ޚަބަރު

ބަންކަރިންގެ ހިދުމަތަށް މިހާރުވެސް ދަނީ ބުކިންތައް ލިބެމުން: އެސްޓީއޯ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
އެމްޕީއެލްއިން ބަންކަރިންއަށް ގެނައި ދެވަނަ ބޯޓު--

ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް އުތުރުގައި ފެށުމަށް ހަމަޖެހިފައިވާއިރު ބަންކަރިންގެ ހިދުމަތައް އެދި ބުކިންތައް ލިބެމުން ދާކަމަށް ސްޓޭޓް ޓްރޭޑިންގް އޮރްގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.

Ads by Sosun Fihaara

އެސްޓީއޯ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ބަންކަރިންގެ ހިދުމަތުގެ އިތުރުން އެހެނިހެން ހިދުމަތްތައް ނުވަތަ އިތުރު ހިދުމަތްތައް އެ ސަރަހައްދުގައި ފޯރުކޮށްދޭނެ ކަމަށެވެ. އަދި އާންމުގޮތެއްގައި އިންޑިއަން ސަބް ކޮންޓިނެންޓް ބަންކަރިންގެ ހިދުމަތް ފޯރުކޮށްދެމުން ދަނީ ކޮލަމްބޯއިންނާއި ސްރީލަންކާއިން އަދި އިންޑިއާގެ ބަނދަރުތަކުން ކަމަށް އެސްޓީއޯއިން ބުންޏެވެ.

ބަންކަރިންގެ ހިދުމަތް ފެށުމާއެކު އެންމެ ފުރަތަމަ ހިދުމަތް ފޯރުކޮށްދޭން ނިންމާފައިވަނީ އެމެއެސްއެސް އިން އޮޕަރޭޓް ކުރަމުންދާ "ވައިސީ ބެލިއާ" އަށް ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި މިއީ އުޅަނދުގެ ތަވާލުގައި ހިމެނޭ ބަންކަރިންއެއް ކަމަށްވެސް އެސްޓީއޯއިން ފާހަގަކުރި އެވެ.

"މީގެ ކުރިންނަމަ މި އުޅަނދުގެ ދަތުރު ޝެޑިއުލްއާއެކު ބަންކާކުރަމުން އައީ ކޮލަންބޯއިން. ސަބަބަކީ ލޯ ސަލްފާ ފިިއުލް އޮއިލް މީގެ ކުރީ ލިބެން ނުހުންނާތީ" އެސްޓީއޯގެ ބަޔާނުގައިވެ އެވެ.

އެ އުޅަނދުގައި މަހަކު 200 ޓަނުގެ ތެޔޮ ބޭނުންކުރާއިރު، މިއީ ކޮލަމްބޯ އާއި މާލެ އާ ދޭތެރޭގައި ދަތުރު ކުރާ އުޅަނދެކެވެ. އަދި އެ އުޅަނދުގައި 1،100 ކޮންޓެއިނަރު އުފުލުމުގެ ގާބިލުކަން ހުރެ އެވެ.

އެސްޓީއޯއިން ބުނީ މި މަހުގެ 19 ވަނަ ދުވަހުގައި ފެށުމަށް ހަމަޖެހިފައިވާ ބަންކަރިންގެ ހިދުމަތުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

މީގެއިތުރުން އެސްޓީއޯއިން ބުނީ މި ހިދުމަތް ފެށި، އިތުރަށް ފުޅާކޮށް، އިތުބާރުހުރި ހިދުމަތަކަށް ހެދުމާއެކު، މާކެޓް އިތުރަށް ފުޅާވެގެން ދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

މޯލްޑިވްސް ޕޯރްޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު މީގެ ކުރިން ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފެށެން ލަސްތަކެއް ނުވާ ކަމަށެވެ. އަދި ޕްލޭންތަކާ އެއްގޮތައް މަސައްކަތް ކުރިއަށް ގޮސް މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓުގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ފެށުމުގެ ގޮތުން އެސްޓީއޯ އިން ވިޓޯލް ގުރޫޕާ އެކު ޓާމް ޝީޓްގައި ސޮއިކޮށްފައި ވަނީ މިދިޔަ މާޗް މަހު އެވެ. އެފަހުން ވިޓޯލް ބަންކާސްގެ މެޕުގައި ރާއްޖެ ވަނީ ހިމަނާފަ އެވެ.

އެ މަސައްކަތަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް މިދިޔަ މަހުގެ 2 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ޕޯޓަށް ގެނެސްފައިވެއެވެ. އަދި ކުޅުދުއްފުށި ޕޯޓް ސަރަހައްދުގައި ގާއިމްކުރާ ބޯޓް ޔާޑުގެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާ ކަމަށް ވެސް އެމްޕީއެލްއިން މީގެ ކުރިން ބުނެފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!