ޚަބަރު

ޔާމީންގެ ޝަރީއަތް ދެން ކުރިއަށް ގެންދާނީ ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް, ކްރިމިނަލް ކޯޓުން އަލުން ބަލަން ފެށި މައްސަލައިގެ ޝަރީއަތް ދެން ކުރިއަށް ގެންދާނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފްގެ މައްސަލަ ނިމުމުން ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

Ads by STELCO

އެގޮތުން ނިންމާފައިވަނީ އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ. މިއަދުގެ އަޑުއެހުމަކީ އެ މައްސަލާގެ ދެވަނަ އަޑުއެހުމެވެ.

މިއަދުގެ އަޑުއެހުން ފައްޓަަވަމުން ގާޒީ އަލީ ނަދީމް ވިދާޅުވީ އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށްފަހު އިތުރަށް ދިރާސާކުރަން ޖެހޭ ކަމެއް ނެތް ނަމަ އެކަމާ ގުޅިގެން ގޮތް ނިންމާނެ ކަމަށެވެ.

އެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުގައި ހިމެނޭ ބައެއް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވެ އެވެ. އެ ބަޔަކީ ކުރިން ކްރިމިނަލް ކޯޓުން ޝަރީއަތް ހިންގި އިރު ދިފާއީ ހެކިންގެ ބަސް ނަފީ ކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރުމަށް ހައި ކޯޓުން ނިންމާފައިވާ ބަޔެވެ.

ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލަ ފާހަގަކުރައްވާ ޔާމީންގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ފައްޓާފައި ވަނިކޮށް އެ މައްސަލައާ ގުޅުން ހުރި މައްސަލައެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ދާއިރު އޭގެ ސަބަބުން އަދުލުވެރި ނިންމުމަކަށް ފުރުސަތު ގެއްލިގެން ދާނެ ކަމަށެވެ.

ޖަމީލް ވިދާޅުވީ ދައުލަތުން ތަކުރާރުކޮށް ނަގާފައިވާ އެއް މައްސަލައަކީ ދައުލަތުގެ ދިފާއީ ހެކިތަކުގެ މައްސަލަ ކަމަށާއި އެ މައްސަލައަކީ ޔާމީނުގެ ތަހުގީގީ މަރުހަލާގެ ތެރޭގައި ހަނުހުރި ހުރުމާ ބެހޭ ގޮތުން ނަންގަވާ މައްސަލައެއް ކަމަށެވެ. އަދި ތަހުގީގު މަރުހަލާއަށް ޔާމީން ދެއްވި އިންޓަވިއުގެ ސީޑީ ލިބިފައި ނުވާ ކަން ޖަމީލް ފާހަގަކުރެއްވި އެވެ.

ޖަމީލް ވިދާޅުވީ އެ ޑޮކިއުމަންޓްތައް ލިބި, ސުޕްރީމް ކޯޓުގައި ހިނގާ މައްސަލަ ހިނގާ ނިމުމަށްފަހު މި ޝަރީއަތް ކުރިއަށް ގެންދިއުމަކީ އިންސާފުވެރި ޝަރީއަތެއް ކަށަވަރު ކުރުމަށް މުހިއްމު ކަމެއް ކަމަށެވެ.

ޔާމީނުގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ ހުށަހެޅި ހުށަހެޅުންތަކަށް ބަހުސް ކުރިއަށް ގެންގޮސް ގޮތެއް ނިންމުމަށް އޮތްއިރު ދައުލަތުން ހެއްކެއްގެ ގޮތުގައި ހިމެނޭ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ޔައުމިއްޔާގެ މައްސަލައެއް ސުޕްރީމް ކޯޓުގެ އިސްތިއުނާފީ މައްސަލާގައި ހިމެނޭ ކަމަށެވެ.

ހަމްޒާ ވިދާޅުވީ މިއަދުގެ މަޖިލީހުގައި ގާޒީ ނިންމަވާ ނިންމުމުގެ ސަބަބުން މުޅި މައްސަލަ ބަދަލުވެދާނެ ކަމަށެވެ. އަދި ޔޫތު ކައުންސިލްގެ ސޮއިކޮށްފައިވާ ޔައުމިއްޔާ މިއަދުގެ މަޖިލީހަށް ބަލައިގެންފިނަމަ ސުޕްރީމް ކޯޓުގައި އޮތް މައްސަލައާ މެދު ގޮތް ނިމުމުގެ ބޭނުންވެސް ކެނޑިގެންދާނެ ކަމަށް ހަމްޒާ ވިދާޅުވި އެވެ.

ތަހުގީގީ މަރުހަލާގައި ޔާމީން ދެއްވި އިންޓަވިއުގެ ސީޑީތައް ލިބިފައި ނުވާކަން ހަމްޒާވެސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުގެ މުވައްކިލަށް ޖިސްމާނީ ގޮތުންނާއި އަދި ނަފްސާނީ ގޮތުން ކުރިމަތިވި އުނދަގޫތަކާއި އަދި އަޅުގަނޑުގެ މުވައްކިލްގެ ހައްގުތައް ހޯދުމަށްޓަކައި އެޅުނު ހުރަސްތަކުގެ ސަބަބުން އެ ނޫން އިތުރު ގޮތެއް ނެތިގެން ޝަރީއަތުގެ މަޖިލީހުގައި ދެން ހުރި ވާހަކަތައް ފާހަގަކުރާނެ ވާހަކަ ވިދާޅުވީއޭ." - ވަކީލު ހަމްޒާ

ދައުލަތުގެ ވަކީލު ޝަފީއު ވިދާޅުވީ ދިފާއުން ފާހަގަކުރި ކަންކަމުގައި ބުރަ ދަނެއް ހުރި ކަމަށެވެ. އަދި މި މަރުހަލާގައި ޔައުމިއްޔާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެންނަމަވެސް ސުޕްރީމް ކޯޓުގައި އޮތް މައްސަލާއާ އެ ޔައުމިއްޔާ ގުޅުން ހުރި ކަން ވެސް ޝަފީއު ވިދާޅުވި އެވެ.

ސީޑީތަކާ ގުޅިގެން ގާޒީ ވިދާޅުވީ ޔާމީންގެ ވަކީލު ހަސަން ފަލާހު ސިޓީއެއް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް އެތަކެތި ދޫކުރަނީ ފޯމުން ހުށަހެޅުމުން ކަމަށެވެ. އަދި ފޯމު ހުށަހަޅާފައިވަނީ ރޭ ގެ ވަގުތެއްގައި އީމެއިލް މެދުވެރިކޮށް ކަން ވެސް ގާޒީ ވިދާޅުވި އެވެ.

އެހާ ލަހުން ފޯމު ހުށަހެޅުއްވީ ކީއްވެތޯ ގާޒީ އެއްސެވުމުން ފަލާހު ވިދާޅުވީ ސިޓީއަށް ޖަވާބު ލިބުނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

ގާޒީ ވިދާޅުވީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ މައްސަލާގައި ސުޕްރީމް ކޯޓު އިސްތިއުނާފުކުރުމުގެ މައްސަލައާ ކުޑައަރާރުމެއް އުޅޭ ކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވިފައިވާ މައްސަލައަށް ގޮތެއް ނިންމުމުން އެ މަޖިލީހަށް ހުށަހަޅަންޖެހޭ ހުށަހެޅުންތަކާ މެދު ވާހަކަދައްކާ ގޮތެއް ނިންމުމަށް ގާޒީ ނިންމެވި އެވެ.

އޭގެ އިތުރުން ގާޒީ ވިދާޅުވީ ސީޑީތައް ހޯދުމަށް އެދި ހުށަހަޅާފައިވާ ފޯމާ އެއްގޮތަށް ސީޑީތައް ރައްދު ކޮށްދޭނެ ކަމަށެވެ.

އާ ރަށުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ހުކުމްކުރީ ޑިސެންބަރު 25, 2022 ގަ އެވެ. އެ މައްސަލައިގައި ހިމެނޭ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި 4 އަހަރު އަދި މަނީ ލޯންޑަރިންނާ ގުޅިގެން 7 އަހަރާއެކު 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް އިއްވި އެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް, އެ މައްސަލަ އަލުން ބަލަން އަމުރުކޮށްފަ އެވެ. އަދި އެ މައްސަލައިގައި ހިމެނޭ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ހުކުމް ވެސް ބާތިލުކޮށް, ދަށު ކޯޓުން އަލުން ބަލަން އަމުރުކުރި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!