ޚަބަރު

2013ގައި އަބްދުއްރަހީމް ހުންނެވީ އަޅުގަނޑާއެކުއެއް ނޫން، ގާސިމްއާއެކު: ޔާމީން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ދެހާސް ތޭރަވަނަ އަހަރުގެ  ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއެކު ކަމަށް އެ އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

މިރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކުރެއްވި މަސައްކަތްޕުޅާއި ގުޅޭ ގޮތުން އަބްދުއްރަހީމްއާއި އޭނާގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު ފައިސަލް އިބްރާހިމް މިފަހުން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވާފައެވެ.

އެގޮތުން 2013ގެ ރިޔާސީ އިންތިހާބަށް އަލިއަޅުވާލައްވައި ރައީސް ޔާމީން ވަނީ އަބްދުއްރަހީމްއަށް ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް މިރޭ ދެއްވައިފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރި ހޯއްދެވި އިރު ދެވަނައަށް އެމަނިކުފާނު އަދި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ގާސިމް ކަމަށެވެ.

އެ އިންތިހާބުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުކުރިއިރު ރައީސް ޔާމީންއާ ގާސިމްއަށް ލިބިވަޑައިގެންނެވި ވޯޓުގެ ފަރަގު ކުޑައެވެ.

"އޭރު އަޅުގަނޑުގެ ވަރަށް ގާތް މީހަކު އަޑު އެހީ. އަބްދުއް ރަހީމް ބުނުއްވި ތިމަންނަ އޭރުވެސް ބުނީމޭ އަހަރުމެން އަތުގައި ފައިސާއެއް ނެތޭ. މިއަށްވުރެ މާ ރަނގަޅުވާނެޔޭ އަޅުގަނޑަށް ކޮންމެވެސް ނަމެއް ކިއުމުގެ ކުރިން ގާސިމްއަށް ތާއިދުކުރަން ނިންމިނަމަ ގާސިމްއޭ މި ވޯޓު ހޯދާނީ" ރައީސް ޔާމީން ވިދާޅުވި އެވެ.

އެެހެންކަމުން 2013ގައި އަބްދުއްރަހީމް ހުންނެވީ ގާސިމްއާ އެކުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ވާހަކަތައް އެމަނިކުފާނާ ހަމައަށް އައީ ދޮގު ނުކުރެވޭނެ މަސްދަރަކުން ކަމަށެވެ. އަދި ހުދު އަބްދުއް ރަހީމްއަށް ވެސް އެ ވާހަކަތަައް ދޮގު ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ،

އަބްދުއްރަހީމަކީ ޔާމީން ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ, ޕީއޭގައި ވެސް ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ރައީސް ޔާމީން ވަނީ މީގެ ކުރިން އަބްދުއްރަހީމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. ނަމަވެސް ރައީސް މުއިއްޒަށް ވެރިކަން ހޯދައިދެއްވީ އަބްދުއްރަހީމް ކަމަށް ވިދާޅުވެ, އަބްދުއްރަހީމަށް އޭނާ ދަނީ ވަރަށް ފާޑު ވިދާޅުވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!