ޚަބަރު

އިމިގްރޭޝަން އޮފިސަރުން ކަމަށް ބުނެ 9000ރ ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އިމިގްރޭޝަން އޮފިސަރުން ކަމަށް ބުނެ ފޭރުނު މީހެއް/ ފޮޓޯ: ފުލުހުން

މޯލްޑިވްސް އިމިގްރޭޝަން އޮފިސަރުން ކަމަށް ބުނެ ބިދޭސީންތަކެއް ދިރިއުޅޭ ގެއަކަށް ގޮސް 9000ރ ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

Ads by MWSC

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ތިން މީހަކު ވަދެ ބަންގްލަދޭޝް މީހަކު އަތުން ފޯނަކާއި 9000 ރުފިޔާ ފޭރުނު މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ, ގ. ބެރުގެ, އުމުރުން 44 އަހަރުގެ މުހައްމަދު ނަވީނެވެ.

އެކަމެއް އިއްޔެ ހިނގިއިރު އެ މައްސަލައާ ގުޅިގެން އެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ދެ މީހެއްގެ ފޮޓޯ ހިއްސާކޮށް "އެކްސް" ގައި މީހަކު ކުރި ޕޯސްޓެއްގައި ވަނީ އެ ދެ މީހުންނަކީ އިމިގްރޭޝަން އޮފިސަރުންތޯ ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ އެ ފޮޓޯއިން ފެންނަ ދެ މީހުންނަކީ އިމިގްރޭޝަންއާ ގުޅުން އޮތް ބައެއް ނޫން ކަމަށެވެ. އަދި އެ ދެ މީހުންގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ވެސް ޝަމްއާން ވިދާޅުވި އެވެ.

ޝަމްއާން ވިދާޅުވީ އިމިގްރޭޝަންގެ ރެއިޑްތަކުގައި އޮފިސަރުންގެ އިމިގްރޭޝަން އައިޑީކާޑު ފެންނަ ގޮތަށް ހުންނާނެ ކަމަށެވެ. އަދި މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންތަކަކީ ޔުނީފޯމު ލައިގެން ކުރިއަށް ގެންދާ އޮޕަރޭޝަން ތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދާދިފަހުން އިމިގްރޭޝަން އޮފިސަރުން ކަމަށް ބުނެ ޕާކިސްތާނުގެ ނަންބަރަކު ވަޓްސްއެޕް މެދުވެރިކޮށް ވީޑިއޯ ކޯލްކޮށް ފޭރުމުގެ އަމަލުތަކެއް ވަނީ ހިންގާފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!