ޚަބަރު

ސަމާހު ނިޔާވިއިރު ލާމު މެރަތަންއަށް އޮތީ ރަޖިސްޓްރީވެފައި, ހަނދާނުގައި ކޮންމެ ސެޝަނެއްގައި ސުކޫތެއް!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ރޭސް ކާރަކުން ޖެހި ހިނގި އެކްސިޑެންޓުގައި ނިޔާވި ހަސަން ސަމާހު

މި މަހުގެ 5 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު ހިނގި އެކްސިޑެންޓްގައި ނިޔާވި, ލ. އިސްދޫ އުމުރުން 23 އަހަރުގެ ހަސަން ސަމާހުގެ ހަނދާނުގައި މިހާރު ކުރިއަށް ދާ "ލާމު މެރަތަން 2024" ކޮންމެ ސެޝަނެއްގައި ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފި އެވެ.

Ads by Hajj Corporation

ސަމާހު ނިޔާވީ އުރީދޫ ހެޑް އޮފީސް ކައިރިން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް, ބާރު ސްޕީޑްގައި ދުއްވާފައި އައި ރޭސް ކާރެއްގައި ޖެހި ލިބުނު އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ.

ސަމާހު ނިޔާވިއިރު އޭނާ ވަނީ ލާމު މެރަތަންގައި ދުވުމަށް ރަޖިސްޓްރީވެފަ އެވެ.

4 ކެޓަގަރީއަށް ބަހާލައިގެން ލާމު އަތޮޅުގައި ކުރިއަށް ގެންދާ އެ މެރަތަންގެ މެއިން ސްޕޮންސަރަކީ ޗައިނާގެ ޒިއަމެން ސްޕޯޓް އެވެ. އެއީ ހާފް މެރަތަން, 10 ކިލޯމީޓަރު, 5 ކިލޯ މީޓަރު އަދި ކިޑްސް ފަން ރަން އެވެ.

އެއިން ތިން ކެޓަގަރީއެއްގެ ދުވުން ނިންމާލާފައިވާއިރު ކޮންމެ ކެޓަގަރީއެއްގެ ފެށުމުގެ ރަސްމިއްޔާތުގައި ސަމާހުގެ ހަނދާނުގައި ހަމަ ހިމޭންކަމުގެ ސުކޫތެއް ގެނެސްފައިވެ އެވެ. އަދި ހަވީރު 4 ޖަހާއިރު ފެށުމަށް ނިންމާފައިވާ ކިޑްސް ފަން ރަން ކެޓަގަރީ ފެށުމުގެ ގޮތުންވެސް ސަމާހުގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ގެންނަން ނިންމާފައިވެ އެވެ.

ސަމާހު އަކީ ދުވުމަށް ޝައުގުވެރިކަން ހުންނަ މީހެއްކަން އޭނާގެ ގާތް މީހުން ބުނެފައިވާއިރު ސަމާހު ނިޔާވި ރޭ އޭނާއައީ އެ ރޭ މެންދަރު 2:45 ގައި ފެށުމަށް ހަމަޖެހިފައިވާ ޓީއެފްޖީއިން އިންތިޒާރުކުރި ދުވުމަށް ތައްޔާރުވަމުންނެވެ.