މޫޑީޒްއިން ވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފި

ދުނިޔޭގެ އެންމެ ވަރުގަދަ ކްރެޑިޓް ރޭޓިން އެއް އޭޖެންސީ ކަމަށްވާ މޫޑީޒްއިން ވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފި އެވެ.
މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވަނީ ސީއޭއޭ2ކުން ސީއޭއޭ1 އަކަކަށެވެ. އެއީ "ނޮން އިންވެސްޓްމަންޓް" ގްރޭޑްގަ އެވެ.
ރާއްޖޭގެ ރޭޓިން ދަށްކުރުމަށްފަހު މޫޑީޒްއިން ބުނީ އެ ނިންމުން ނިންމީ ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެ ޑިފޯލްޓްވެދާނެ ކަމުގެ ރިސްކު އިތުރުވަމުންދާތީ ކަމަށެވެ.
ހަމަ އެެެހެންމެ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި އަދި ކުރިއަށް އޮތް 12 އަދި 18 މަހުގެ ތެރޭގައި ދައްކަން ޖެހޭ ދަރަންޏާއެކު އެ އަދަދު ބޭރު ފައިސާގެ ރިޒާވްގެ އަދަދު އިތުރުވާނެ ކަމުގެ ސިގްނަލްވެސް ކުޑަ ކަމަށެވެ.
ހަމަ އެހެންމެ ސަރުކާރުން ބޭރުން އެހޯ ހޯދައިގެން ފައިނޭންސިންގެ ކަންކަން ހަމަޖައްސަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ރާއްޖޭގެ އިގުތިސާދީ ހާލަތު ބަދަލުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ލަސްވެފައިވާކަން ވެސް ފާހަގަކޮށްފައި ވެއެވެ.
ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އިތުރުވެ ކްރެޑިޓް ރޭޓިންގައި ދުނިޔޭގެ އިތުރު އޭޖެންސީއެއް ކަމަށްވާ ފިޗުން ވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީއަށް ދަށްކޮށްފަ އެވެ.