ޚަބަރު

ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރަން އާންމުން ހިޔާލު ފޮނުވަން ފަސް ދުވަސް ދެނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް އައްޔަނުކުރަން އާންމުންގެ ޝަކުވާއެއް އޮތްތޯ ބަލަން ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

Ads by Hajj Corporation

ޖުޑީޝަރީ ކޮމިޓީއަށް މި ގޮތަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެއީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ.އެ ގޮތަށް ފާސްކުރީ ކޮމިޓީގައި ތިބި މެންބަރުންގެ އިއްތިފާގުންނެވެ.

ޕީޖީގެ މަގާމަށް އައްޔަނު ކުރަން ހުޅުވާލުން އައްބާސްގެ އިތުރުން ހަ ބޭފުޅުން ކުރިމަތިލެއްވި އެވެ.

އޭގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތާއި މިހާރުގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް އަލީ ސަމީރުގެ އިތުރުން ހ. ދިއްލީގޭ އަހުމަދު ޔާމީން އަދި ހުޅުމާލެ ހިޔާ 06- 13-02  އިބްރާހިމް އަލީ ހިމެނެ އެވެ.

މިއަދު މެންދުރު 12 ޖަހާއިރަށް ޕީޖީ ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވެއްޖެ އެވެ. އަދި ހަވީރު ވުމުގެ ކުރިއަށް އައްބާސްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވި އެވެ. މިރޭ ނުވައެއް ޖަހާއިރު މަޖިލީހުގެ ޖަލްސާ ބާއްވައި ކޮމިޓީއަށް އެ ނަން ފޮނުވީ އެވެ.

އައްބާސްއަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާގެ މަތީ ތައުލީމް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ހައިކޯޓުގެ ފަނޑިޔާރުކަން 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ކުރައްވާފަ އެވެ. އައްބާސް ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން އާއި މައުމޫން އަބްދުލްގައްޔޫމުގެ ވަކީލު ކަން ވެސް ކުރައްވާފަ އެވެ.

ހުސްވެފައިވާ ޕީޖީގެ މަގާމަށް ކުރިމަތިލުމަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު ހުޅުވާލި އެވެ. އެ މުއްދަތު ހަމަވެފައި ވަނީ މިއަދު މެންދުރު 12:00 އަށެވެ. ގާނޫނުގައި އޮންނަނީ ޕީޖީގެ މަގާމު ހުސްވެއްޖެ ނަމަ، ލަސްވެގެން 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަންކުރަން ޖެހޭނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!