ޚަބަރު

ޖަލުގައި ދަންޖެހުނު މީހާގެ މައްސަލަ އެޗްއާރްސީއެމުން ބަލަނީ 

ޢާއިޝަތު ނުހާ ، ދެން އޮންލައިން

މިދިޔަ އަންގާރަ ދުވަހު މާފުށީ ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނުނު, މާލެ، ގ. އެއްތެޔޮމާގެ، އަބްދުލްޣަނީ އިސްމާއީލް (62އ)ގެ މަރުގެ މައްސަލަ ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ބުނެފި އެވެ.

Ads by STELCO

އެ ގައިދީއަކީ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި 15 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ މީހެކެވެ.

ޣަނީގެ މަރާ ގުޅިގެން "ދެން" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގިކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެނގުމާއެކު ކޮމިޝަންގެ ރެޕިޑް ރެސްޕޯންސް ޓީމް ޖަލަށް ޒިޔާރަތްކޮށް ހަށިގަނޑު ބެލި ކަމަށެވެ.

އޭގެ އިތުރުން ސީސީޓީވީ ބެލުމަށްފަހު ގޮޅިތަކުގައި ތިބި ގައިދީންނާއި ބަންދުމީހުންގެ ފަރާތުންނާއި އޮފިސަރުންގެ ފަރާތުން މައުލޫމާތު ހޯދާއި ލިޔެކިޔުން ދިރާސާކޮށްފައިވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކަރެކްޝަނުން ބުނީ ގޮޅީގައި ޣަނީ ދަންޖެހިފައި ހުއްޓާ ފެނުުނީ އަންގާރަ ދުވަހު ހެނދުނު 6:52 ގައި ކަމަށެވެ. ފެނުމާއެކު ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ޣަނީ މަރުވި ކަމަށް ޑޮކްޓަރުން ކަނޑައެޅީ 7:21 ގައި ކަމަށް ކަރެކްޝަނުން ބުންޏެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ދެން އޮންލައިން" އަށް ވިދާޅުވީ ޣަނީ އަކީ ޖަލުގެ 11 ވަނަ ޔުނިޓުގައި ހުރި މީހެއް ކަމަށާއި، އޭނާ ދަންޖެހިފައިވަނީ ބެޑްޝީޓަކުން ކަމަށެވެ.

ކުޑަކުދިންނާއި ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށުގެ މައްސަލާގައި އޭނާ ޖަލަށް ގެންގޮސްފައިވަނީ މި އަހަރުގެ މާޗް 24 ގަ އެވެ.

ކުޑަކުދިންނާ ގުޅުން ހުރި އެ ފަދަ މައްސަލައެއްގައި ޣަނީގެ މައްޗަށް މީގެ ކުރިންވެސް ހުކުމެއް ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Ads by HDC