ޚަބަރު

ދުންފަތް މަނާކުރަން ނާޒިމްގެ ތާއީދު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނާޒިމް

ދުންފަތް މަނާކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ތާއީދު ކުރައްވާ ކަން ހާމަކުރައްވައިފި އެވެ.

Ads by MWSC

ނާޒިމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މި ކަން ހާމަކުރެއްވީ، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްސީ) އިން އެ ކަން ގޮވާލައި ނެރުނު ބަޔާނެއް ރީޕޯސްޓް ކުރައްވައިފަ އެވެ.

ނާޒިމް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އިތުރުން ވަށައިގެން ތިބި މީހުންނަށް ވެސް ގެއްލުންވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއީ އަންނަން އޮތް ޖީލުތައް ހިމާޔަތްކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. މީގެ ސަބަބުން އަޅުގަނޑުމެންގެ ސިއްހީ ނިޒާމަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަކުރުމަށް މަގުފަހިވެގެންދާނެ،" ނާޒިމް ލިޔުއްވާފައިވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކާ ހަވާލާދީ މެޑިކަލް އެސޯސިއޭޝަނުން ބުނީ ފުއްޕާމޭގެ ކެންސަރު ބަލީގެ މަސްދަރަކަށް 85 ޕަސެންޓް ވަނީ ދުންފަތުގެ ސީދާ ދުން ކަމަށެވެ. އަދި އަހަރަކު އަށް މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުުރުމުގެ ސަބަބުން އެކި ބަލިތަކުގައި ދުނިޔެ ދޫކޮށް ދާން ޖެހޭ ކަމަށެވެ.

އެމްއެމްއޭއިން ބުނީ ވޭޕްގައި އެކުލެވޭ ތަފާތު ޕްލޭވާތަކަކީ ޒުވާން ޖީލު މިކަމަށް ދެވިހުފުމަށް ބޭނުންކުރެވޭ އުކުޅަކަށް ދިވެހިރާއްޖޭގެ ތަފާސްހިސާބުތަކުން ވެސް ހާމަވެގެންދާ ކަމަށެވެ. އަދި މެންތޯލް އަދި ސިނަމަން ފަދަ ފްލޭވާ ތަކަކީ ޕުއްޕާމޭ ހަލާކު ކުރުވާ މައިގަނޑު ފްލޭވާ ކަން ދިރާސާތަކުން ދެނެގަނެވިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އެމްއެމްއޭއިން އިތުރަށް ބުނީ އިންޑިއާ ހިމެނޭހެން ދުނިޔޭގެ 34ގައި ގައުމެއްގައި ވޭޕް މުޅިން މަނާކޮށްފައިވާ ކަމަށެވެ. އަަދި ވޭޕްއާއި ދުންފަތް މަނާކޮށްފިނަމަ ދިވެހިންގެ އާންމު ސިއްހަތު ރަނގަޅުވެ، މުޖުތަމައުގެ ސިއްހީ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!