ޚަބަރު

ފޭކް ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރުން އިތުރުވާތީ ސަމާލުވާން އެދިއްޖެ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ފުލުހުންގެ ހިދުމަތް / ފޮޓޯ: ދެން

ބޭންކް ޓްރާންސްފާ ސައްހަނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.

Ads by MWSC

ފުލުހުންގެ ރަސްމީ ވެބްސައިޓްގައި ޝާއިއުކުރި ލިޔުމެއްގައި ފުލުހުން ބުނީ ފޭކް ސްލިޕްތައް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތަކާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުތަކުން މިހާތަނަށް ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ތަހުގީގުތަކުން ފާހަގަކުރެވުނު ކަމަކީ ފޭކް ސްލިޕް އުފައްދާ މީހުން އެކަން ކުރަނީ ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ކަމަށެވެ.

އަދި ހާއްސަކޮށް ރެސްޓޯރެންޓުތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އަގު ދެއްކުމުގެ ގޮތުން ފޭކް ސްލިޕްތައް ފޮނުވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީން ކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ފުލުހުން އިލްތިމާސް ކުރި އެވެ.

އަދި އޮންލައިން ވިޔާފާރިތައް ހިންގާ ފަރާތްތަކުންވެސް މިކަހަލަ ކަން ކަމަށް އިތުރަށް ސަމާލުވާންވެސް ފުލުހުން އިލްތިމާސް ކުރި އެވެ.

އެފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ރިޕޯޓު ކުރުމަށްވެސް ފުލުހުން އެދެ އެވެ.

މި މަހުގެ 6 ވަނަ ދުވަހުގައި ފުލުހުން ވަނީ ޑޮލަރު ވިއްކުމުގެ ސްކޭމްތައް ކުރިއަށް ދާތީ އެކަމަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފަ އެވެ.

އަދި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްކުރުމުގައި އިތުބާރުހުރި ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާއި މުއާމަލާތްކުރުމަށްވެސް ފުލުހުން ވަނީ ކުރިންވެސް އިލްތިމާސް ކޮށްފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!