އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފަށައިފި
ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފަށައިފި އެވެ.
އެ ހިދުމަތް އިފްތިތާހުކޮށްދެއްވާފައިވަނީ މިހާރު ހއ. ހޯރަފުށީގައި ބާއްވަމުންދާ ރަސްމިއްޔާތުގައި ހއ އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ 5 މެންބަރުންނެވެ.
އެ ފަސް މެންބަރުންނަކީ ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާއާއި އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު އަދި ބާރަށު ދާއިރާގެ މެންބަރު އަބްދުالله ޝަރީފެވެ.
ބަންކަރިން ހިދުމަތަކީ އިގްތިސޯދު ޑައިވާސިފައި ކުރުމަށް މި ސަރުކާރުން ގެންގުޅޭ މުހިއްމު ސިޔާސަތަކަށްވާއިރު ވެރިކަން ފެށުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި, މިދިޔަ މޭޗް މަހުގެ ތެރޭގައި ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ ބޮޑު އަމިއްލަ ކުންފުންޏާއެކު އެސްޓީއޯއިން އެއްބަސްވުމަކަށް އައެވެ.
ރާއްޖޭގެ އެންމެ އުތުރުގައިވާ އިހަވަންދިއްޕޮޅު ގުދުރަތީ އަތޮޅު ހިމެނޭ ސަރަހައްދަކީ ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް މުދާ އުފުލައިގެން ހުރަސްކުރާ ސްޓްރެޓެޖިކް ހާއްސަ ސަރަހައްދެކެވެ. ކޮންމެ ދުވަހަކު ވެސް 200 އަށް ވުރެ ގިނަ އުޅަނދު އެ ސަރަހައްދުން ދަތުރު ކުރެ އެވެ. އާގު ބޯޓުތައް ވެސް ހިމެނޭ ގޮތަށް އެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރުތަކުން އެތައް ބިލިއަން ޑޮލަރުގެ މުދުާ ކޮންޓެއިނަރުތަކުގައި އުފުލަ އެވެ.
ނަމަވެސް އެ އުޅަނދުތަކަށް ބޭނުންވާ ބަންކަރިން އަދި މެރިޓައިމްގެ ހިދުމަތްތައް މިހާތަނަށް ދެމުން އައިސްފައިވަނީ އިންޑިއާ އަދި ސްރީލަންކާއިންނެވެ. ރާއްޖޭގައި މެރިޓައިމް ހިދުމަތްތަކުގެ ސިނާއަތެއް އުފެއްދުމުގެ ވިސްނުމެއް މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް ގެންގުޅެފައިވެ އެވެ. އަދި ބައެއް އަމަލީ މަސައްކަތްތައް މިދިޔަ ދެ ސަރުކާރުގައި ވެސް ހިންގާފައި އެބަ އޮތެވެ.
ބަންކަރިންއާ ގުޅިފައިވާ އެހެން ޚިދުމަތްތައް ދިނުމަށްޓަކައި ރާއްޖެގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރަށް މެރިޓައިމް ހިދުމަތްތައް ދެވޭ އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް ހއ. އުލިގަމުގައި ރޭ ވަނީ ހުޅުވާފަ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެސްޓީއޯގެ ސީއީއޯ ސިމާދު އިބްރާހިމާއި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އަދި އެ ދެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.