ޚަބަރު

ދެ ދޯންޏެއްގެ ކުލި ނުދެއްކި މީހަކު 1 އަހަރަށް ޖަލަށް ލައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ:ދެން

ކުއްޔަށް ނަގައިގެން އުޅުނު ދެ ދޯނީގެ ފައިސާ ނުދެއްކި މައްސަލާގައި މީހަކު އެއް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

Ads by Hajj Corporation

އެ މައްސަލާގައި ޖަލަށް ލާން ހުކުމްކޮށްފައިވަނީ ސ. ހުޅުދޫ / ބުލޫބުލް، އަހުމަދު ފިރާގް އެވެ.

މި މައްސަލާގައި ފިރާގުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ މަކަރާތް ހީލަތް ހެދުމުގެ ދައުވާ އެވެ.

ހުކުމުގައި ބުނެފައިވާ ގޮތުން އޭނާގެ މައްޗަށް އެ ދައުވާކޮށްފައިވަނީ ދޯނީގެ ވެރިފަރާތް، މުނައްވަރު ހާދީ އަށް ދައްކަންޖެހޭ ކުލީގެ ފައިސާ، 7770 ޑޮލަރު ދެއްކުމަށް, 17 އޮގަސްޓު 2020 ގައި ދީފައިވާ ޗެކުގައި ވާ އެކައުންޓް ނަންބަރުގައި އެވަރަށް ފައިސާ ނެތިގެން އެކަން ބީއެމްއެލުން އެ ފައިސާ ހަތް ދުވަސް ތެރޭގައި ދައްކަން އެނގުމުން ދައްކާފައި ނުވާތީ އެވެ.

ނަމަވެސް ދައުވާ އަށް އިންކާރު ކުރަމުން ކޯޓުގައި ފިރާގު ބުނީ އޭނާ މުނައްވަރަށް ފައިސާ ދައްކަމުން ދާކަމާއި، މިހާރު ނުދެއްކި އިންނާނީ 70000ރ ކަމަށެވެ. އަދި ފައިސާ ދެއްކި ސްލިޕްތައް އޭނާގެ އަތުގައި ހުންނާނެ ކަމަށްވެސް ފިރާގު ބުންޏެވެ.

އެހެން ނަމަވެސް އެ ސިލްޕްތައް ޝަރީއަތަށް ހުށަހަޅާފައި ނު ވެއެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުން ތިން ހެއްކެއް ހުށަހަޅާފައިވާ އިރު، ދިފާއުގައި ފިރާގު ހެއްކެއް ހުށަހަޅާފައިނުވެ އެވެ.

އެ މައްސަލައާ ގުޅިގެން އިފްތިތާހީ ބަޔާން ހުށަހަޅަމުން ފިރާގު ބުނެފައިވަނީ އެ ޗެކު ދޫކުރިމަށާއި އޭގައިވާ އަދަދަކީ ތެދު ކަމަށެވެ.

އެ ކުށުގެ އަދަބަކީ އެއް އަހަރާއި 7 މަހާއި 6 ދުވަހެވެ. ނަމަވެސް ފިރާގު ވަނީ މި އަދަބު ޖޫރިމަނާގެ އަދަބަކަށް ލުއި ކޮށްދިނުމަށް ކޯޓުގައި އެދިފަ އެވެ.

ނަމަވެސް އއ މައްސަލާގައި ދައުވާ ލިބޭ ފިރާގު އަކީ މި ދައުވާގެ އިތުރުން، ޗެކް ބައުންސް ވުމުގެ އިތުރު ދައުވާ އެއް ދައުލަތު ކޮށްފައިވާ މީހެއްކަން ކުށުގެ ރިކޯޑުން ސާފުވެ އެވެ. އަދި މި މައްސަލާގައި ދައްކަންޖެހޭ ފައިސާ ދެއްކުމަށް މަސައްކަތް ކޮށްފައިނުވާ ކަމަށް ހުކުމުގައި ބުންޏެވެ.

ހުކުމުގައި ބުނީ ޝަރީއަތް ހިންގުމަށް އެކަށީގެންވާ އެއްބާރުލުން ފިރާގު ދީފައިނުވާ ކަމަށެވެ. އަދި ކޯޓަށް ހާޒިރު ވެފައި ނުވާކަމަށްވެސް ހުކުމްގައި ބުންޏެވެ.

އެހެންކަމުން ޖޫރިމަނާގެ އަދަބެއް ކަނޑައެޅިގެން ދިއުމަކީ އެކަން ތަންފީޒު ނުވެ ބޭކާރު ކަމަކަށްވާނެ ކަމެއްކަމަށްވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން ފިރާގު މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ، އޭނާ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލާން މިދިޔަ ހޯމަ ދުވަހުގައި ވަނީ ހުކުމް ކޮށްފަ އެވެ.