ޚަބަރު

ފުލުހުންގެ އާ ޕޮލިސީ: ކޮންމެ 5 މިނެޓަކުން މަގުމަތިން ފުލުހަކު ފެންނަން ޖެހޭނެ!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ރަސްމިއްޔާތުގައި ސީޕީ ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕޮލިސް

އެކްސިޑެންޓްތައް އިތުރުވާތީ, ރައްޔިތު މީހާ މަގުމައްޗަށް ނުކުމެ ދަތުރު ކުރަން ފަށައިތާ ފަސް މިނިޓް ތެރޭގައި ފުލުހަކު ފެންނަން ޖެހޭނެ ގޮތަށް ފުލުހުންގެ ޕޮލިސީއެއް ކަނޑައަޅާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ސީޕީ އެހެން ވިދާޅުވީ މިހާރު މާލެ ސަރަހައްދުގައި ކުރަން ފަށާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ދެއްވި ބަސްދީގަތުމެއްގަ އެވެ.

ސީޕީ ވިދާޅުވީ އެކަން ހާސިލުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން މިހާރު ޓްރޭނިން ހަދަމުންގެންދާ ފުލުހުން ޓްރޭނިންއަށްފަހު އެ މަގްސަދު ހާސިލް ކުރުމަށް ފްރަންޓްލައިންގައި ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

ސީޕީ ވިދާޅުވީ މަގުތަކުގެ ބާރު ބޮޑުވާ ޕީކް ގަޑިތަކުގަ މާލެއަށް ބެލި ކަމުގައި ވިޔަސް 21 ސަރަހައްދެއްގަ ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.

އެ މަސައްކަތްތައް މޮނިޓާކޮށް ވިލަރެސް ކުރުމަށް ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރެއް މާލެ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާކަން ފާހަގަކޮށް ސީޕީ ވިދާޅުވީ ސީނިއާ ފުލުހަކު އެ ސެންޓަރުގަ 24 ގަޑިއިރު ޑިއުޓީ ކުރަމުން ގެންދާނެ ކަމަށެވެ.

އަދި މުޅި މާލޭގެ ސީސީޓީވީ ނިޒާމް ސެންޓްރަލީ މި ތަނުން ކޮންޓްރޯލްކޮށް މޮނިޓާ ކުރަމުން ގެންދާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

އޭގެ އިތުރުން ސްޓްރެޓީޖިކް ޕްލޭން 2024-2028 ގައި ކަނޑައެޅިފައިވާ ގޭންގް ކުށްތަށް ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށްވެސް ތަފާތު މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ އޮނިގަނޑަށް މި ފަހުން ގެނެވުނު ބަދަލާއެކު ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ވަކި ހާއްސަ ވިންގެއް ގާއިމުކޮށްފައިވާ ކަމަށެވެ.

އަދި މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ސްކޫލްތައް ކައިރީ ސީނިއާ ފުލުހުން ހަރަކާތްތެރިވާގޮތަށް ފެށި މަސައްކަތް މިހާރުވެސް ކުރިއަށް ދާނެ ކަމަށާއި މާލޭގެ ޓްރެފިކް ބާރުބޮޑުވާ ގަޑިތަކުގައި ވަކި ހާއްސަ ސަރަހައްދުތަކެއް ފާހަގަކޮށް ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

ސީޕީ ވިދާޅުވީ އެ މަސައްކަތަކީ ވަކި ދުވަސްވަރަކަށް ކުރިއަށް ގެންގޮސް ހުއްޓާލާނެ މަސައްކަތެއް ނޫން ކަމަށެވެ.

"ފުލުހުންގެ ހިދުމަތް ދިނުމުގައި މިއީ މޮޑެލްއެއްގެ ގޮތުގައި ބަލައިގެން ކުރިއަށް އޮތް ތަނުގައި ހިދުމަތް ދެމުން ގެންދާނެ."

ސީޕީ ވިދާޅުވީ މުޅީ ރާއްޖެއަކީވެސް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުންގެ ދައުރު ފުޅާކޮށް ކުރާ މަސައްކަތްތައް ހަރުދަނާކުރުން އެއީ ސަރުކާރުގެވެސް އެދުމެއް ކަމަށެވެ.

އަދި މިހާރު ކުރަމުންދާ މަސައްކަތުގެ ނަތީޖާ ދުވަސްކޮޅެއްގެ ތެރޭގައި އާންމު ރައްޔިތުންނާ ހަމައަށް ފޯރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Ads by HDC