ޕާޓީން ވަކިވާން މިހާރު އޮންލައިންކޮށް ހުށަހެޅޭނެ: އިލެކްޝަންސް

ސިޔާސީ ޕާޓީއަކުން ވަކިވާން އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ސިޔާސީ ޕާޓީތަކުން ފަސޭހައިން ވަކިކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގަވައިދު އިސްލާހުކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.
އެ ކޮމިޝަންއިން ގެެޒެޓްކޮށް އަމަލުކުރަން ފެށި އާ އިސްލާހުގެ ދަށުން ޕާޓީގެ މެންބަރަކު ޕާޓީން ވަކިވުމަށް އެދިއްޖެނަމަ، ލަސްވެގެން 14 ދުވަހުގެ ތެރޭގައި ޕާޓީން ވަކިކޮށްދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އަދި އެ ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅައިގެން ވަކިވެވޭ ގޮތަށް ގަވާއިދު އޮތީ ބަދަލުކޮށްފަ އެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕޯޓަލް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުން ވަކިވުމަށް އެދި ހުށެހެޅޭނީ މިއަދުން ފެށިގެން ކަމަށެވެ.
އެ ޕޯޓަލްއަކީ (my.elections.gov.mv) އެވެ.
ސިޔާސީ ޕާޓީގެ ގަވައިދަށް ގެނައި އާ އިސްލާހުގެ ދަށުން ކުރިން ހުރި ޕާޓީއަށް ނޭނގި އެހެން ޕާޓީއަކަށް ބަދަލުކޮށްފިނަމަ އީސީން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، ނޭނގި ރަޖިސްޓަރީކޮށްފައި އޮތް ޕާޓީން ވަގުތުން ވަކިކޮށ،ް ކުރިން އޮތް ސިޔާސީ ޕާޓީއަށް ރުޖޫއަކޮށްދޭންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.