ޚަބަރު

ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުންފުނީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ގެނައުމުގެ ބިލު ބަލައިގަނެ އިގުތިސޯދީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

Ads by Hajj Corporation

ކުންފުނީގެ ގާނޫނަށް ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު ހުށަހަޅުއްވާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މަޖިލިހުގެ ދައުރުން ބޭރުގައި ބާއްވާ ފުރަތަމަ ހާއްސަ ޖަލްސާގަ އެވެ. އެ ޖަލްސާގައި ވަނީ ބިލުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

ކުންފުނީގެ ގާނޫނަށް ހުށަހެޅި ހަތަރު އިސްލާހަކީ:

  • ހާއްސަ އާންމު ޖަލްސާ ބާއްވަން ލިޔުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދިނުން. އަދި 10 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވުން.
  • ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން ހަތް ދުވަސް ދުވަސް ކުރިން ކުންފުނީގެ މެމްބަރުންނަށް ނޯޓިސް ފޮނުވުން.
  • ގާނޫނުގައި ބަޔާންކޮށްފައި ވީނަމަވެސް އަދި އެހެން ގާނޫނެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި އެ ކުންފުންޏެއްގައި މަދުވެގެން ތިބެން ޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރުކުރެވުން.
  • ބަޔާންކުރާ އަދަދަށް ޑިރެކްޓަރުން ނެތް ނަމަ އަދި މެނޭޖިން ޑިރެކްޓަރަކު ނެތް ނަމަ ޑިރެކްޓަރުން ނުވަތަ މެނޭޖިން ޑިރެކްޓަރު އައްޔަންކުރަން އެންގުމުގެ ބާރު ރަޖިސްޓްރާއަށް ދިނުން. އެގޮތުން އަންގާތާ 10 ދުވަހުގެ ތެރޭގައި އެ އަދަދަށް ޑިރެކްޓަރުން އައްޔަންކޮށް، ނުވަތަ މެނޭޖިން ޑިރެކްޓަރަކު އައްޔަން ކުރުމާ އެކު އެ މައުލޫމާތު ރަޖިސްޓްރާއަށް ހުށަހެޅުން.

އެ ބިލު މަޖިލިހަށް ބަލައިގަތުމަށް 77 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ. ނުފެންނަ ކަމަށް އަދި ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދީފައެއް ނުވެ އެވެ. ބިލު މަޖިލިހަށް ބަލައިގަތުމަށް ފާސް ކުރުމަށް ފަހު ދިރާސާ ކުރުމަށް އިގުތިސޯދީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!