ޚަބަރު

ކުރީގެ ނިންމުންތަކާ މެދު ޝަކުވާއެއް އޮތްނަމަ ހުށަހަޅަން ޕީޖީން ހުޅުވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕްރޮސިކިއުޓާ ޖެެނެރަލް އައްބާސް ޝަރީފް-

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކުރިން ނިންމާފައިވާ ނިންމުންތަކާ މެދު ޝަކުވާއެއް އޮތްނަމަ ހުށަހަޅަން ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.

Ads by STELCO

ޕީޖީ މަގާމާ އައްބާސް ޝަރީފް ހަވާލުވެވަޑައިގަތުމަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ތިން ހަފްތާ ވެގެން ދިޔައިރު ވަރަށް ގިނަ ފަރާތްތަކުން ޝަކުވާ ހުށަހަޅުއްވަމުން ގެންދަވާ ކަމަށެވެ.

އެ ގޮތުން ސިޓީއިންނާއި އީމެއިލުންނާއި އަދި އެސްއެމްއެސްއިން ވެސް ޝަކުވާތައް އައި ކަމަށް އައްބާސް ވިދާޅުވި އެވެ. އަދި ފޯން ކޯލުން ވެސް ޝަކުވާތައް އައިސްފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"އެހެންވީމާ އަޅުގަނޑު ނިންމީ ހުރިހާ ޝަކުވާއެއް އަދި އިތުރަށް ވެސް ހުރި ޝަކުވާއެއް ކަމަށްވެއްޖިއްޔާ އެކަން ފޯމަލައިޒްކޮށްފަ މި އޮފީހުގެ ސިސްޓަމްގެ ތެރެއިން ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް މިއަދުން ފެށިގެން 20 ދުވަހަށް ހުޅުވާލަން،" އައްބާސް ވިދާޅުވި އެވެ.

އައްބާސް އިތުރަށް ވިދާޅުވީ ޝަކުވާތައް ލިބުމާއެކު އެ އޮފީހުގައި އެކަމަށް ހާއްސަ ޓީމެއް އެކުލަވާލާނެ ކަމަށެވެ. އަދި ހުރިހާ މައްސަލަތައް ވަކިވަކިން ދިރާސާކޮށް ބެލުމަށްފަހު  އެ މައްސަލަތަކާ ބެހޭ ގޮތުން ގޮތްތަކެއް ނިންމާނެ ކަމަށެވެ.

އައްބާސް ވިދާޅުވީ ޕީޖީ އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އަދި ޝަކުވާ  ހުށަހަޅާއިރު މައްސަލައިގެ ތަފްސީލު އެނގޭގޮތަށް ހުށަހަޅައިދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެއްވެސް މައްސަލައެއް އިސްވެ ބަލައި ރިވިއުކުރާނެތޯ ނޫސްވެރިން ސުވާލު ކުރުމުން އައްބާސް ވިދާޅުވީ ވަކި މައްސަލައެއް ޕީޖީ އޮފީހުގެ އިސް ނެގުމުގެ މަތިން ނުބަލާނެ ކަމަށެވެ.

Ads by Allied Insurance