ރިޕޯޓް

ސައިކަލު ބަހައްޓައިފައި މުހައްމަދު ފޭބީ ދޯންޏެއްގެ ފެހިކަހަން, ދެން ލިބުނީ މަރުގެ ހަބަރު!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ކުޅުދުއްފުށި ސިޓީގައި މީހަކު މަރުވެފައި މޫދުގައި އޮއްވާ ވަނީ ފެނިފައި

ކުއްލި މަރުގެ ހަބަރަކަށް 24 ގަޑިއިރު ފާއިތު ނުވެ މިއަދު އަނެއްކާ ވެސް މި ލިބުނު ހަބަރަކީ ކުޅުދުއްފުށި ސިޓީ, ޑެއިޒީފެހި, އުމުރުން 36 އަހަރުގެ މުހައްމަދު ހަސަން ހަބަރު ހުސްވެފައި އެ ރަށު ފަޅު ތެރޭގައި އޮއްވައެވެ. އޭގެ ފަހުން މުހައްމަދުގެ މަރު ކަށަވަރުވި އިރު އޭނާއަކީ ފިޓްޖެހުން ފަދަ ކަމެއްގެ މެޑިކަލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. މަސްތުވާތަކެތީގެ ދެވިން ސަލާމަތްވުމަށް އޭނާ ދިޔައީ ފަރުވާ ހޯދަމުންނެވެ.

Ads by Hajj Corporation

މުހައްމަދުގެ ކުއްލި މަރާ ގުޅިގެން ވެސް އުފެދެމުންދާ ސުވާލުތައް ގިނައެވެ. އޭނާގެ މަރުގެ ސަބަބަކީ ކޮބައިހެއްޔެވެ؟ މަރުވެފައި އޮންނަތާ ކިހައިއިރެއް ވާނެ ހެއްޔެވެ؟

މަސްތުވާތަކެއްޗަށް ފަރުވާ ހޯދާތާ 6 މަސް!

މުހައްމަދު ދުއްވާ ފިޔާތޮށި ކުލައިގެ ޒޫމާ ސައިކަލުގައި ގިނަ ބަޔަކަށް ރޭ ވެސް އޭނާ ފެނުނެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް "ދެން"އާ ވާހަކަ ދެއްކި މީހަކު ބުނީ ރޭ އޭނާ ފެނުނުއިރު ތަފާތު ކަމެއް ފާހަގަ ނުވާ ކަމަށާއި އާދައިގެ މަތިން އޭނާ އެހެން ނިކުމެ އުޅޭ ކަމަށެވެ.

ކުޅުދުއްފުށީ ސިޓީގެ އުތުރު ފަރާތު ބަނދަރު/ ފޮޓޯ: ދެން އޮންލައިން

މުހައްމަދު އެންމެ ފަހުން އޭނާގެ ބައްޕަ, ހަސަން އަބޫބަކުރަށް ވެސް ފެނިފައި ވަނީ ރޭ 10:30 ހާއިރު ސައިކަލުގައި މަގުމަތީގައި އުޅެނިކޮށެވެ. އެ ދެމީހުން އެ ވަގުތު ވާހަކަ ދައްކައިފައި ނުވާކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

"ރޭ އޭނާ ސައިކަލުގައި އުޅެނިކޮށް ދުށިން, އެކަނި އުޅުނީ"

މީގެ ކުރިން މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މުހައްމަދު އެކަމުން ސަލާމަތްވުމަށް މީގެ 6 މަސް ކުރިން ވަނީ ފަރުވާ ފަށައިފައެވެ. އެގޮތުން އޭނާ ހޯދަމުން ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ "މެތަޑޯން މެއިންޓަނެންސް ޓްރީޓްމަންޓް" އެވެ.

އެ ޕްރޮގްރާމާ ބެހޭ ގޮތުން "ދެން"އިން ކުރި ސުވާލާކަށް ޖަވާބު ދެއްވަމުން އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް, މުހައްމަދު މޫސާ ވިދާޅުވީ އެ ޕްރޮގްރާމަކީ އަމިއްލަ އިސް ނެގުމުގެ މަތިން ބައިވެރިވެވޭ އަދި ވަކިވެވޭ ގޮތަށް ހިނގާ ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ޕްރޮގްރާމް އެ ހޮސްޕިޓަލުގައި ފެށީ މިދިޔަ 2023 ވަނަ އަހަރުގެ ޖެނުއަރީ 26ވަނަ ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"މެތަޑޯން ޕްރޮގްރާމަކީ ކޮންޓިނިއުސްކޮށް ދާ ޕްރޮގްރާމެއް. އެ ޕްރޮގްރާމްގައި މެޑިކަލް ޕްރޮފެޝަނަލްސްގެ ބެލުމުގެ ދަށުން ކަލްކިއުލޭޓެޑް ޑޯޒްތަކެއް ދެވޭނީ"

މައުލޫމާތު އެނގޭ މީހަކު ބުނީ މުހައްމަދު ގަވާއިދުން އެ ޕްރޮގްރާމުން ފަރުވާ ހޯދަމުންދާ ކަމަށެވެ.

ކުޅުދުއްފުށީ ސިޓީގެ އުތުރު ފަރާތު ބަނދަރު ސަރަހައްދުގައި ފުލުހުން/ ފޮޓޯ: ދެން އޮންލައިން

މޫދަށް ފޭބީ ދޯންޏަކުން ފެހި ކަހަން, ލިބުނީ މަރުގެ ހަބަރު!

"ދެން"އާ ވާހަކަ ދެއްކި މީހަކު ބުނީ މުހައްމަދަކީ ދުވަހު މުސާރައަށް މީހުން ބުނެގެން އެކި މަސައްކަތްކޮށްދީ އުޅޭ މީހެއް ކަމަށެވެ. އެގޮތުން މާލެ ދަތުރުކުރާ ބޯޓުތައް އެ ރަށަށް ދިއުމުން މުދާ ބާލައި ދިނުމާއި މުދާ އުފުލައި ދިނުން ފަދަ މަސައްކަތްތައް ވެސް އޭނާ ކޮށްއުޅެއެވެ. އޭގެ އިތުރުން ދޯނިތައް ސާފުކޮށް, ފެހި ކަހައި ދިނުމާއި ވެލި ނަގަން ދިއުން ފަދަ ކަންކަމަކީ ވެސް ދުވަހު މުސާރައަށް މުހައްމަދު ކޮށްއުޅޭ މަސައްކަތް ތަކެވެ.

މަންޒަރު ދުށް މީހަކު "ދެން"އަށް ބުނީ މިއަދު ހެނދުނު ކުޅުދުއްފުށީ އުތުރު ފަރާތު ބަނދަރު ސަރަހައްދުގައި އެއްގަމުގައި ސައިކަލު ބެހެއްޓުމަށް ފަހު މުހައްމަދު މޫދަށް ފޭބީ ދޯންޏެއްގެ ފެހި ކަހަން ކަމަށެވެ.

"އެއީ ވެލި ނަގަން ދުއްވާ އޮޑިއެއް, އެ ސޮރުގެ ހަށިގަނޑު ނެގީ ވެސް އެ ދޯންޏަށް"

އޭނާ ސައިކަލު ބަހައްޓާފައި ހުރީ ބަނދަރާ ގާތްގަނޑަކަށް 50 ފޫޓު ދުރުގައި ކަމަށާއި އެ ސައިކަލު އަދިވެސް އެތަނުގައި އެބަ އިން ކަމަށް އޭނާ ބުންޏެވެ.

މުހައްމަދުގެ އާއިލާގެ ފަރާތުން ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މީހާކު ބުނީ އޭނާއަށް މީގެ ކުރިން ސިއްހީ ބޮޑު މައްސަލައެއް ދިމާވި ކަން އެނގިފައި ނުވާ ކަމަށެވެ. އަދި ފިޓް ޖެހި ނުވަތަ ހިތުގެ އެއްވެސް މައްސަލައެއް ވެސް މީގެ ކުރިން ދިމާވެފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އޭނާގެ ނުހުންނާނެ އަނތްބެއް ވެސް ދަރިއެއް ވެސް, ޝައްކު ކުރެވޭ އެއްވެސް އެއްޗެއް ކަމެއް މިކަމުގައި ނެތް, ތުހުމަތު ކުރެވޭ ކަމެއް ވެސް ނެތް"

ކުޅުދުއްފުށީ ސިޓީގެ އުތުރު ފަރާތު ބަނދަރު ސަރަހައްދު / ފޮޓޯ: ދެން އޮންލައިން

މައުލޫމާތު އެނގޭ މީހަކު ބުނީ މުހައްމަދުގެ ބައްޕައަށް ރޭ މުހައްމަދު ފެނުނު ފަހުން ދެން ، މިއަދު 8:30ވީ ފަހުން ލިބުނީ ފޯނު ކޯލެއް ކަމަށެވެ. އެއީ މަރުގެ ހަބަރު ކަމަށެވެ.

ތަހުގީގަށް ބޭނުންވާ ޓެސްޓްތައް ހެދުމަށް މުހައްމަދުގެ ހަށިގަނޑު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭނާގެ ހަށިގަނޑުގައި ބޭރުފުށަށް އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ކުޅުދުއްފުށި ސިޓީގެ ފަޅުތެރެއިން ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާކަމަށެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

  1. ހެލޯ

    ފެހިކަހަން ދަންވަރު މީހުން މޫދަށް ހަަމަ އެރޭނެބާ، ތަންކޮޅެއް ލޮޖިކް ގަބޫލުކުރާ ކަހަލަ ލިއުން ޕަބްލިސް ކޮށްބަލަ

    • ހައި

      ފެހި ކަހަން ފޭބީ ހެނދުނު، ރަނގަޅަށް ހަބަރުކިޔާފަ ކޮމެންޓް ކުރޭ

    • އެމްވީ

      ހެލޯ ލިޔަން ކިޔަން ދަސްކޮށް ބަލަ! އެއޮތީ ހެދުނު ފޭބި ވާހަކަ ބޮޑު ކޮށް ލިޔެފަ

  2. ލޮޖިކް

    ލިޔުން ރަނގަޅަށް ނުކިޔަ ކޮން ލޮޖިކެކޭ މި ކިޔަނީ. ލިޔުމުގަ އެބަ އޮތް ހެނދުނު މޫދަށް އެރުނު ވާހަކަ.