ފާފަތަކުން ދުރުވެފައިވާ ޙަޔާތެއް ހޯދާނީ ކިހިނެއް؟
ދުނިޔޭގެ ޙަޔާތަކީ ދައްޗާއި އުނދަގޫ އަދި ފަސޭހަ ކަމާއި ހިތްހަމަ ޖެހުން އެކުލެވޭ ޙަޔާތެކެވެ. މިފަދަ އެކިއެކި ދަނޑިވަޅުތަކުގައި އަހަރެމެންގެ އުޅުމާއި ގުޅުމަށް އެކި ބަދަލުތައް އާދެއެވެ. ބައެއް ފަހަރު ދިމާވާ ކަންކަމުން ދީނީ އުސޫލުތަކުން ކައްސައިލައި ، ކުށް ފާފަތަކަށް ނަފުސު ހުށައެޅެއެވެ. ހަމައެހެންމެ އީމާންތެރިކަމަކީ ،ގަހަށް ފެންދީ ހައްދާހެން އާރޯ ކުރަން ޖެހޭ ކަމަކަށް ވީހިނދު އީމާންތެރިކަން ބަލިކަށިވުމާ އެކު ވެސް ފާފަތަކަށް އަރައި ގަނެވެއެވެ.
ޙަޤީޤަތަކީ މިއީ ކަމަށްވާއިރު ފާފަތަކުން ދުރުވެ ތިބުމަށް އަބަދާއި އަބަދު ވިސްނާ ، ނަފުސަށް ރައްކާތެރިވެ ފާރަވެރިވާން ޖެހެއެވެ. ނަފުސުގެ އެދުންތަކުގެ ކުރިއަށް ސިކުނޑި އިސްކުރަން ޖެހެއެވެ. އަދި ފާފަތަކުން ރައްކާތެރިވެ ތިބުމަށް ގިނަ ކަންކަމަށް ސަމާލުކަން ދޭން ޖެހެއެވެ.
ﷲގެ މަދަދުވެރި ކަމަށް އެދޭށެވެ.
ފާފަތަކުން ދުރުވެ ހުރުމުގެ ތައުފީގު ދެއްވާތޯ ﷲގެ ޙަޟްރަތުން އަބަދާއި އަބަދުމެ ދަންނަވާށެވެ. އެގޮތުން ކޮންމެ ނަމާދަކަށްފަހު މި ދުޢާ ދަންނަވާށެވެ.
اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެއަށް ޒިކުރު ކުރުމަށާއި، ޝުކުރު ކުރުމަށާއި ،ރިވެތި ގޮތުގައި އަޅުކަން ކުރުމުގައި މި އަޅާއަށް ވާގި ދެއްވާނދޭވެ!"
މި ދުޢާއަކީ ނަމާދުގެ ފަހުން ދެންނެވުމަށް ﷲގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެންނެވި ދުޢާއެކެވެ.
ހެޔޮ ޢަމަލުތައް ގިނަ ކުރާށެވެ.
ހެޔޮ ޢަމަލުތަކަކީ ގޯސް ޢަމަލުތައް ފޮހެލާ ކަމެކެވެ. ފެނުން އަލިފާން ނިއްވައިލާ ފަދައިންނެވެ. އެހެންކަމުން ފަރުޟު ކަންތައް ޤާއިމުކޮށް ސުންނަތް ޢަމަލުތައް ގިނަ ކުރާށެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.
وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِّنَ اللَّيْلِ ۚ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ ۚ ذَٰلِكَ ذِكْرَىٰ لِلذَّاكِرِينَ
އަދި ދުވާލުގެ ދެކޮޅުގައްޔާއި، ރޭގަނޑުން ބައެއްގައި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ. އެއީ ހަނދާންކުރާ ބަޔަކަށް وعظއާއި نصيحة އެކެވެ.
އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވާށެވެ.
މީހުންގެ ޙައްޤުތަކަށް އަރައިގަތުމަކީ ނުރައްކާތެރި ކަމެކެވެ. ނެތިމޮށުމާއި ޣީބަ ބުނުމާއި އެހެންމީހުންގެ މާލާއި މުދަލަށް އަރައިގަތުމުން ދުރުވާން ޖެހެއެވެ. ސަބަބަކީ ކިތަންމެ ގިނަ ހެޔޮ ކަމަކައިގެން ﷲގެ ޙަޟްރަތަށް ދަތުރުކުރާ މީހަކީ ވެސް އެހެން މީހުންގެ ޙައްޤުތަކަށް އަރައިގެންފައި ވާނަމަ ބަގުރޫޓްވާ މީހަކަށް ވެދާނެއެވެ.
ނަފުސު ހިސާބު ކުރާށެވެ.
މާދަމާ ކުރަން އޮތް މަސައްކަތް ނޯޓްކޮށް އެކަންކަމަށް ސަމާލުކަން ދޭ ފަދައިން ނަފުސު ހިސާބުކޮށް ބެލެހެއްޓުމަކީ ހިސާބު ބައްލަވާ ދުވަހު ސަލާމަތްތެރިކަން ހޯދެން އޮތް މަގެކެވެ. ތިބާގެ ނަފުސު ދަތުރު ކުރަމުން ދަނީ ހެޔޮ މަގުންތޯ ބަލައި ، މަގުން ކައްސާލާ ނަމަ ހެޔޮ މަގަށް އެޅުމަށް ތާއަބަދުމެ މަސައްކަތް ކުރަން ވާނެއެވެ.
ނަފުސުތައް ހިސާބު ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެން މުސްލިމުންގެ ދެވަނަ ހަލީފާ އުމަރުގެފާނު ވިދާޅުވެފައިވެއެވެ.
"ތިޔަބައިމީހުންގެ އަމަލުތަކުގެ ހިސާބު ބެއްލެވުމުގެ ކުރިން، ތިޔަބައިމީހުންގެ ނަފްސުތައް ހިސާބު ކުރާށެވެ. އަދި ތިޔަބައިމީހުންގެ އަމަލުތައް ވަޒަން ކުރެވުމުގެ ކުރިން ތިޔަބައިމީހުން އަމިއްލަ ނަފްސުތައް ވަޒަން ކުރާށެވެ. ދުނިޔެ އަކީ އަމަލުކުރުމުގެ މައިދާނެވެ. މިއަދު ތިޔަބައިމީހުން އަމިއްލަ ނަފްސުތައް ވަޒަން ކުރާށެވެ. ދުނިޔެއަކީ އަމަލު ކުރުމުގެ މައިދާނެވެ. މިއަދު ތިޔަބައިމީހުންގެ ނަފްސުތައް ހިސާބުކުރުމަކީ، މާދަމާ ތިޔަބައިމީހުންގެ ނަފްސުތައް ހިސާބު ކުރެއްވުމަށް ވުރެ ލުއިވެގެންވާ ކަމެކެވެ"
ފާފަކުރާ މީހުންގެ ތެރެއިންވާ އެންމެ ހެޔޮ މީހުންނަށް ވާށެވެ.
އެކި މީހުންނަށް އެކި މިންވަރަށް ކުށް ކުރެވެއެވެ. ނަމަވެސް ދިންނެވޭ މީހުންނަކީ ކުށުން ތައުބާ ވާ މީހުންނެވެ.މިކަމާ ބެހޭ ގޮތުން ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ:
عَنْ أنَس أنَّ النَبي صَلَّى الله عَليْه وَسَلَّم قَالَ كلُ ابْن آدَم خَطَّاء وَخَيْرُ الخَطَّائين التَوَّابُون
މާނައަކީ : “ ކޮންމެ އާދަމުގެ ދަރިއަކީ ކުށް ކުރެވޭ މީހެކެވެ. އަދި ކުށް ކުރެވޭ މީހުންގެ ތެރެއިން އެންމެ ހެޔޮ ބަޔަކީ، ތައުބާ ވާ މީހުންނެވެ. “ (ރިވާ ކުރެއްވީ އައްތިރްމިޛީ ، އިބްނު މާޖާ ، އަދި އަލްބާނީ ޞައްޙަ ކުރައްވާފައި)