ރައީސް ގޮވާލެއްވީ ޣައްޒާގެ ގަތުލު އާންމާ ދެކޮޅަށް އެމެރިކާގެ ޔުނިވާސިޓީތަކުގައު ސުލްހަވެރިކަމާއެކު މުޒާހަރާކުރަން ފުރުސަތު ދޭން
އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް އެމެރިކާގެ ޔުނިވާސިޓީތަކުގައި ސުލްހަވެރިކަމާއެކު މުޒާހަރާކުރަން ފުރުސަތު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލެއްވި އެވެ.
އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގައި ތަގުރީރުކުރައްވަމުން އެމަނިކުފާނު ވަނީ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމަށް އަލިއަޅުވާލައްވައިފަ އެވެ.
ރައީސް ވިދާޅުވީ މިއަދު ދުނިޔެ ދެކެމުންދަނީ ކަޅު ދުވަސްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އިންސާނީ ހައްގުތަކަށް ފައިން އަރައި ޣައްޒާގައި ގަތުލު އާންމެއް ހިންގަމުންދާ އިރު ކުޑަކުދިންނާއި އާންމުންނަށް ވެސް ބެލުމެއް ނެތި ހިންގަމުންދާ އަނިޔާވެރިކަމަކީ މިހާރު އާންމު ކަމަކަށް ހަދާފައިވާ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންކަމުން އެމެރިކާގެ އިންސްޓްޓިއުޝަންތަކުން ހަމަހަމަކަމާއި އިންސާނީ ހައްގުތައް ނަގެހެއްޓުން ވަރަށް މުހިންމު ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.
އަދ ޔުނިވާސިޓީތަކުގައި ރަނގަޅަށް ހިޔާލު ފާޅުކުރެވެން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ސުލްހަވެރިކަމާއެކު މުޖުތަމައުއަށް ފައިދާވާނެ ގޮތަށް ޒިންމާދާރުކަމާއެކު މުޒާހަރާކުރުމަށް ޔުނިވާސިޓީތަކުން އިހުތިރާމް ކުރަން ޖެހޭނެ. " ރައީސް ވިދާޅުވި އެވެ.
ރައީސް އެގޮތަށް ވިދާޅުވި އިރު ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް އެެމެރިކާގެ ޔުނިވާސިޓީތަކުގައި ކުރަމުންދާ މުޒާހަރާތަކަށް އޮތީ ހުރަސް އަޅައިފަ އެވެ. އަދި އެމެރިކާގެ ސަލާމަތީ ބާރުތައް މެދުވެރިކޮށް ވެސް މުޒާހަރާކުރި ދަރިވަރުންނާ ހުއްޓުވާފައިވާ އިރު ބައެއް ދަަރިވަރުންނަށް ގްރެޖުއޭޓް ވުމުގެ ފުރުސަތުވެސް ނުދެއެވެ.