ޚަބަރު

އެއްވެސް ޕްރެޝަރެއް ނެތް، ވަކި މީހަކަށް ނުބަލާ ފިޔަވަޅު އަޅަން އޮތީ އަންގާފައި: ޝަމްއާން

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލާގައި ހޯމް މިނިސްޓަރު އަލީ އިހުސާން އަންގަވާފައި އޮތީ ގަވާއިދާ ޚިލާފަށް އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ކަމަށާއި, ފިޔަވަޅަކާ ގުޅިގެން އެއްވެސް ޕްރެޝަރެއް ނާންނަ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާއި އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެހެން ސަރުކާރުތަކޭ އެއް ގޮތަށް މި ސަރުކާރުންވެސް ވަނީ ގިނަ މަސައްކަތްތަކެއް ފަށާފަ އެވެ.

"ދެން" އިން ގެނެސްދޭ ހަވާސާއިން ބޭރުން ޕްރޮގްރާމުގައި އިމިގްރޭޝަންގެ ކޮންޓްރޯލާ ޝަމްއާން ވަނީ މި ސަރުކާރަށް މިވީ 10 ވަރަކަށް މަސް ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލު ހިއްސާކޮށްފަ އެވެ.

އެ ޕްރޮގްރާމުގައި އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތް މީހުން ބަލައިގެންފައިވާކަން ފާހަގަކުރެއްވުމުން ޝަމްއާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިތުބާރު ކުރައްވާ އެ ވަރުގެ ބޮޑު ޒިންމާއެއް އަދާކުރުމަށް ފުރުސަތު ދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

އޭގެ އިތުރުން ހޯމް މިނިސްޓްރީއަށް ޝުކުރުއަދާކުރައްވާ ޝަމްއާން ވިދާޅުވީ މިނިސްޓަރު އިހުސާން އިހުތިޔާރު ދެއްވީ ގާނޫނާއި ގަވާއިދާ ހިލާފަށް އުޅޭނަމަ އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ކަމަށެވެ.

"އަޅުގަނޑަށް ދީފައި އޮތް އިހުތިޔާރަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ވެއްޖެއާ އަޅަން ޖެހޭ ފިޔަވަޅެއް އަޅާށޭ. އިތުރު މީހަކު ނުގުޅާނެއޭ ތިކަންކަން ހުއްޓުވާކަށެއް. އިތުރު މީހަކު ނުގުޅާނެއޭ މިވެނި ކަމެއް ނުކުރާށޭ އެވެނި ކަމެއް ނުކުރުވާށެކޭ ކިޔާފަކައެއް. އެހެންވީމާ އިހުތިޔާރު."

ޝަމްއާން ވިދާޅުވީ އެ އިހުތިޔާރުގެ ބޭނުންކުރަން ލިބެނީ އިމިގްރޭޝަންގެ ޓީމު ކައިރީގައި އޮތުމުން ކަމަށެވެ. އަދި އެ ޓީމަކީ ވަރަށް ތަޖުރިބާ ހުރި, ޒުވާން އަދި މިކަމަށް ވަރަށް ބޮޑަށް މޯޓިވޭޓް ވެފައި އޮތް ޓީމެއްގެ ގޮތުގައި ޝަމްއާން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ފާހަގަކުރަން އިމިގްރޭޝަނުން އަޅުގަނޑު ކުރިން ދުވަހަކު މާސް އިންސްޕެކްޝަނެއް އަޅުގަނޑު ބޭނުންވީ ބަލާލަން އަޅުގަނޑުމެންގެ ތެރޭގައި މިކަމާ މެދު ޝައުގުހުރި ވަރާއި އަދި އަޅުގަނޑުމެންގެ މަސައްކަތްތައް ބްރޯޑްކޮށްލެވޭނީ ކިހާ ވަރަކަށްތޯ. އަޅުގަނޑުމެން މުޅި އޮފީހަށް ހުޅުވާލީމާ މުޅި އޮފީހުން ދެބައި ކުޅަ އެއްބަޔަށްވުރެ ގިނައިން އެއާޕޯޓާއި ދެން ހުރި ތަންތަނަށް ޑިއުޓީއަށް އެއްބައި ކުދިން މަޑުކޮށްފައި ދެން ތިބި ހުރިހާ ކުދިން މީގައި އިންވޯލްވި."

އިމިގްރޭޝަންގެ 211 މުވައްޒަފުން ބައިވެރިވި "މާސް" އިންސްޕެކްޝަން ފާހަގަކުރައްވަމުން ޝަމްއާން ވިދާޅުވީ އެ ފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދަ ލިބޭ ފުރުސަތަކީ އަދި ކާމިޔާބީގެ އަސްލަކީ އެއީ ކަމަށެވެ.

ޝަމްއާން ވިދާޅުވީ ފުލުހުންގެ ފުރިހަމަ އެހީތެރިކަން ލިބޭ ކަމަށާއި މަސައްކަތްތައް އެހާ އެފިޝިއަންޓްކޮށް ކުރެވެނީވެސް އެހެންވެ ކަމަށެވެ. އަދި ނަތީޖާ ރަނގަޅަށް ފެނިގެންދަނީ ދެބައި މީހުން އެއްކޮށް މަސައްކަތް ކުރާތީ ކަމަށްވެސް ޝަމްއާން ވިދާޅުވި އެވެ.

"ސޯޝަލް މީޑީއާގައި ތަންތަނުގައި ޕްރެއިޒްކުރާ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑު ދެން ޔަގީންކަން އަރުވަން އެ ބޭފުޅުން ޑިސްއެޕޮއިންޓް ނުކުރައްވާނެ ހަމަ ޔަގީނުންވެސް އަޅުގަނޑަށް. އިރާދަކުރެއްވިއްޔާ އެ ބޭފުޅުންގެ ހޯޕް ހަމަ ހައިކުރަންވީ އަޅުގަނޑު އެ ލެވެލްއަށް އިރާދަކުރެއްވިއްޔާ ޑެލިވާ ކޮށްދޭނަން."

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގައި ނޮވެންބަރު 17 އިން ސެޕްޓެމްބަރު 15 ގެ ނިޔަލަށް 289 ތަނެއް ބަލާ ފާސްކޮށް 4,026 ބިދޭސީއަކު ފުރުވާލާފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!