރު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ގޮތުން ކުދި ޖަޒީރާ ގައުމުތަކުގެ ފަރާތުން އިއްވާ ޖޮއިންޓް ސްޓޭޓްމަންޓަކީ އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ކުރިއަށް ގެންދާ އެނަލިޓިކަލް ސްޓަޑިއާ ގުޅޭ ގޮތުން އޮންނަ ޑައިލޮގްގައި އިއްވާ ސްޓޭޓްމަންޓެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
"އެ ޖޮއިންޓް ސްޓޭޓްމަންޓްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނީ ހައްގުތައް ފުރިހަމައަށް ލިބިގަތުމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލާނެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.
މި އަހަރުގެ މާޗް މަހުގެ 12 އިން 21 އަށް ޑިމޮކްރެޓިކް އެންޑް އިކުއިޓަބަލް އިންޓަނޭޝިނަލް އޯޑައާ ބެހޭ އިންޑިޕެންޑެންޓް އެކްސްޕާޓް ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ރިޕޯޓެއް ވެސް މި ސެޝަންގައި ހުށަހަޅާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ޖެނީވާގައި ކުރިއަށްދާ އެ ބައްދަލުވުމުގައި ސްޕެޝަލް ޕްރޮސީޖަރސް މެންޑޭޓް ހޯލްޑަރުންނާއި، އެކްސްޕާޓް މެކޭނިޒަމްތަކާއި، އިންވެސްޓިގޭޓިވް މެކޭނިޒަމްތަކާއެކު ޖުމްލަ 30 އިންޓަރެކްޓިވް ޑައިލޮގް ބޭއްވުމަށް ހަމޖެހިފައިވެ އެވެ.
ޖުމުލަ 50 ގައުމުގެ ހާލަތުތަކާއި، 80 އަށް ވުރެ ގިނަ ތީމެޓިކް ރިޕޯޓްތައް މުރާޖާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަން ފޮރިން މިނިސްޓްރީން ފާހަގަގަ ކުރި އެވެ. އެ ސެޝަނުން ދުނިޔޭގެ އިންސާނީ ހައްގުތަކަށް ގޮންޖެހުންތަކަށް ހައްލު ހޯދުމަށް، ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުމާއި މަޝްވަރާއަށް މުހިންމު މަންސައެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ ސެޝަންގައި މިޔަންމާގެ ސްޕެޝަލް ރެޕަޓުއަރއާއެކު ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ތަގުރީރެއް ދިނުމާއެކު، ފަލަސްތީނަށް ކުރިމަތިވަމުންދާ އިންސާނީ ކާރިސާއަށް އަލިއަޅުވާލާ ތަފާތު އެޖެންޑާ އައިޓަމްތަކުގައި ރާއްޖެއިން ތަގުރީރު ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.