ރައީސްގެ އިންޑިއާ ދަތުރުފުޅުގައި 3 ސިޓީއަކަށް ވަޑައިގަންނަވާނެ
ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑު 3 ސިޓީއަށް ވަޑައިގަންނަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ރައީސް އިންޑިއާ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މި މަހުގެ 6 އިން 10 އަށެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ރައީސްގެ ދަތުރުފުޅުގައި ވެރިރަށް ދިއްލީ އަދި އިންޑިއާގެ ވިޔަފާރީގެ ހަބު މުމްބާއިގެ އިތުރުން އައިޓީގެ ހަބު ބެންގަލޫރަށް ވަޑައިގަންނަވާނެ އެވެ.
ރައީސް، އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި މުހިއްމު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މުހިއްމު ބައެއް އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އެކަމަކު އެކަން ރަސްމީކޮށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
މިދިޔަ ރިޔާސީ ދައުރުގައި، މިހާރު ސަރުކާރު ހިންގާ ޕީއެންސީން ހިންގި "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅިގެން އިންޑިއާ އާ ރާއްޖޭގެ ގުޅުން ހީނަރުވި އެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކޮށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ދެއްކި ވާހަކައާ ގުޅިގެން ގުޅުން އެއަށްވުރެ ބޮޑަށް ހީނަރުވި އެވެ.
ހީނަރުވި ގުޅުން ބަދަހު ކުރުމަށް ރައީސް މުއިއްޒު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
މޯދީ، ބޮޑުވަޒީރުގެ ތިން ވަނަ ދައުރު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޖޫން މަހު ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގެންނެވި އެވެ.
ރާއްޖެ-އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެ ގައުމުގެ ފޮރިން އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވަނީ ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވާފަ އެވެ.
އެ ދަތުރުގައި ޖައިޝަންކަރުއާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިންޑިއާ އާއެކު އޮތް ޒަމާންވީ އެކުވެރި ގުޅުމަކީ އެއް ގައުމުން އަނެއް ގައުމަށް ކަމޭހިތުމުގެ މައްޗަށް ބިނާވެފައި އޮތް ބަދަހިވަމުންދާ އެކުވެރި ގުޅުމެއް ކަމަށެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ އާއި އިންޑިއާ އާ ދެމެދުގައި އޮތް ތާރީހީ ގުޅުން އިތުރަށް ބަދަހިކޮށް، އާ އުސްމިންތަކަކަށް ވާސިލުވުމަށްޓަކައި، މި ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ރާއްޖޭގެ ފޮރެކްސް ރިޒާވް އިތުރު ކުރުމަށް އިންޑިއާގެ ރިޒާވް ބޭންކާ އެކު ކަރަންސީ ސްވަޕެއް ކުރަން މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް މިފަހުން އެމްއެމްއޭއިން ވަނީ ހާމަކޮށްފަ އެވެ. އޭގެ އިތުރުން އެސްބީއައިއިން ނަގާފައިވާ ޓީ-ބިލެއް އިންޑިއާއިން ވަނީ އިންޓްރެސްޓް ނަރާ ގޮތަށް ފަސްކޮށްދީފަ އެވެ.