ޚަބަރު

ޑޮލަރު މައްސަލަ ހައްލު ކުރަން ސަރުކާރުން އެޅި ފިޔަވަޅުތަކަށް ފައްޔާޒްގެ ތައުފީފް ނަމަވެސް ވިދާޅުވީ ބޭކާރު ޚަރަދު ކުޑަކުރަން ޖެހޭ ކަމަށް

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒު އިސްމާއިލް/ ފޮޓޯ: ދެން

ބޭރު ފައިސާގެ މައްސަލަ ހައްލުކުރަން ސަރުކާރުން ގެނައި ބަދަލުތަކަކީ ރަނގަޅު ފިޔަވަޅެއް ކަމަށާއި އެކަމުގެ ސަބަބުން ބައެއް ކަންކަމަށް ހައްލު ލިބުނު ނަމަވެސް ބަދަލު ގެނަޔަސް ޑޮލަރު މައްސަލަ ހައްލެއް ނުވާނެ ކަމަށާއި އުސޫލުތައް ހަރުދަނާކުރަން ޖެހޭ ކަމަށް ކުރީގެ އޮކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން, ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ފައްޔާޒު މިފަދައިން ވިދާޅުވީ ޑޮލަރު މާރުކުރަން މަޖުބޫރުކޮށް އެމްއެމްއޭއިން އެކުލަވާލި އާ ގަވާއިދާ ގުޅިގެން "އެކްސް" ގައި ކުރި ޕޯސްޓެއްގަ އެވެ.

އެ ގަވާއިދާއެކު ކެޓަގަރީ އޭ ޓޫރިސްޓު ވިޔަފާރިތަކުން މީލާދީ މަހެއްގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން، އެ މަހަަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ދައްކަން ޖެހޭނެ އެވެ. އެ އުސޫލުން ކެޓަގަރީ ބީ ދައްކަން ޖެހޭނީ 25 ޑޮލަރުގެ ރޭޓުންނެވެ.

ފައްޔާޒު ވިދާޅުވީ 2022 ވަނަ އަހަރުގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ޓޫރިޒަމްގެ އާމްދަނީގެ ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން ނިންމާ ފާސްކުރި ކަަމަށެވެ. އެހެންނަމަވެސް އެކަން އެމްއެމްއޭއިން ތަންފީޒުނުކުރާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުވާނީ ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކުރުމާއެކު ފައިސާ މާރުކުރާ ތަންތަން މޮނީޓާކުރެވޭނެ ފަދަ ހަރުދަނާ އުސޫލުތަކެއް ގާއިމުކޮށްގެން ކަމަށެވެ.

އުސޫލުގައި ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ބުނެފައިވާތީ އެކަމާމެދު ކަންބޮޑުވުންފާޅުކުރައްވާ ފައްޔާޒު ވިދާޅުވީ އެކަމަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެތަނަކަށް ދާ ފަތުރުވެރިންގެ އަދަދަށް ބަލާ އާމްދަނީގެ ވަކި ޕަސެންޓެއް މާރުކުރަން ޖެހޭ ގޮތަށް އުސޫލަށް ބަދަލު ގެންނަން ޖަހޭ ކަމަށެވެ.

އެ ތަނަށް އަންނަ ފަތުރުވެރިންގެ ޖުމްލަ އަދަދަށް ބަލައި އާމްދަނީގެ ވަކި ޕަސެންޓެއް މާރުކުރާ ގޮތަށް ހެދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ގަވާއިދު އިސްލާހުކުރަން ކަމާ ބެހޭ އިދާރާތަކަށް ފައްޔާޒު ވަނީ ގޮވާލައްވާފަ އެވެ.

Ads by HDC