އިމިގްރޭޝަންގެ 200 އޮފިސަރުން ނެރެ މިއަދު ހުޅުމާލޭގައި މާސް އިންސްޕެކްޝަނެއް

އިމިގްރޭޝަންގެ 200 އޮފިސަރުން ނެރެ މުޅި ހުޅުމާލޭގައި މިއަދު ބޮޑު އިންސްޕެކްޝަނެއް ހިންގައިފި އެވެ.
އިމިގްރޭޝަނުން ފަށާފައިވާ ސިލްސިލާ މާސް އިންސްޕެކްޝަންތަކުގެ ދެވަނަ ބުރު މިއަދު ގެންގޮސްފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގަ އެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އިންސްޕެކްޝަނުގެ މިއަދުގެ މަސައްކަތަށް އިމިގްރޭޝަންގެ 200 އަށްވުރެން ގިނަ އޮފިސަރުން ނެރުނު ކަމަށް ބުންޏެވެ.
އިމިގްރޭޝަންގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތާއި، އިކޮނޮމިކް މިނިސްޓްރީއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި، ފުޑް އެންޑް ޑްރަގް އުތޯރިޓީގެ މުވައްޒަފުން ވެސް މި އިންސްޕެކްޝަންގައި ވަނީ ބައިވެރިވެފަ އެވެ.
މި އިންސްޕެކްޝަންތަކުގައި ހިދުމަތް ފޯރުކޮށްދޭ ވިޔަފާރިތައް ހިންގާ ތަންތަނުގެ ސާފު ތާހިރުކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން ވެސް ބަލާނެ އެވެ.